ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެންމެންގެ ގަދަ ހިތްވަރުގެ ތިން ހަފުތާ

ކޮވިޑްގެ ބަލިމަޑުކަމުގައި 203 ދުވަސް ހޭދަވީ އެވެ. މިދިޔަ ދުވަސްތަކުގައި ބަލިމަޑުކަމުގެ ވަރަށް ނުރައްކާތެރި ދުވަސްތައް ދިވެހިން ތަޖުރިބާކޮށްފި އެވެ. އެތަށް ދަތި އުނދަގޫތަކެއް ތަހަންމަލު ކޮށްފައި ވެއެވެ. ހާއްސަކޮށް އޮގަސްޓް މަހު އެވެ. ކޮވިޑްގައި ހޭދަކުރި ހަ މަސް ދުވަހުގެ ތެރޭގައި ބަލީގެ ނުރައްކާ އެންމެ ބޮޑުވީ އޮގަސްޓް މަހުއެވެ. އެ މަހުގެ ބައެއް ދުވަސް ދުވަހު 200 މީހުން ޕޮޒިޓިވް ވިއެވެ. މުޅި މަހު އެކަނިވެސް 4،000 މީހުން ޕޮޒިޓިވް ވިއެވެ. ރާއްޖެއިން ކޮވިޑްގައި މަރުވި 34 މީހުންގެ ތެރެއިން 12 މީހުން މަރުވީ އޯގަސްޓްގަ އެވެ.

އެހެން ކަމުން ކޮވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. މާސްކު އެޅުން މަޖުބޫރުކޮށް ކާފިއު ހިންގަން ފެށި އެވެ. އަދި ވަކި ވަގުތުތަކެއްގައި ވެހިކަލް ދުއްވުން މަނާކުރުން ފަދަ ފިޔަވަޅުތައް ތަންފީޒުކުރަން ފެށިއެވެ. ބޭނުމަކީ ގިނަ މީހުން ބައްދަލުވުން ހުއްޓުވާ ބަލި ކޮންޓްރޯލް ކުރުމެވެ.

އެ ފިޔަވަޅުތަކާއެކު ސެޕްޓެންބަރު މަސް ފެށުމާއެކު ކޮވިޑްގެ ނަންބަރު ތިިރިވާން ފެށިއެވެ. މިދިޔަ 25 ދުވަހު 100 އިން މަތިން ޕޮޒިޓިވް އަދަދު ހުރީ އެންމެ ދުވަހެއްގަ އެވެ. ގިނަ ދުވަސްތަކުގައި އަދަދު ހުރީ ފަންސާހުން ދަށުގަ އެވެ. އެހެން ކަމުން ކޮވިޑްގެ ހާލަތު މިހާރު މިވަނީ ބަދަލުވެފަ އެވެ. އޮގަސްޓް މަހު ކޮވިޑްގެ ކޮންޓްރޯލް ގެެއްލުނު ނަމަވެސް މިހާރު ބަލި ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް ކޮވިޑްގެ ހާލަތު އަދި މުޅިން ބަދަލުވީއެއް ނޫނެވެ. އަދިވެސް ރާއްޖެ އޮތީ "ގްރީން ޒޯން" އަކު ނޫނެވެ. އެހެންވީމަ ކުރަން ހުރި މަސައްކަތް އަދިވެސް ގިނައެވެ.

ކޮވިޑްގެ ހާލަތު ފެށުނީއްސުރެ ޕަބްލިކް ހެލްތު އެކްސްޕާޓު ޑރ. ޝީނާ މޫސާ ގެންދަވަނީ ރާއްޖޭގެ ހާލަތު ރައްޔިތުންނަށް ސާފު ކޮށްދެއްވަމުންނެވެ. އަދި އެ ހާލަތު ދިގު ދެމިގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކާތައް ބުނެދެމުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފިނަމަ ބަލިން ރައްކާތެރިވެވޭނެ މިންވަރު އަދި އެގޮތަށް އަމަލު ނުކޮށްފިނަމަ ކުރިމަތިވެދާނެ ހާލަތުވެސް ވިދާޅުވެ ދެއްވައެވެ.

