ކުޅިވަރު

ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެވިދާނެ: ގައުމީ ކޯޗު

ފުޓްބޯޅަ އަކީ ހައިރާންކުރުވަނިވި ނަތީޖާތަކަކާއެކު އެކުލެވޭ ހަރަކާތެއް ކަމަށާއި ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ގަތަރާ ދެކޮޅަށް އެފަދަ ނަތީޖާއަކަށް އުއްމީދުކުރާ ކަމަށް ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ގްރޫޕުގެ އެއްވަނާގައި އޮތް ވަރުގަދަ ގަތަރާމެދު ޖެހިލުންވެ، ރާއްޖެއިން މުޅި މެޗުގައި ޑިފެންސް ނުކުރާނެ ކަމަށް ވެސް މިދިޔަ މަހު ޓީމާ ހަވާލުވި ނިއުޒީލޭންޑްގެ ކުރީގެ ކޯޗު ބުންޏެވެ.

"މިއީ އަހަރުމެންނަށް ވަރަށް ހާއްސަ މެޗެއް. ގަތަރަކީ ވަރަށް ރަނގަޅު ވަރަށް ވަރުގަދަ ޓީމެއް. މިއީ ބޮޑު ޗެލެންޖެއް. އަހަރުމެން މެޗާމެދު ދެކެނީ ޕޮޒިޓިވްކޮށް. ފުޓްބޯޅައަކީ ހައިރާންކުރުވަނިވި ކަންތައްތަކުން ފުރިފައި އޮތް ކުޅިވަރެއް. މާދަމާ (މިއަދު) އަހަރުމެންނަށް އޭގެތެރެއިން ކަމެއް ފެނިދާނެ،" 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ނުކުތުމުގެ ކުރިން ގައުމީ ކޯޗު ބުންޏެވެ.
މީގެ އިތުރުން ކޯޗު ބުނީ މި މެޗުގައި ވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭނެ ކަމަށެވެ.

މި ދެ ޓީމު މިދިޔަ ޖޫން މަހު ރާއްޖޭގައި ކުޅުނު މެޗުން ގަތަރު މޮޅުވީ މެޗުގެ އިތުރުވަގުތުގެ އަށް މިނިޓް ނިމިނިމިއޮއްވައި އަކުރަމް އަބުދުލްގަނީގެ ފައިގައި ޖެހިފައި ވަން ގޯލުންނެވެ. މިހެންވެ ގަތަރުގެ ކޯޗު ހޯސޭ ޑެނިއަލް ކަރެއިނޯ ބުނީ ރާއްޖެ މެޗު ފަސޭހަކޮށްނުލާނެ ކަމަށެވެ. އަދި ޗައިނާ އަތުން މިދިޔަ ހަފުތާގައި މޮޅުވެފައިވުމުން އެކަމާ މެދު ފަހރުވެރިވެގެން ރާއްޖެއާދެކޮޅަށް ނުނުކުންނާނެ ކަމަށެވެ.

"އާއްމުކޮށް، ބޮޑު ޓީމަކާ ދެކޮޅަށް މޮޅުވެވުނީމަ ޖެހިގެން އަންނަ މެޗުގައި ކުޅުން ދަށްވޭ. އަހަރުމެން އެންމެ ފޯކަސްކޮށްގެން މިތިބީ ރާއްޖެ މެޗަށް،" ކޯޗު ބުންޏެވެ.

މި ދެ ޓީމުގެ ތެރެއިން ކޮލިފައިންގައި ރާއްޖެ އަށް މިހާތަނަށް ލިބިފައިވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެގެން ގްރޫޕުގެ ފުލުގައި އޮތް ބޫޓާން ބަލިކޮށް މިދިޔަ ހަފުތާގައި ލިބުނު ތިން ޕޮއިންޓް އެކަންޏެވެ. މިއާ ހިލާފަށް ގަތަރު އޮތީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ.