ޕާތު ސަމްތާން ގަބޫލުކުރާ ގޮތުގައި "ކަސޯޓީ ޒިންދަގީ ކޭ" ގައި އޭނާ ކުޅުނު އަނޫރާގު ބާސޫގެ ރޯލަކީ އެކްޓަރެއްގެ ގޮތުގައި މީހުން އޭނާ ބަލައިގަތް ރޯލެވެ. އަދި ރަނގަޅު އިންސާނަކަށް ވުމަށް އޭނާއަށް މަގު ދައްކައިދިން ރޯލެއް ވެސް މެއެވެ. އެހެންވެ ސިލްސިލާގެ ޝޫޓިންގްގެ އެންމެ ފަހު ދުވަހު ޕާތު ވަރަށް ޖަޒުބާތުގައި ޖެހުނެވެ. އަދި ޝޯގެ ހުރިހާ އެކްޓަރުންނަށް އޭނާ ވަރަށް އަސަރުގަދަ އަލްވަދާއެއް ވަނީ ކިޔާފަ އެވެ. ޚާއްސަކޮށް ފޭނުންނަށް އޭނާ ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެވެ. މި ޑްރާމާ ފެށުނީއްސުރެ ކެނޑިނޭޅި އޭނާއަށް ދިން ލޯތްބާއި ކުރި ތާއީދަށެވެ.
އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ އަދި ސްޓާ ޕްލަސްގެ ޕްރައިމް ޓައިމްގައި ދައްކަމުން އައި "ކަސޯޓީ ޒިންދަގީ ކޭ" ނިންމާލަން ސްޓާ އާއި އެކްތާ މިހާރު ވަނީ ނިންމާފަ އެވެ. އަދި މި ޑްރާމާގެ އެންމެ ފަހު އެޕިސޯޑް އަންނަ އޮކްޓޯބަރުގެ 3 ވަނަ ދުވަހު ދައްކަން ވަނީ ހަމަޖެހިފަ އެވެ.
ލޮކްޑައުންގައި ޝޯގެ ޝޫޓިން މެދުކެނޑިފައި އޮތުމަށް ފަހު ފެށިފަހުން ވަރަށް ގިނަ މައްސަލަތައް ޝޯއަށް ދިޔައީ ދިމާވަމުންނެވެ. އެގޮތުން ޝޫޓިން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ޕާތު ކޮވިޑަށް ޕޮޒިޓިވް ވުމާއި އޭގެ ފަހުން ޝޯގެ އިތުރު އެކްޓަރުންނާއި ކުރޫންތަކެއް ކޮވިޑަށް ޕޮޒިޓިވް ވުން ފަދަ މައްސަލަތައް ހިމެނެ އެވެ.
މި ޝޯގެ ޝޫޓިން ބާއްވާ ތަނުން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވާން ފެށުމުން ޝޯގައި ޕްރޭރްނާގެ ރޯލު އަދާކުރާ އެރިކާ ފެނާންޑިސް އާއި ކޯމަލިކާގެ ރޯލު ކުޅޭ އާމްނާ ޝަރީފް ވަނީ ސެޓަށް ހާޒިރުވުމަށް އުޒުވެރިވެ ގޭގައި ތިބެގެން ޝޫޓް ކުރަން ބޭނުން ކަމަށް ބުނެފަ އެވެ. އަދި މި ދެ ތަރިންގެ ގިނަ ބައިތައް ފުރިހަމަކުރަމުން ދިޔައީ އެމީހުންގެ ގޭގެގައި ތިބެގެންނެވެ. މިއީ ވެސް ވަރަށް އުނދަގޫ ކަމަކަށް ވާތީ މިގޮތަށް ވެސް ޝޯ ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތިފައި އޮއްވާ ޕާތު ޝޯ އިން ވަކިވާން ނިންމި ހިސާބުން މި ސިލްސިލާ ނިންމާލަން އެކްތާ އަށް މަޖްބޫރު ވީއެވެ.
ޕާތު ވަކި ނުވޭތޯ އެކްތާ ވަރަށް ވާހަކަ ދެއްކި އެވެ. ނަމަވެސް ޕާތު އެއްބަސް ނުވީ އެވެ. އަދި އޭނާގެ ބަދަލުގައި ރަނގަޅު އެކްޓަރަކު ހޯދަން އެކްތާ ކުރި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ.
ކޮންމެއަކަސް "ކަސޯޓީ"ގެ ދެ ވަނަ ސީޒަން އެކްތާ ހީކުރި ގޮތަކަށް ނުދިޔަ އެވެ. މި ޑްރާމާގެ ފުރަތަމަ ސީޒަން ޝިޒާން ޚާނާއި ޝްވޭތާ ތިވާރީ އަދި ރޯނިތު ރޯއީ އާއެކު ފުރިހަމަ ކޮށްފައިވަނީ ވަރަށް ކާމިޔާބު ކަމާއެކު އެވެ. ޑްރާމާގެ ދެ ވަނަ ސީޒަނެއް އުފައްދަން އެކްތާ ޚިޔާލު ކުރީ ވެސް ފުރަތަމަ ސީޒަނަށް ލިބުނު ބޮޑު ތަރުހީބަށް ބަލާފަ އެވެ. ނަމަވެސް ފުރަތަމަ ސީޒަނާ ގާތް ކުރާ ވަރަށް ވެސް ދެ ވަނަ ސީޒަންގައި މި ޝޯ ހިނގާފައެއް ނުވެ އެވެ.
އަނުރާގު އާއި ޕްރޭރްނާގެ ލޯބީގެ ވާހަކައިގެ ދެ ވަނަ ސީޒަން ޕާތު އާއި އެރިކާ އާއެކު ފެށީ 2018ގެ އޮކްޓޯބަރު 25 ގައެވެ.
ޝޯ ނިންމާލާއިރު ބެލުންތެރިންނަށް އަނުރާގާއި ޕްރޭރްނާގެ ވަރުގަދަ ސަޕްރައިޒެއް ލިބޭނެ ކަމަށް ޝޯ އުފައްދާ ފަރާތުން ބުނެފައި ވެއެވެ. "ކަސޯޓީ"ގެ ފުރަތަމަ ސީޒަން ނިމުނީ ހިތާމަވެރިކޮށް ނަމަވެސް މިފަހަރުގެ ސީޒަން ނިންމާލާނީ އަނުރާގު އާއި ޕްރޭރްނާ އަލުން ގުޅިގެން ކަމަށް ވެއެވެ. ޝޯ ނިމެނީ ކޯމަލިކާ މަރުވެ އަނުރާގާއި ޕްރޭރްނާގެ ލޯބި އަލުން ފެށުމަށް މަގު ފަހި ވެގެންނެވެ.