ކޮވިޑްގެ ހާލަތަށް އައި ބަދަލާއި ގުޅޭގޮތުން އަދި ކުރިއަށް ލަފާ ކުރެވޭ ލަފާކުރުންތަކުގެ މައުލޫމާތު ހިއްސާ ކުރައްވާ ޝީނާ ވިދާޅުވި ގޮތުގައި ކޮވިޑް ކޭސްތައް މަދުވި ނަމަވެސް ދިވެހިން އަދި މިތިބީ ރައްކާތެރި ހިސާބަކު ނޫނެވެ. ބަލީގެ ނުރައްކާ ކުޑަވެއްޖެ ކަމަށް ބުނަން އެނގޭނީ އެއް ކޭސް އަނެއް ކޭހާއި ގުޅުމެއް ނެތް ކޭސްތަކުގެ އަދަދު ވިއްސަށްވުރެ މަދުވުމުންނެވެ. އެހެންވީމަ ބަލިން ސަލާމަތްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރަންޖެހޭ ވަގުތު މި ފެށުނީއެވެ. ހިތްވަރާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވާންވީ ވަގުތަކީ މިއީ އެވެ.

"ކޮންމެވެސް ވަރަކަށް ކޭސަސް، އަންލިންކް ކްލަސްޓާ ފޯމްވެފައި ނުގުޅޭ ކޭސްތައް އެބަ މަދުވޭ. އޭގެ މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި ފެތުރޭ ނިސްބަތް ނުވަތަ މިންވަރު ތަންކޮޅެއް އެބަ މަދުވަމުން ދެޔޭ. އެކަމަކުވެސް އަޅުގަނޑުމެން ބޭނުންވާ ނިސްބަތަކަށް އަދި ތިރިވަމުންނެއް ނުދޭ. ޕްރިޑިކްޓްރީ [ލަފާ ކުރުންތައް] ހުރީ ތިރިވާ ގޮތަށް. [އެކަމަކު] އަދިއެއް އަޅުގަނޑުމެން ސޭފް ލެވެލް އަކަށް ނުދޭ. އަމާޒަކީ އަން ލިންކު ކޭސަސް ވިއްސަށްވުރެ ތިރީގައި ބެހެއްޓުން. ވިއްސަށްވުރެ ތިރިއަށް ދިޔައީމަ ބަލި ފެތުރުން މަޑުޖެހެއޭ ބުނަން އެނގޭނީ. އަދި ކުޑަ ދުވަސްކޮޅަކު އެބަ ހިފަހައްޓާލަން ޖެހޭ،"

ކޮވިޑްގެ ނަންބަރުތަށް ފެންނަ ނިސްބަތް އިތުރުވީ ދުވަސްވަރު ބަލީގެ ނުރައްކާ މުޖްތަމައުގައި އޮތް މިންވަރު އިހުސާސް ކުރެވި ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރާ މީހުންގެ އަދަދު ގިނަވެއެވެ. ނަމަވެސް ނަންބަރުތައް މަދުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވެވޭ މިންވަރު ދަށްވެއެވެ. ޝީނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް އެއީއެވެ.

ޝީނާ މިސާލަކަށް ނެންގެވީ ކޮވިޑްގެ ފުރަތަމަ ރާޅަށް ފަހު ބަލި ކޮންޓްރޯލް ކުރެވި ލުއިތައް ދިނުމުން ދެން ދިމާވި ހާލަތަށެވެ. އޮގަސްޓް މަހުގެ ނުރައްކާތެރި ނަންބަރުތަކުން ބުނެދެނީ އެ ވާހަކަތަކެވެ. ޖުލައި މަހުގެ ފުރަތަމަ ދުވަހު ދިން ލުޔާއެކު މަސް ދުވަސް ނުވަނީސް ކޮވިޑްގެ ދެވަނަ ރާޅެއް ބިންދާލިއެވެ. އެ މަސް ނިމިގެންދިޔައީ ނިމިދިޔަ ފަސް މަސް ދުވަހުން ޕޮޒިޓިވްވީ އަދަދު ދެ ގުނަ ކުރުމަށްފަހު އެވެ. ޝީނާ ހަނދާން ކޮށްދެއްވީ އެ ކަމެކެވެ.

