ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ލޯނު ތަކަށް ފައިސާ ދެއްކި އަދަދު ދަށަށް

Sep 25, 2020

ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން ހޭދަކުރި ފައިސާގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އާއްމު ކުރި ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލޯނުތަކަށް ދައްކާފައި ވަނީ 878.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ދެއްކި އަދަދު މިވަނީ 683.5 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

މި އަހަރުގެ ބަޖެޓުގައި ލޯނުތައް އަނބުރާ ދައްކަން 1.8 ބިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އާމްދަނީ އަށް ހީނަރުކަން އައިސްފައި ވާއިރު، ސަރުކާރުން ދަނީ އާއްމު ހިދުމަތްތައް ދޭން ބޭނުންވާ ފައިސާ ހޯދަން ލޯނު ނަގަމުންނެވެ. މި ސަރުކާރުން މިދިޔަ އަހަރު ނިމުނުއިރު ތިން ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވެ އެވެ. ފިނޭންސުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ބަލާއިރު ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 70 ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަން ގިނަ އަދަދެއްގެ ލޯނު ނަގާފައިވެ އެވެ. މި ލޯނުތައް ގިނައިން ނަގާފައިވަނީ ޗައިނާ އާއި އެ ގައުމުގެ ބޭންކްތަކުންނެވެ. އެހެންވެ، އެ ވެރިކަން ނިމުނުއިރު ޗައިނާގެ ދަރަނި އޮތީ މަތީގަ އެވެ. ނަމަވެސް ޗައިނާ ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ލޯނުތައް ފަސްކޮށް ދޭން ނިންމާފަ އެވެ.