ލައިފްސްޓައިލް

ތިން ފިރިން މަރުވުމުން ހަތަރުވަނަ މީހާއަށް ދުއާ ކުރަނީ

އަފްޣާނިސްތާނުގެ މީހެއް ކަމަށްވާ ތާޖް ބީބީ އަކީ އުމުރުން އެންމެ 33 އަހަރުގެ އަންހެނެކެވެ. އޭނާގެ ތިން ފިރިން މިހާތަނަށް ވަނީ މަރުވެފަ އެވެ. އެ އެންމެން ވެސް މަރުވީ ތާލިބާނުންގެ ހަނގުރާމަވެރިންގެ ހަމަލާ ތަކުގަ އެވެ. މިހާރު ބީބީ ވަނީ ހަތަރު ވަނަ މީހާ އާ ކައިވެނި ކޮށްފަ އެވެ. އޭނާގެ ހަތަރުވަނަ ފިރިއަކީ ވެސް އަފްޣާން ސިފައިންގެ މީހަކެވެ. އަދި އޭނާ ވެސް މިހާރު ވަނީ ތާލިބާނުންނާ ހަނގުރާމައަށް ގޮހެވެ.

ތާޖް ބީބީ ހަތަރު ކައިވެނި ކުރިއިރު މި ހަތަރު މީހުންނަކީ އެއްބަނޑު އެއްބަފާ މީހުންނެވެ. އެކަކު މަރުވީމަ އަނެކަކާ ކައިވެނި ކުރަނީ އެވެ. އެހެންވެ ފިރިމީހާގެ ތިން ބޭބެއިންނަށް ވީ ގޮތަށް މިހާރުގެ ފިރިމީހާ ވެސް މަރުވެދާނެދީ ބީބީ ހުރީ ވަރަށް ބިރުގަނެ ކަންބޮޑުވެފަ އެވެ.
ހަވަނަ ކުއްޖާއަށް މިހާރު ބަލިވެ އިނދެ ވިހަން ކައިރިވެފައިވާ ތާޖް ބީބީ މިހާރު އަބަދުވެސް އިންނަނީ ދުއާ ކޮށްލަ ކޮށްލަ އެވެ. އެހެން ފިރިހެން ފަދައިން މިހާރުގެ ފިރިމީހާ މަރުވެ އޭނާ ހުވަފަތް ނުވޭތޯ އެވެ.

މިހާރުގެ ފިރިމީހާ އަމީނުﷲ ގެ ބޭބެ އާ ބީބީ އަލަށް ކައިވެނި ކުރިއިރު އޭނާއަށް 18 އަހަރެވެ. އެއީ ވެސް ސިފައިންގެ މީހެކެވެ. ވަރަށް އުފާވެރި ދިރިއުޅުމެއް އެ ދެމަފިރިން އުޅެމުން ދަނިކޮށް ތާލިބާން ހަނގުރާމައިގައި އޭނާ މަރުވީ އެވެ. ފުރަތަމަ ފިރިމީހާ މަރުވިތާ މާ ގިނަ މަސްތަކެއް ނުވެ ތާޖް ބީބީ ވަނީ އެ ފިރިހެންމީހާ ޖެހިގެން ހަގަށް ހުރި ކޮއްކޮ އާ ކައިވެނިކޮށްފަ އެވެ. އެއީ ވެސް ސިފައިންގެ މީހެކެވެ.

