ލައިފްސްޓައިލް

މީހެއްގެ ހިތް ނުވަ ފަހަރަށް ހުއްޓިފައި ހިނގައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫ ދާބީގައި ދިރިއުޅޭ އަދިލް މަހްމޫދު ޝަވްގީ، 59، އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ މޭގައި ރިއްސާތީ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އާދިލްގެ ހޭވެރިކަން ހުއްޓެވެ. ވާނުވާ އެނގެ އެވެ. އަދި އޭނާއަށް ވަނީ ކިހިނެއްކަން ވެސް އާދިލް އަށް އެނގެ އެވެ.

އެމްބިއުލެންސްގައި އޭނާ ގެންދިޔަ ވަގުތު އޭގެ ތެރޭގައި އީސީޖީ ވެސް ހެއްދި އެވެ. އެހެންވެ އޭނާ އަށް ޖެހުނީ ހާޓް އެޓޭކެއް ކަން ހޮސްޕިޓަލަށް ވެއްދުމުގެ ކުރިން ހޮސްޕިޓަލުގެ އިމަޖެންސީގައި މަސައްކަތްކުރާ މީހުންނަށް އޮތީ އެނގިފަ އެވެ. އެހެންވެ އޭނާ ގެންނަން ވާއިރަށް ހިތުގެ ބްލޮކް ފިލުވާލަން ކުރަން ޖެހޭ ހުރިހާ ކަމެއްގެ ތައްޔާރީތައް ހޮސްޕިޓަލުން އޮތީ ވެފަ އެވެ.

އާދިލްގެ ކޭސްގައި ވީ ގޮތަކީ އޭނާއަށް ފަރުވާ ދިނުމަށް ޓީމުން ފުރިހަމައަށް ތައްޔާރުވެފައި ހުއްޓާސް ހޮސްޕިޓަލަށް ވެއްދިމާ މާ ގިނަ އިރެއް ނުވެ އޭނާ ކާޑިއެކް އެރެސްޓަކަށް ދިޔައެވެ. ވިންދު ގެއްލި ނޭވާ ލުން ވެސް ހުއްޓުނެވެ. އެ ފަހަރު އޭނާގެ ވިންދު އަލުން ލިބުނީ ޑޮކްޓަރުން ހިތް ހިންގަން ވަރަށް ގިނަ މަސައްކަތް ކޮށްގެންނެވެ. އޭގެ ތެރޭގައި ޑެފިބްރިލޭޓާ ޝޮކް ވެސް ހިމެނުނެވެ.

އޭނާއަށް އެ ވަގުތު ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ޑޮކްޓަރަކު ބުނި ގޮތުގައި ވިންދު އަލުން ޖަހަން ފެށީތަނާ އަނެއްކާ އިތުރު ކާޑިއެކް އެރެސްޓެއް އާދިލް އަށް ކުރިމަތިވި އެވެ.

"މިއީ ވަރަށް އާދަޔާޚިލާފު ކޭހެއް. ޑެފިބްރިލޭޓާ ޝޮކް ދީގެން އަހަރެމެން ހިތް އަލުން ހިންގުމުގައި ކާމިޔާބު ލިބޭއިރަށް އަނެއްކާ ވިންދު ގެއްލި ކާޑިއެކް އެރެސްޓަށް ދޭ. މިގޮތަށް ނުވަ ފަހަރަށް ވި. ކޮންމެ ފަހަރަކު އަނެއްކާ ކުރިން ކުރި ހުރިހާ މަސައްކަތެއް ކޮށްގެން ހިތް ހިނގައިގަންނަނީ. އެވަރުން ވެސް އަހަރުމެން ދޫނުކޮށް މަސައްކަތްކުރީ. އަދި މަރުގެ ތުންފަތްމަތިން އަހަރުމެން އޭނާއަށް ދިރިއުޅުން އަނބުރާ ހޯދާދިނުމުގައި އަހަރެމެންނަށް ކާމިޔާބު ލިބުނު،" ޑރ. ކޯބާސީ ވިދާޅުވި އެވެ.

އެންމެ ފަހުން އޭނާ ކުޑަކޮށް ހަމަޔަކަށް އެޅިލުމުން ކަރު ތެރެއަށް ބްރީދިން ޓިއުބެއް ލައްވައިގެން ކާޑިއެކް ކެތެރައިޒޭޝަން ލެބޯޓްރީ އަށް ގެންގޮސް ބްލޮކްވެފައިވާ އާޓްރީގައި ސްޓެންޓެއް ލެއްވިއެވެ. އަދި އިންޓްރާ-އާއޯޓިކް ބެލޫން ޕަމްޕެއް ވެސް ހަރުކުރި އެވެ. އެއީ އޭނާގެ ވަރުދެރަވެފައިވާ ހިތުން ލޭ ޕަމްޕްކޮށްދިނުމަށް އެހީތެރިވުމަށެވެ.
ދެން އާދިލް ގެންދިޔައީ އައިސީޔޫ އަށެވެ. އޭރުވެސް ހާލު ވަރަށް ބޮޑެވެ. ނަމަވެސް އޭނާއަށް ފަރުވާދިން ޓީމުން ކުރި ބުރަ މަސައްކަތުން ދުވަސްކޮޅަކުން އޭނާގެ ބްރީދިން ޓިއުބާއި ހާޓް ޕަމްޕް ނެގޭ ވަރު ވިއެވެ. އަދި އިށީނދެލައިގެން އިނދެ އާއިލާގެ މީހުންނާ ވާހަކަ ދައްކާލާ އުޅެވޭވަރަށް ހާލު ރަނގަޅު ވިއެވެ. އަދި ދެ ހަފުތާ ފަހުން މުޅީން ރަނގަޅުވެގެން ގެއަށް ފޮނުވާލެވުނެވެ.

އާދިލް އަކީ ދެ ފަހަރަށް ސްޓްރޯކް ޖެހި ސަލާމަތްވެފައިވާ މީހެއް ވެސް މެއެވެ. ހާޓް އެޓޭކް ފުރަތަމަ ފަހަރު ޖެހުނުއިރުވެސް މޭގައި މާ ގަދަޔަށް ރިއްސަން ފެށުމުން އޭނާ ހީކުރީ އަނެއްކާ ސްޓްރޯކެއް ޖެހެނީކަމަށެވެ.
"އަހަރެންގެ މޭގައި ވަރަށް ގަދަޔަށް ރިއްސަން ފެށީމަ އަންހެނުން ކައިރީ ބުނިން އެމްބިއުލެންސް އަށް ގުޅަން. ހޮސްޕިޓަލަށް ވެއްދިއިރު ވެސް އަހަރެން ހަމަ ރަނގަޅު. އެކަމަކު އެހިސާބުން ޚަބަރު ހުސްވެއްޖެ،" އާދިލް ބުންޏެވެ.
ނުވަ ފަހަރަށް ހިތް ހުއްޓުމުން އަހަރެންނަށް ފަރުވާ ދިން ޑޮކްޓަރުން އަހަރެން ބަލި މުޅިން ފަސޭހަ ވަންދެން ވަރަށް ރަނގަޅަށް ކަންތައް ކޮށްދިނީ. ކޮންމެ ދުވަހަކުވެސް އެމީހުން އަހަރެންގެ ހާލު ބަލާނެ، އާދިލް ބުންޏެވެ.