ޑރ. މުހައްމަދު މުއިއްޒު

އުތުރުގެ ތަރައްގީ ހުއްޓުވީ މި ސަރުކާރުން: މުއިއްޒު

އުތުރުގެ ތަރައްގީއަށް ހުރަސް އަޅާފައި ވަނީ މިއަދު ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުން ކަމަށް ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅު ވެއްޖެ އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު މުދާ އުފުލަން ފެށި، ކާގޯ ބޯޓެއްގެ ދަތުރުތަކާ ދެކޮޅަށް ޝުއޫރު ފާޅުކުރަން މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ކާބޯޓުގެ ދަތުރުތަކާ އިދިކޮޅުން ދެކޮޅު ހަދާ އަޑު އުފުލަނީ އުތުރުގެ ތަރައްގީއަށް ހުރަސް އަޅަން ކަމަށް ބުނެ ސަރުކާރުގެ ވެރިންނާއި ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެށި ތަރައްގީގެ އެތައް މަޝްރޫއުއަކަށް މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އޭރު ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އުތުރާއި މެދު އަތޮޅުތަކަށް ގެންނަން މަސައްކަތް ކުރި ބޮޑެތި މަޝްރޫތަކަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހުރަސް އަޅާ ދޮގު ވާހަކަތައް ފަތުރާފައިވާ ކަމަށެވެ. އެގޮތުން އުތުރުގައި ފަށަން ތައްޔާރުވި އައިހެވަން މަޝްރޫ އާއި ފ. އަތޮޅުގައި ސައުދީ ސަރުކާރުގެ އެހީގައި ހިންގަން މަސައްކަތް ކުރި މަޝްރޫއު މުއިއްޒު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މި އުޅެނީ އުތުރަށް ތަރައްގީއެއް އަތުވެދާނެތީ ކަންބޮޑު ވެގެނެއް ނޫން. އެންމެ އުތުރުގައި ހިންގަވަން އުޅުއްވި މަޝްރޫއު [އައިހެވަން] ހުއްޓިގެން ދިޔައީ ކީއްވެތޯ؟ އެޅި ހުރަސްތަކުގެ ސަބަބުން އެކަންވެސް އުތުރުގެ ރައްޔިތުންނަށް ގެެއްލިގެން ނޫންތޯ ދިޔައީ! ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއަށްވީ ކިހިނެތްތޯ؟ މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުން ދިވެހިންނާއިމެދު އެއްވެސް ވަރަކަށް ނުވިސްނާތީ އެ ފަރާތްތަކުން ހިންގި ޕްރޮޕެގެންޑާގެ ސަބަބުން ދިވެހިންނަށް ގެއްލިގެން ދިޔައީ ކޮންފަދަ ރަނުގެ ފުރުސަތެއްތޯ އެއީ. އެހެންވީމަ ތަރައްގީގެ ވާހަކަ ދައްކަން ނޫޅޭތި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އުތުރުގެ ތަރައްގީގެ ފެށުމުގެ ނަމުގައި މިއަދު އިފްތިތާހުވެގެންދިޔަ ކާގޯ ބޯޓުގައި ރާއްޖެ ގެނެސްފައި ވަނީ ސިމެންތި ކޮޅަކާއި މާލޭގައި ކާރުގެ ވިޔަފާރި ކުރާ ފަރާތެއްގެ ހަ ކާރު ކަމަށް ކުޅުދުއްފުށިން މައުލޫމާތު ދޭ މީހުން ބުނާ ކަމަށެވެ. އަދި ގެނައި ސިމެންތި އަކީ "ރެމްކޯ ބްރޭންޑް" ގެ ސިމެންތި ކަމަށާ އެއީ ރާއްޖޭގެ ރައްޔިތުން ބޭނުން ކުރާ ބްރޭންޑެއް ނޫން ކަމަށެވެ.