އަފްޣާނިސްތާނުގެ ޕުޝްޓަން ސޮސައިޓީގެ އާދަކާދަ އޮންނަ ގޮތުން ފިރިމީހާ މަރުވެއްޖެނަމަ ހުވަފަތް އަންހެންމީހާ ކައިވެނި ކުރަން ޖެހޭނީ ފިރިހެންމީހާގެ އާއިލާގެ މީހަކާ އެވެ. އެއްބަނޑު އެއްބަފާ މީހުން ތިބި ނަމަ އޭގެ ތެރެއިން އެންމެ ދޮއްޓަށް ހުރި މީހަކާ އެވެ. ހުވަފަތްވާ އަންހެނުންނަށް އެ މީހުންގެ ފިރިންގެ އާއިލާއިން ބޭރު މީހަކާ ކައިވެނި ނުކުރެވޭނެކަމަށް އަފްޣާންގެ އެ ސޮސައިޓީގެ މީހުން ބޯދާ ޒަމާނުއްސުރެ ގަބޫލު ކުރެ އެވެ. އެހެންވެ ބީބީ އަށް ފިރިމީހާގެ އެއްބަނޑު އެއްބަފާ މީހުންނާ ކައިވެނި ކުރަން މަޖްބޫރުވަނީ އެވެ.
ދެ ވަނަ ފިރިމީހާ އާއެކު މުޅިން އާ ހަޔާތެއް ބީބީ ފެށި އެވެ. ނަމަވެސް އެމީހުންގެ ދިރިއުޅުން މުޅިން ހަމަޔަކަށް ނޭޅެނީސް އެ ފިރިހެންމީހާ ވެސް ތާލިބާން ހަނގުރާމަވެރިންގެ އަތުން މަރުވީ އެވެ. އޭރު ބީބީ އިނީ އަލަތު ދަރިފުޅަށް ބަލިވެ އެވެ.

ދެ ވަނަ އަށް އިން މީހާ މަރުވުމުން ހިތާމައިގައި ތާޖް ބީބި އަށް އިނދެވުނީ އެންމެ 90 ދުވަހު އެވެ. އެ އާއިލާގައި ތިން ވަނަ އަށް ހުރި ފިރިހެންމީހާ އާ އޭނާ ކައިވެނިކުރަން ބަފައިކަލޭގެ ތާޖް ބީބީގެ ކިބައިން އެދުމުން އޭނާ އެކަމާ އެއްބަސްވީ އެވެ. ތާޖް ބީބީގެ ތިން ވަނަ ފިރިއަކީ ޕޮލިސް އޮފިސަރެކެވެ. އޭނާވެސް ވަނީ 2017 ގައި ފުލުހުންނާއި ތާލިބާނުންނާ ހިނގި ކުރިމަތިލުމެއްގައި މަރުވެފަ އެވެ.
ހަމަ އެ އަހަރު ބީބީ ވަނީ އަމާނުއްﷲ އާ ކައިވެނި ކޮށްފަ އެވެ. އަމާނުއްﷲ ވަނީ ތިން ފަހަރަށް ހުވަފަތްވެފައިވާ ބީބީ އާއި އެކި ބަފައަށް އޭނާއަށް ލިބިފައިވާ ހުރިހާ ދަރިން ގަބޫލުކޮށް ބީބީ އާ ކައިވެނިކޮށްފަ އެވެ.

"އަހަރެންގެ ފިރިންގެ މަރުގެ ޒިންމާ ބައެއް ފަހަރަށް އަހަރެން އަޅުވަނީ ތާލިބާނުން ބޮލުގައި. އަނެއްބައި ފަހަރު އަފްޣާން ސަރުކާރުގެ ބޮލުގައި. ބައެއް ފަހަރަށް އަހަރެންނަށް ގަބޫލު ކުރެވެނީ އެއީ މި ގައުމަށް އަރައިގަނެގެން އުޅޭ ބޭރު ގައުމުތަކުގެ ސިފައިންގެ ސަބަބުން ދިމާވާ ގޮތެކޭ. ނަމަވެސް ގިނަ ފަހަރަށް އަހަރެންނަށް ހުރިހާ ކަމެއްގެ ޒިންމާ އެޅުވެނީ ޚުދް އަހަރެންގެ ބޮލުގައި. އަހަންނަށް ލިބެމުންދާ ހުރިހާ ވޭނެއްގެ އަސްލަކީ އަހަރެން ކަމަށް ގަބޫލު ކުރެވެނީ،" ގަލްފުގެ ނޫހަކަށް ފޯނުން ދީފައިވާ އިންޓަވިއު އެއްގައި ބީބީ ބުނެފައި ވެއެވެ.