ރަޝިޔާއިން ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރުކުރި ވެކްސިން ސްޕުޓްނިކް ވީ ގަންނަން ދުނިޔޭގެ ގިނަ ގައުމުތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. މިހާތަނަށް 1.2 ބިލިއަން ޑޯޒްގެ އޯޑަރު ލިބިފައިވާއިރު މި ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި އިންޑިޔާ، ސައޫދީ އަރަބިޔާ، މެކްސިކޯ އަދި ބްރެޒީލް ހިމެނެ އެވެ.
ދިހަ ގައުމަށް ވުރެ ގިނަ ގައުމާއެކު މިހާރު ރަޝިޔާ ވަނީ ޕްރިލިމިނަރީ އެގްރީމެންޓްތަކެއް ހަދާފަ އެވެ. މީގެ ސަބަބުން ރަޝިޔާގެ އިގްތިސާދަށް ވަރަށް ގިނަ ގުނަ ފައިދާ ކުރާނެ ކަމަށް އެ ގައުމުން ބުނެ އެވެ.
ވޯލްޑް ސްޓްޜީޓް ޖާނަލްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މިހާތަނަށް 1.2 ބިލިއަން ޑޯޒްގެ ވެކްސިންގެ އޯޑަރުތައް މޮސްކޯއަށް ލިބިއްޖެ އެވެ. އަންނަ ނޮވެމްބަރު މަހުން ފަހުން ފެށިގެން އެކި ގައުމުތަކުގައި މި ވެކްސިން އުފައްދާ ބޭނުން ކުރަން ފެށޭވަރު ވާނެ ކަމަށް ވެއެވެ. ނަމަވެސް އާއްމުކޮށް މި ވެކްސިން ޖަހައިދޭން ފެށުމުގެ ކުރިން ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ކަމާ ބެހޭ ސިއްހީ އިދާރާތަކުގެ ހުއްދަ ނަގަން ޖެހޭނެ އެވެ.
ވޯލްޑް ސްޓްރީޓް ޖާނަލުން ބުނި ގޮތުގައި ރަޝިޔާ ސައިންސްވެރިން މިހާތަނަށް ފުރިހަމަ ކޮށްފައިވަނީ މި ވެކްސިންގެ ކުދި ކުދި ޓްރަޔަލް ތަކެކެވެ. އަދި އެ ގައުމުގެ ސަރުކާރުގެ ހުއްދަ ހޯދުމުގެ ކުރިން ވެކްސިން ޓެސްޓްކުރަން ޖެހީ އެންމެ 76 ވޮލަންޓިއަރުންގެ ގަޔަށެވެ.
މި ވެކްސިންގެ މިހާތަނަށް ހެދި ޓްރަޔަލްތަކުން މިއީ ބޭނުންކުރުމަށް ރައްކާތެރި ވެކްސިނެއް ކަމަށް ދައްކާފައި ވެއެވެ. ނަމަވެސް ކަމާ ބެހޭ ތަޖުރިބާކާޜުން ބުނަނީ ވެކްސިން އިން އެކަށީގެންވާ އަސަރެއް ކުރޭތޯ އާއި އިތުރު ސައިޑް އިފެކްޓްސްތަކެއް ދިމާ ނުވޭތޯ ޔަގީން ކުރަން ބޮޑެތި ޓްރަޔަލްތައް ހަދަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ މަޝްހޫރު ސައިންސްވެރިން ދައްކާ ވާހަކަތައް އަޑުއަހާކަށް ރަޝިޔާ ބޭނުމެއް ނޫނެވެ. މިއަހަރު ނިމުމުގެ ކުރިން ރަޝިޔާގެ އާބާދީއަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށަން އެ ގައުމުން ދަނީ ތައްޔާރު ވަމުންނެވެ. އަދި ޗައިނާ އިން ވެސް އެ ގައުމުން އަމިއްލައަށް އުފެއްދި ވެކްސިނެއް އެ ގައުމުގެ އެތައް ސަތޭކަ ހާސް ބަޔަކަށް މިހާރު ވަނީ ދީފަ އެވެ. އަވަސް އަރުވާލައިގެން ވެކްސިން އުފައްދާ އެ ބޭނުންކުރުމުގައި ހުރި ނުރައްކާތަކާ ބެހޭ ގޮތުން ތަޖުރިބާކާރުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
"އަހަރެމެން އަދި ޓެސްޓުގެ މަރުހަލާތައް ފުރިހަމައެއް ނުކުރަން. އެހެންވީމާ ވެކްސިންގެ ފައިދާ އެކަށީގެންވާ ގޮތަކަށް ނުކޮށްފިނަމަ ކޮވިޑް-19 އިތުރަށް މާ ވަރުގަދަޔަށް ފެތުރިގަތުމުގެ ނުރައްކާ ވެސް އެބައޮތް،" މިހާރު ޖަހަން ފަށަން ތައްޔާރުވަމުންދާ ވެކްސިންތަކާ މެދު ހިތްހަމަނުޖެހޭ ސައިންސްވެރިއަކު ބުންޏެވެ.
އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ ރަޝިޔާ އާއި ޗައިނާގެ ވެކްސިން އެ ގައުމުން ބޭނުންކުރުމަކީ އެހާ ގާތްކަމެއް ނޫން ކަމަށެވެ. ސަބަބަކީ ޓެސްޓްކުރުމުގެ މަރުހަލާތައް ގެންދާ ގޮތުންނެވެ.
މި ވެކްސިން އަކީ ރަޝިޔާ އަށް އެހެން ގައުމުތަކުގެ ތާއީދު ހޯދައި އަދި އެ ގައުމުގެ ޚަރާބުވެފައިވާ ނަން އަލުން ރީތިކުރަން ލިބިދާނެ ފުރުސަތެކެވެ. ނަމަވެސް އެކަން އެހެން ވާނީ ވެކްސިނުން މައްސަލައެއް ދިމާނުވެއްޖެނަމަ އެވެ.
ރަޝިޔާ އިން ބުނެފައިވަނީ އެ ގައުމުގެ އާބާދީ އަށް ޖަހަން ބޭނުންވާ 30 މިލިއަން ޑޯޒްގެ ވެކްސިން މިއަހަރު ނިމެންވާއިރަށް ތައްޔާރު ކުރެވޭނެ އެވެ.
ޖޯންސް ހޮޕްކިންސް ޔުނިވަސިޓީ އިން އެއްކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި ރަޝިޔާގެ 10 ލައްކައަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް ކޮވިޑް-19 ވަނީ ޖެހިފަ އެވެ.
ދަ ވޯލް ސްޓްރީޓް ޖާނަލުން އިތުރަށް ބުނެފައިވާ ގޮތުގައި ރަޝިޔާއިން މިހާރު ގެންދަނީ އިންޑިޔާ، ބްރެޒީލް އަދި ސައުތު ކޮރެއާގައި ހުރި ވެކްސިން އުފައްދާ ކުންފުނިތަކަށް ކޮވިޑް-19 ވެކްސިން އުފެއްދުމަށް ބޭނުންވާ ޓެކްނޮލޮޖީ ޓްރާންސްފާ ކޮށްދެމުންނެވެ. އެ ގައުމުތަކުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމްތައް ފަށާނީ އެ ވެކްސިން އެ ގައުމުތަކުގައި އުފައްދައިގެންނެވެ.
މި ވެކްސިންގެ ކްލިނިކަލް ޓެސްޓިން ހެދުމަށް ދުނިޔޭގެ ބައެއް ގައުމުތަކާ އެކު ރަޝިޔާ މިހާރު ވަނީ އެއްބަސްވުންތަކެއް ހަދާފަ އެވެ. މި އެއްބަސްވުން ހަދާފައިވާ ގައުމުތަކުގެ ތެރޭގައި ޔޫއޭއީ، ސައޫދީ އަރަބިޔާ، މިސުރު، ބެލާރުސް ހިމެނެ އެވެ.
މެކްސިކޯގެ ޚާޜިޖީ ވަޒީރު ވިދާޅުވެފައިވަނީ ރަޝިޔާ ވެކްސިން ޓެސްޓްކުރުމުގެ ގޮތުން ވަރަށް ފުޅާކޮށް ހަދާ ޓްރަޔަލްއެއްގައި އެ ގައުމުން ބައިވެރިވާން ބޭނުންވެ އެވެ. އެގޮތުން އެ ގައުމުގެ 1000-500 އާ ދެމެދުގެ އަދަދެއްގެ ވޮލަންޓިއަރުންނަށް ވެކްސިން ދޭނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
ފިލިޕީންސް އިން ވެސް ބުނެފައިވަނީ ރަޝިޔާ އަދި ޗައިނާ ވެކްސިން އަށް އިސްކަން ދޭނެ ކަމަށެވެ. ސަބަބަކީ ހުޅަނގުން އުފައްދާ ވެކްސިންތަކުގައި މާ ވިޔަފާރީގެ ގޮތްގަނޑު ބޮޑުވީމަ އެވެ. ރަޝިޔާ ވެކްސިން ވިއްކާނެ އަގެއް އަދި އިއުލާނެއް ނުކުރެ އެވެ.