ރާއްޖޭގައި އެތްލެޓިކްސް ޓްރެކެއް ނެތުމުން އެކަން ކުރުމަށް އޭޝިޔާގެ އެތްލެޓިކްސް ފެޑަރޭޝަނުގެ އެހީ އަށް ދިވެހިރާއްޖެއިން އެދެފި އެވެ.
މިކަމަށް އެދުނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން އޭޝިއަން އެތްލެޓިކްސް ފެޑަރޭޝަނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ. ގަތަރުގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި އެ ފެޑަރޭޝަނުގެ ފަރާތުން ބައިވެރިވީ ރައީސް ދަހްލާން ޖުމާން އަލް ހަމަދެވެ. ރާއްޖެއިން ބައިވެރިވީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގެވެ.
ރާއްޖޭގައި އެތްލެޓިކްސް ޓްރެކެއް ނެތުމަކީ ދުވުންތެރިން އެންމެ އެކަށީގެންވާ ގޮތަށް ތަމްރީނު ކުރުމަށް މިހާރު ދިމާވަމުން އަންނަ އެންމެ ބޮޑު ހުރަސް ކަމަށް ދުވުންތެރިންނާއި އެތްލެޓިކްސް އެސޯސިއޭޝަނުން ވެސް ދަނީ ބުނަމުންނެވެ.
ޝަވީދާއި މަރުޒޫގް ވަނީ ރާއްޖެގެ އެތްލެޓިކްސް ތަރައްގީ ކުރުމަށް ބޭނުންވާ އެނޫން ވެސް ކަންކަމާމެދު މަޝްވަރާކޮށްފަ އެވެ. މީގެ ތެރޭގައި ރާއްޖޭގެ ދުވުންތެރިންނާއި ކޯޗުން ބޭރު ގައުމުތަކުގައި ތަމްރީނު ކުރުން ހިމެނެ އެވެ.