ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: މަރުވެފައިވާ ވައިރަސް ހުރިނަމަ ޕޮޒިޓިވް ވެދާނެ

ކޮރޯނާވައިރަސް ހުރިތޯ ބަލަން އާއްމުކޮށް މި ހަދާ ޓެސްޓަކީ ވަރަށް ސެންސިޓިވް އެއްޗެކެވެ. މާކުރިން މި ވައިރަސް ހަށިގަނޑަށް ވަދެ ރަނގަޅުވެފައިވާ މީހެއްގެ ހަށިގަނޑުގައި ވެސް މަރުވެފައިވާ ވައިރަސްތަކުގެ ބައިތައް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ޓެސްޓް ހަދާއިރު ނަތީޖާ ޕޮޒިޓިވްވާ ސަބަބަކަށް މިކަން ވެސް ވެދާނެކަމަށް ސައިންސްވެރިން ބުނެފި އެވެ.

ބީބީސީގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އާއްމުކޮށް މީހެއްގެ ހަށިގަނޑަށް ވައިރަސް ވަނުމަށްފަހު އެ މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނަނީ ހަފުތާއެއްގެ މުއްދަތަށެވެ. ނަމަވެސް އެތައް ހަފުތާއެއް ވަންދެން ވެސް އޭނާގެ ނަތީޖާ ޕޮޒިޓިވް ކަމަށް ދައްކަފާނެ އެވެ.

ސައިންސްވެރިން ބުނަނީ އެ ވަގުތު އެތަނެއްގައި ބަލީގެ ހާލަތު އޮތް މިންވަރު އަންދާޒާކޮށްލަން ރަނގަޅަށް ނޭގުމަށް މެދުވެރިވަނީ މި ސަބަބާ ހުރެ ކަމަށެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި ޓެސްޓްތަކަށް މުޅިން ބަރޯސާ ވެވެން ނޯންނާތީ ބައެއް ފަހަރަށް ބަލި ޖެހިފައިވާ މީހުން ފާހަގަ ނުކުރެވި ދެއެވެ.

މިފަހަރުގެ ދިރާސާގައި މަސައްކަތްކުރެއްވި ޕްރޮފެސާ ކާލް ހެނެގަން ވިދާޅުވީ "އާނއެކޭ/ނޫނެކޭ" ބުނެފައިވާ ނަތީޖާތައް ދޫކުރުމުގެ ބަދަލުގައި ވައިރަސް ހުރި މިންވަރު ބަޔާންކޮށްދޭ ނަތީޖާއެއްގެ ލިބޭނަމަ މާ ރަނގަޅުވާނެ އެވެ. ސަބަބަކީ ވަރަށް މަދު މިންވަރަކަށް ވައިރަސް ހުއްޓަސް ނަތީޖާ ޕޮޒިޓިވް ނުވެދާނެތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަލި ޖެހޭ މީހުންގެ އަދަދު ގިނަ ނުވާކަމަށް ހޮސްޕިޓަލުތަކުން ފެނުނަސް މަރުވެފައިވާ ސެލްތައް ހުންނަ މީހުންގެ ނަތީޖާ ޕޮޒިޓިވްކަމަށް ދައްކާތީ ބަލި ޖެހޭ މީހުންގެ އަދަދު މަދުކަމަށް ނުދައްކަނީ ކަމަށް ވެދާނެ ކަމަށެވެ.

ޔުނިވަސިޓީ އޮފް އޮކްސްފޯޑުގެ އެވިޑެންސް ބޭސްޑް މެޑިސިން ސެންޓަރުން މިކަމާ ގުޅޭ 25 ދިރާސާއެއް ކޮށްފައި ވެއެވެ. މި ދިރާސާތަކުގައި ޕޮޒިޓިވް ޓެސްޓުތަކުގެ ވައިރަސް ސްޕެސިމަންތައް ޕެޓްރީ ޑިޝް އަކަށް ލައިގެން އެ ތަކެތި އިތުރަށް އުފެދޭތޯ ޓެސްޓްކުރި އެވެ.

މި މެތަޑަށް ކިޔަނީ "ވައިރަލް ކަލްޗަރިން" އެވެ. މިގޮތުން ބަލާފައިވަނީ ޓެސްޓު ޕޮޒިޓިވްކަމަށް ދެއްކި ކޭސްތަކުގައި ހުރީ އެކްޓިވް ވައިރަސް ތޯ އާއި މި ވައިރަސް އިތުރަށް އުފެދި ފެތުރޭތޯ އެވެ. ނޫނީ އެ ސާމްޕަލްތަކުގައި ހުރީ މަރުވެފައިވާ ވައިރަސްގެ ބައިތައް ތޯ އާއި ލެބޯޓްރީގައި ނުވަތަ އިންސާނުންގެ ހަށިގަނޑުގައި މި ފަދަ ވައިރަސް އަށް އިތުރު ވެވިދާނެތޯ އެވެ.
ސައިންސްވެރިން ބުނަނީ ކޮރޯނާވައިރަހުގެ ވަބާ ފެށުނީއްސުރެ ވެސް މިއީ ފާހަގަ ކުރެވިފައިވާ މައްސަލައެކެވެ. ކޮވިޑާ ގުޅޭ ޑޭޓާތައް އެހާ ފުރިހަމަ ނޫނީ ވެސް މި ސަބަބުތައް މިހެން ހުންނާތީ އެވެ.