ކުޅިވަރު

މަހިބަދޫގެ ޑިފެންޑަރު ސަމޫހު މަސްވެރިކަން ކުރާ ވާހަކަ ގަތަރު މީޑިޔާތަކުގައި

ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ރާއްޖެ އާއި ގަތަރު ބައްދަލުކުރާއިރު ދިވެހި ޑިފެންޑަރު ސަމޫލް އަލީ އަކީ މަސްވެރިއެއްކަމަށް ގަތަރު މީޑިޔާތަކުން ފާހަގަކޮށްފި އެވެ.

ރާއްޖޭގެ ގައުމީ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓްއާ ހަވާލާދީ ގަތަރުގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ގަތަރާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ޒުވާން ކުޅުންތެރިންނަށް ގައުމީ ކޯޗު ފުރުސަތުދޭނެ ކަމަށެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ މިދިޔަ ހަފުތާގައި ފުރަތަމަ ފަހަރަށް ގައުމީ ޖާޒީގައި ކުޅުނު މަހިބަދޫގެ ޑިފެންޑަރު ސަމޫހް އަލީ ކަމަށެވެ.

އަދި އުމުރުން 19 އަހަރުގެ ސަމޫހް އަކީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިއެއް ކުޅުންތެރިއެއް ކަމަށާއި ފުޓްބޯޅަ ނުކުޅޭނަމަ އޭނާ ކުރާ މަސައްކަތަކީ މަސްވެރިކަން ކަމަށެވެ. ސަމޫހް ވަނީ އޭނާގެ ފުރަތަމަ ފެނިލުމުގައި ވެސް ގައުމީ ޓީމުގެ ފަހަތުގައި މޮޅަށް ކުޅެ ގިނަ ކޯޗުންގެ ސަމާލުކަން ހޯދައިފަ އެވެ.

ވަސީލަތްތައް މަދު ރާއްޖޭގައި ސަމޫހް ފަދަ ބައެއް ކުޅުންތެރިން ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަން ކުރާ ވާހަކަ ފާހަގަކޮށްފައިމިވަނީ މި ދެ ގައުމުގެ ފުޓްބޯޅައިގެ ތަފާތު ދައްކުވައިދިނުމަށެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ މެދުއިރުމަތީގެ ތެލުގެ މުއްސަދިކަން ލިބިފައިވާ ގަތަރަކީ ފީފާ ރޭންކިންގައި ވެސް ރާއްޖެ އަށްވުރެ ކުރީގައިވާ ގައުމެކެވެ. ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހަނާންޑޭޒް ފަދަ ކުޅުންތެރިން އެގައުމުގެ ލީގުގައި ކުޅެމުން އަންނަ ގަތަރު އޮތީ ފީފާ ރޭންކިންގެ 92 ވަނާގަ އެވެ. ރާއްޖެ އޮތީ 176 ވަނާގަ އެވެ.

މިއަދުގެ މެޗަށް މި ދެ ގައުމު ނުކުންނައިރު ރާއްޖެ އޮތީ ފަސް ގައުމު ވާދަކުރާ ގްރޫޕުގައި ފަހަތުން ދެ ވަނާގަ އެވެ. ރާއްޖެ އަށް ލިބިފައިވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ގްރޫޕުގެ ފުލުގައި އޮތް ބޫޓާން 4-3 އިން ބަލިކޮށް މިދިޔަ ހަފުތާގައި ލިބުނު ހަމައެކަނި ތިން ޕޮއިންޓެވެ. މިއާ ހިލާފަށް ގަތަރު އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ޓޭބަލުގެ އެއްވަނާގަ އެވެ. އެމީހުން ވަނީ ބޫޓާން ކޮޅަށް ވެސް 15 ލަނޑު ޖަހައިފަ އެވެ. ގަތަރާއި ރާއްޖެ މާލޭގައި ކުޅެގެން އެ ގައުމު މޮޅުވީ އިތުރު ވަގުތުގެ ފަހު މިނިޓްގައި ޖެހި ގޯލުންނެވެ.