ހަބަރު

ޔައުގޫބުގެ މައްސަލަ ކޯޓުން ބަލައިގެންފި

ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯތުން ބަލައިގެންފި އެވެ.

ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ، ނ. ވެލިދޫ، އެލްޕާޝޯ، މުހައްމަދު ހަލީމް އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔައުގޫބް އައްޔަން ކުރެއްވުމުން އޭނާގެ މަޖިލީހުގެ ގޮނޑިއާމެދު ވަނީ ގާނޫނީ ބަހުސެއް އުފެދިފަ އެވެ.

ބައެއް ވަކީލުން ވިދާޅުވީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލަށް މެމްބަރު ކަން ގަބޫލު ކުރެއްވުމާއެކު ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހެއް އަދި 8 ގައި ބުނާ ސަރުތު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުގެ ކިބައިން ގެއްލި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުން އެ މެންބަރު މެންބަރުކަމުން ވަކި ވާނެ ކަމަށެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން މަޖިލީހުގެ މެންބަރަކު މަގާމުގައި ހުރެ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް އަދައެއް ނުކުރެވޭނެ އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުސްތަގިއްލު ޝަހުޝެއް ކަމަށް އެ ގާނޫނުގައި ބުނެފައި ވެއެވެ.

އެކަމާ ގުޅިގެން ޔައުގޫބު ވިދާޅުވީ އޭނާ އެ މަގާމާއި ހަވާލުވެވަޑައިގެންނެވީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ކަމަށާ ނަމަވެސް ގާނޫނީ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުމުން މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.