އިލެކްޝަންސް ކޮމިޝަން

އީސީގެ ކުއްލި ޖަލްސާތަކުގައި ބޮޑެތި މައްސަލަތައް ނުބެލޭނެ

Sep 26, 2020

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވާ ކުއްލި ޖަލްސާތަކުގައި އިންތިހާބުގެ މައްސަލަތައް ނުބެލޭ ގޮތަށް އެ ކޮމިޝަންގެ ގަވައިދަށް ބަދަލު ގެެނެސްފި އެވެ.

މިހާރު ގެޒެޓް ކޮށްފައިވާ ގަވައިދުގައިވާ ގޮތުން ކުއްލި ޖަލްސާތަކުގައި ބޮޑެތި ބައެއް މައްސަލަތަކުގައި ގޮތެއް ނުނިންމޭނެ އެވެ.

މި ބަދަލާއެކު އިންތިހާބުތަކާގުޅޭ ގޮތުން ހުށަހެޅޭ މައްސަލައް ނުބެލުމުގެ އިތުރުން ގޮތް ނުނިންމޭނީ ބަޖެޓާއި، ފައިސާއާ ގުޅޭ ކަންކަކަމާއި ކޮމިޝަނުގެ ގަވާއިދަށް ބަދަލު ގެނައުމާއި ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް އިންތިހާބު ކުރުމުގެ މައްސަލަތަކެވެ.

އަދި މުވައްޒަފުންގެ ވަޒީފާއާއި މުސާރައާއި އިނާޔަތްތަކަށް ބަދަލުގެނައުމާއި ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނައުމާއި މެންބަރުންނާއި މުވައްޒަފުން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހަމަޖެއްސުމާއި އާ މުވައްޒަފުން ލުމާއި ވަކިކުރުމަށް ކުއްލި ޖަލްސާތަކުގައި ނުނިންމޭނެ އެވެ.

ކުއްލި ޖަލްސާއަކީ، ކޮމިޝަނުގެ ހިންގުމާ ގުޅޭ ނުވަތަ މަސައްކަތާ ގުޅޭ މުހިންމު ކަމަކާމެދު މަޝްވަރާ ކުރުމަށް ޓަކައި މެންބަރަކު އެދިގެން ކުއްލިއަކަށް ބާއްވާ ޖަލްސާއެވެ.