"އިންޑިކޭޓާސްތަކަށް ބަލާއިރު އަޅުގަނޑުމެން އަދިވެސް ގްރީން ޒޯން އަކަށް ނުދޭ. އަޅުގަނޑުމެން އަދިވެސް މިތިބީ ފުދޭ ވަރަކަށް މަތީގައި. އަދި ކުރީގެ އެކްޕީއަންސްއަށް ބަލާއިރު ހަމަ ގްރީން ޒޯންއަށް އަޅާއިރަށް އަޅުގަނޑުމެން އެއްވެސް މެޝާތަކެއް އީސްކޮށްލާފައި ކޮވިޑްގެ ކުރިން އުޅުނު ގޮތަކަށް ގޮއްސިއްޔާ އަދިވެސް ވަރަށް ރިސްކު އެބައޮތް ފެތުރުމުގެ ފުރުސަތު. އެހެންވީމަ އަދިވެސް ވަރަށް މުހިންމު ދެތިން ހަފްތާ މެޝްއާއެެއްކޮށް ސަސްޓެއިންކޮށް މިގޮތަށް ތިރީގައި ބެހެއްޓުން،" ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ޝީނާ ވިދާޅުވިއެވެ.

އިންޑިކޭޓާސްތަކަށް ބަލާއިރު އަޅުގަނޑުމެން އަދިވެސް ގްރީން ޒޯން އަކަށް ނުދޭ. އަޅުގަނޑުމެން އަދިވެސް މިތިބީ ފުދޭ ވަރަކަށް މަތީގައި. އަދި ކުރީގެ އެކްޕީއަންސްއަށް ބަލާއިރު ހަމަ ގްރީން ޒޯންއަށް އަޅާއިރަށް އަޅުގަނޑުމެން އެއްވެސް މެޝާތަކެއް އީސްކޮށްލާފައި ކޮވިޑްގެ ކުރިން އުޅުނު ގޮތަކަށް ގޮއްސިއްޔާ އަދިވެސް ވަރަށް ރިސްކު އެބައޮތް ފެތުރުމުގެ ފުރުސަތު. އެހެންވީމަ އަދިވެސް ވަރަށް މުހިންމު ދެތިން ހަފްތާ މެޝްއާއެެއްކޮށް ސަސްޓެއިންކޮށް މިގޮތަށް ތިރީގައި ބެހެއްޓުން
ޑރ. ޝީނާ މޫސާ | ޕަބްލިކް ހެލްތު އެކްސްޕާޓް

އާންމު ހާލަތަށް ދިއުމަށް އަދިވެސް މަސްތަކެއް

ކޮވިޑްގެ ސަބަބުން ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އާންމު ދިރިއުޅުން ވަނީ މުޅިންހެން ބަދަލުވެފައެވެ. ސުކޫލްތައް ވަނީ ބަންދުކުރެވިފައެވެ. ކުރިން އުޅުނު އުޅުން ބަދަލުކޮށް އިޖްތިމާއީ ގައިދުރު ކަމަށް ކޮންމެހެން ވަނީ އިސްކަން ދޭން މަޖުބޫރުވެފައެވެ. މިހެން ގޮސް ކިތަންމެ ބަދަލެކެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ރަނގަޅުވަމުން ދިޔަނަމަވެސް މި ހާލަތު އިތުރަށް ރަނގަޅު ކުރަން އެންމެންގެ އެހީތެރިކަން ބޭނުންވެއެވެ. ޑރ. ޝީނާގެ ޕްެރޮޖެކްޝަން ދައްކާގޮތުން ރާއްޖޭގެ ހާލަތު ރަނގަޅުވުން ލަހެވެ. އެހެން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގިނަ ބަޔަކު ސަމާލުކަން ނުދޭތީއެވެ. ފިޔަވަޅުތަކަށް އަމަލުކުރާ މީހުންގެ އަދަދު މަދީއެވެ. އެހެން ކަމުން ހާލަތު ބަދަލު ކުރަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހެއެވެ.

