ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު ބަލަނީ

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ހަގީގީ އަދަދު ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓް ހަދަން ފެށުމަށް ތައްޔާރު ވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑްގެ އެއްވެސް އަލާމާތް ނުފެނި ބަލިޖެހިފައި ހުރިކަން ނޭނގި އެތަށް ބަޔަކު ރަނގަޅުވެފައި ވެއެވެ. ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ހެލްތު އެކްސްޕާޓު ޑރ. ޝީނާ މޫސާ ވިދާޅުވީ ރާއްޖޭގެ މުޅި އާބާދީގެ ތެރެއިން ކޮވިޑް ޖެހުނު މީހުންގެ އަންދާޒާއެއް ކުރަން އެންޓިބޮޑީ ޓެސްޓް ހަދަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭ އެ މަަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މަސައްކަތް އަމަލީ ގޮތުން ފެށޭނެ ކަމަށް ލަފާ ކުރެވެނީ އޮކްޓޫބަރު ތެރޭގައި. މިހާރު ވެސް އޭގެ ތައްޔާރީތަކުގެ މަަސައްކަތް ކުރަމުން ދޭ. އެކަމަކު އަމަލީ ގޮތުން މަަސައްކަތް ފެށޭވަރު ވާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާ ފެށޭ ހިސާބުގައި ނޫނީ ނިމޭ ހިސާބުގައި. އެއަށްވުރެ އަވަސްވާނެ ކަމަކަށް ނުބެލެވޭ،"

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ބަލި ޖެހުނު ކަމަށް އެސްޓިމޭޓް ކުރެވޭ އަދަދެއް ހޯދަން ކުރަން ނިންމާފައިވާ މަސައްކަތަށް ސްޓަޑީ ޕްލޭން ހަދާ ނިމި އެ ފާސްކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ފަހުގެ ދެތިން މަސްތެރޭގައި ގާތްގަނޑަކަށް ކިހާ މީހުންނަކަށްތޯ މި ބަލި ޖެހިފައި ރަނގަޅުވެފައި ހުރީ،"

އެ މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއެކުގަ އެވެ.

ކޮވިޑްގައި ރާއްޖެއިން 200 ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް 9،939 މީހަކަށް ކޮވިޑް ބަލި ޖެހިފައިވެއެވެ. އެމީހުންނަށް ބަލި ޖެހިފައިވާކަން އެނގިފައިވަނީ މިހާތަނަށް ނެގި 144،928 ސާމްޕަލް ޓެސްޓް ކުރުމުންނެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 8،597 މީހުން ވަނީ ބަލިން ރަަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 80 އިންސައްތައެވެ. މިވަގުތު ބަލިން ރަނގަޅުނުވެ ތިބީ 1،301 މީހުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދަނީ 87 މީހުންނެވެ. އޭގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރުގައެވެ. އަދި ހަތަރު މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑްގައި ރާއްޖެއިން 34 މީހަކު ވަނީ މަރުވެފައެވެ.