ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެކޮންމިކް ރިލީފް ޕެކެޖް

އިންކަމް ސަޕޯޓަށް 79 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުނަށް އެހީވާން އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 79 މިލިއަން ރުފިޔާ އަށްވުރެ މަތި ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި އިންކަމް ސްޕޯޓްސް އެލަވަންސް މައުލޫމާތުތައް ދައްކާ ގޮތުގައި މިހާތަނަށް 79.2 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

"އިންކަމް ސްޕޯޓް އެލަވަސް" ދޫކުރަނީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުނަށެވެ. މި ފައިސާ ދޫކުރަނީ އޭޕްރީލް މަހާއި ޖޫން މަހަށެވެ. އެއީ "އިކޮނޮމިކް ރިލީފް ޕެޖޭޖު" ގައި ހިމަނައިގެން 5،000ރ. ގެ މަގުންނެވެ. އެހީ ދެނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ. އިންކަމް ސަޕޯޓް އެލަވަންސަށް އެދިި ހުށަހަޅަން ޖެހެނީ "ޖޮބް ސެންޓަރު ޕޯޓަލް" އަށެވެ.

އިންކަމް ސްޕޯޓް ލިބޭނެ ހާލަތްތައް

  • ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ވަޒީފާ ގެއްލުން
  • މުސާރަ ނުލިބޭ ގޮތަށް ލީވް އަށް ފޮނުވާ މީހުން
  • މުސާރަ އުނިކޮށް، އާމްދަނީ ހީނަރުވާ މީހުން
  • އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރެއިން، އާމްދަނީއަށް އަސަރު ކުރުން

ސަރުކާރުން އިންކަމް ސަޕޯޓް ދޫކުރަން ފެށުމާ ގުޅިގެން، ވޯލްޑް ބޭންކުން ވެސް ވަނީ 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 197 މިލިއަން ރުފިޔާ) ދޫކުރަން ނިންމާފަ އެވެ. ވޯލްޑް ބޭންކުގެ މި އެހީ ލިބުމާއެކު ވަޒީފާ ގެއްލި ނުވަތަ އަސަރު ކޮށްފައިވާ ގާތްގަނޑަކަށް 13،000 މީހުނަށް އެލަވަންސް ދިނުމުގެ ގާބިލުކަން ލިބިގެން ދާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ. ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 ވަޒީފާ އަކަށް އަސަރު ކޮށްފައިވެ އެވެ. ޓޫރިޒަމް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާ އެއް ކަމަށްވާ ޓޫރިޒަމް އިމްޕްލޯއީމަންޓް އެސޯސިއޭޝަން (ޓީމް) އިން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 11،000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ "ނޯޕޭ ލީވް" ދީ ގެއަށް ފޮނުވާލާފަ އެވެ. އަދި ގައުމީ ޔުނިވާސިޓީން ކުރި ދިރާސާ އަކުން ދެއްކި ގޮތުގައި ސާވޭގައި ބައިވެރިވި ވަޒީފާތަކުގައި މަސައްކަތް ކުރާ މިހުންގެ ތެރެއިން ކޮންމެ 10 މީހަކުން ފަސް މީހެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ.

Message by Ministry Of Health