ކޮވިޑްގެ ކުރިން އުޅުނު ހާލަތަށް ރުޖޫއަވާން އެންމެންވެސް ބޭނުންވެއެވެ. ނަމަވެސް އެ ހާލަތަށް ދިއުމަށް އިތުރު މަސްތަކެއް ހޭދަވާނެއެވެ. ނަމަވެސް އެ ހާލަތަށް ދެވޭނީ މިހާރު އޮތް ހާލަތު ބަދަލުކޮށްގެންނެވެ. އެ ހާލަތު ބަދަލު ކުރުމުގެ ފުރުސަތު ކޮންމެ މީހެއްގެ އަތުގައިވެސް އެބައޮތެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށްވެސް ލުއިތައް ދެވޭނެއެވެ. އެ ލުއިތައް ދެވޭނީ މިހާރު ޕޮޒިޓިވްވާ އަދަދު މަދުކޮށްގެންނެވެ. ނަމަވެސް ކުރިން އުޅުނު ހާލަތަށް އަނބުރާ ދެވޭނީ ކޮވިޑަށް ވެކްސިނެއް ލިބުމުންންނެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ކޮވިޑްގެ ކުރިން އުޅުނު ގޮތަށް ދެވޭނީ [އެ ބައްޔަށް] ވެކްސިނެއް ލިބިގެން،"

ކޮވިޑަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަ ހިނގައެވެ. 33 ވެކްސިނެއްގެ މަސައްކަތް އޮތީ ފެށިއެވެ. ބައެއް ގައުމުތަކުން ވަނީ ކޮވިޑަށް ވެކްސިނެއް ހޯދާ އެ ވެކްސިން ޓެސްޓް ކުުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ޗައިނާ ފަދަ ގައުމުތަކުން ވަނީ އަންނަ އަހަރު ކުރީކޮޅު މުޅި ދުނިޔެއަށް އެތަށް ބިލިއަން ޑޯޒެއްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް ބުނަމުންނެވެ. އެހެން ކަމުން ކުރިން އުޅުނު އާންމު ހާލަތަށް ބަދަލުވާން އަދި އިތުރު މަސް ދުވަސްތަކެއް ހޭދަކުރަން ޖެހެއެވެ. އެހާ ހިސާބަށް ދިއުމުގެ ކުރިންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ޝީނާ ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރަށު ބަންދުގައި ތިބެން ޖެހިއްޖެއެވެ. ބަލި ޖެހުނު މީހުންނާއި އެ މީހުންނާއި ކޮންޓެކްޓްވި އެތަށް ބަޔަކު ކަރަންޓީންގައި ދުވަސްތައް ގުނަން ޖެހުނެވެ. ދަރިވަރުންގެ ތައުލީމް ހުއްޓި ސުކޫލްތައް ވަނީ ބަންދުކޮށްފައެވެ. އެތަށް ވިޔަފާރިއެއް ހުއްޓި، ބަގުރޫޓްވެއްޖެއެވެ. އާމްދަނީ ލިބެމުންދިޔަ ދޮރުތައް ބަންދުވެ ރައްޔިތުން ނިކަމެތިވެއްޖެއެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލި އެކަމުގެ ނޭދެވޭ އަސަރު އެތަށް އާއިލާއަކަށް ކުރިމަތިވެއްޖެއެވެ. މި ނޫންވެސް އެތަށް މައްސަލަތަކެއް ކޮވިޑާއެކު ބޯމަތިވެއްޖެއެވެ. އެހެން ކަމުން މިއީ ދަތި، އުނދަގޫ މި ހާލަތުން އަރައިގަތުމަށް ހިތްވަރު ކުރަންވީ ވަގުތެވެ. ވަގުތީ އުފަލަަކަށްޓަކައި ކުރެވޭ ނޭދެވޭ ކަންކަމުން ދުރުވެ ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް "ރަނުން ރަނަށް" ތަބާވާންވީ ވަގުތެވެ. އިންތިހާ ދަތީގައި ހަތް މަސް ދުވަސް ހޭދަވީއެވެ. ކުރިއަށް އޮތީ މުހިންމު ތިން ހަފްތާއެވެ. އެ ތިން ހަފްތާއަށް ކެތްތެރިވެލާށެވެ. ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކަކަށް ފުރިހަމައަށް ތަބާވެ ކޮވިޑް ބަލިމަޑުކަމުގެ މި ހާލަތުން އާންމު ހާލަތަށް ދިއުމަށް ގަދަ އަޒުމް ކަނޑައަޅަންވީއެވެ. މި ތިން ހަފްތާގައި ހިފަހައްޓާލާށެވެ.