ހޮލެންޑް

ހޮލެންޑްގެ ކޯޗަކަށް ޑިބޯއާ ހަމަޖައްސައިފި

މަގާމު ހުސްވެފައިވާ، ނެދާލޭންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗްގެ މަގާމަށް ފްރޭންކް ޑި ބޯއާ ހަމަޖައްސައިފި އެވެ.

ޑިބޯއާ މަގާމު ހަމަޖައްސީ ދެ އަހަރު ދުވަހަށެވެ. އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕަށް ފަހު އެވެ. ކުރިން ޑިފެންޑަރަކަށް ކުޅުނު ޑިބޯއާ ވަނީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް 112 މެޗުގައި ކުޅެފަ އެވެ.

ހޮލެންޑްގެ ކޯޗްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުރި ރޮނަލްޑް ކޫމަން މިދިޔަ މަހު ބާސެލޯނާގެ ކޯޗް ކަމާ ހަވާލުވުމުންނެވެ. ބާސެލޯނާ އަށް ކުޅުނު ޑި ބޯއާ ވަނީ ކޯޗެއްގެ ގޮތުގައި އަޔެކްސްއަށް ގިނަ ކާމިޔަބުތަކެއް ހޯދައިދީފަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ހޮލެންޑް ލީގް ޖެހިޖެހިގެން ހަތަރު ފަހަރު އަޔެކްސް އަށް ހޯދައިދިނެވެ. ދެހާސް އެގާރައިން 2014 ވަނަ އަހަރާ ހަމަށް ހޮލެންޑްގެ ލީގް ޖެހިޖެހިގެން އަޔެކްސް ހޯދުމަކީ ރެކޯޑެކެވެ.

ގައުމުން ބޭރުގައި ކޯޗެއްގެ ގޮތުގައި ކުރި ތަޖުރިބާ ޑިބޯއާއަށް ރަނގަޅެއް ނޫނެވެ. އިންޓަ މިލާންގެ ކޯޗް ކަމުގައި 2016 ވަނަ އަހަރު އޭނާ އަށް ހޭދަ ކުރެވުނީ 85 ދުވަހެވެ. އެއަށް ފަހު މަގާމުން ވަކި ކުރި އެވެ. ޖެހިގެން އައި އަހަރު ކްރިސްޓަލް ޕެލަސް އާއެކު އޭނާ ހޭދަ ކުރީ 10 ހަފުތާ އެވެ. އެންމެ ފަހުން އޭނާ މަސައްކަތް ކުރީ އެމެރިކާގެ އެޓްލާންޓާ ޔުނައިޓެޑްގަ އެވެ. އެ ޓީމާއެކު ޔޫއެސް އޯޕަން ކަޕް ކާމިޔާބު ކުރި އެވެ. އެ ޓީމުގެ ކޯޗް ކަމުން އޭނާ ވަކިވީ ޖުލައި މަހު އެވެ.

ހޮލެންޑްގެ ޓީމާ ޑިބޯއާ ހަވާލުވާއިރު ކައިރީގައި މެޗުތަކެއް އެބަހުއްޓެވެ. އަންނަ މަހު ކުރީ ކޮޅު މެކްސިކޯ އާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި ޔޫއެފާ ނޭޝަން ލީގްގައި ބޮސްނިއާ އަދި އިޓަލީއާ ދެކޮޅަށް ޑިބޯއާގެ ކޯޗް ކަމުގެ ދަށުން ހޮލެންޑް ނުކުންނާނެ އެވެ.