ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖޫރިމަނާ: 4.7 މިލިއަނަށް އަރައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފަށް އަމަލު ކުރުމުގެ ސަބަބުން މިހާތަނަށް 4774 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ކޮވިޑް ބަލި ފެތުރޭ މިންވަރު އޮގަސްޓް މަހުގެ ތެރޭގައި އިތުރުވުމާއެކު ކުރިން ދީފައިވާ ލުއިތަކަށް ބަދަލުތަކެއް ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށް ރޭގަނޑު 10 ފެށިގެން ފަތިހު 5 އަށް ކާފިއު ހިންގާފައި ވެއެވެ. އަދި ރޭގަނޑު 8 ކުން ފެށިގެން ފަތިހު ފަހަކަށް ވެހިލަކް ދުއްވުން ވެސް މަނަލެވެ. މި އުސޫލުތަކާއި ހިލާފުވާ މީހުން 1،000 ރުފިޔާއިން ދަނީ ޖޫރިމަނާ ކުރަމުންނެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ކޮވިޑްގެ ނަންބަރުތައް ދަށްވާން ފެށުމުން މަގުމަތީގައި އުޅޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އެ ގޮތުން މަނާ ގަޑީގައި ވެހިކަލް ދުއްވުމާއި ކާފިއު ވަގުތު ބޭރުގައި އުޅޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އަދި މާސްކު ނާޅާ ބޭރުގައި އުޅޭ މީހުންގެ އަދަދުވެސް އިތުރު ކަމަށެވެ. މީގެ އިތުރުން މަނާ ވަގުތުތަކުގައި ޑެލިވަރީގެ ހިދުމަތް ދިނުމާއި ގިނަ ބަޔަކު ބައިވެރިކޮށްގެން ސްވިމިން ކްލާސްތަކާއި ސެލްފް ޑިފެންސް ކްލާސްތައް ހިންގަމުންދާ ކަމަށެވެ. އަދި ކަސްރަތަށް ނިކުންނަ ބައެއް މީހުން ކާފިއު ގަޑީގައިވެސް ބޭރުގައި އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަަށް ޝަރީފް ވިދާޅުވިއެވެ.

"ހާއްސަކޮށް ބައެއް ފަރާތްތަކުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޑެލިވަރީ ކުރަމުންދާކަން ފާހަގަކުރަން. އެގޮތުން ބައެއް ފަރާތްތަކުން އެކި ކުންފުނިތަކުގެ ޓީޝާޓް ލައިގެން ބޭގް އަޅުވައިގެން މި މަސައްކަތް ކުރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައި،"

ޝަރީފް ވިދާޅުވީ މިއީ މަނާ ކަންކަމުގެ އިތުރުން ސަލާމަތީ އައްސޭރިއަށް ދާން އެޅޭނެ ހުރަހެއް ކަމަށެވެ. އެހެން ކަމުން އެކަންކަން ނުކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ މިދިޔަ މުއްދަތުގައި ފިޔަވަޅުތަކާއި ހިލާފުވެގެން 4،774 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން މާސްކު ނާޅާ ބޭރުގައި އުޅުނު 3،677 މީހަކަށް ނަސޭހަތް ދީ 1،798 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި ކާފިއު ވަގުތު ބޭރުގައި އުޅެގެން 4،633 މީހަކަށް ނަސޭހަތް ދީފައިވާއިރު 2،195 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. މަނާ ވަގުތު ވެހިކަލް ދުއްވި 4،321 މީހަކަށް ނަސޭހަތް ދީ 781 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބައެއް މީހުން އެތަށް ފަހަރެއްގެ މަތިން ތަކުރާރުކޮށް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެނެސްފައިވާ ކަމަށެވެ. މަނާ ވަގުތު ވެހިލަކް ދުއްވާ މީހުންގެ ތެރޭގައި އަދި ކާފިއު ގަޑީގައި ޑެލިވަރީގެ ހިދުމަތުގައި އުޅޭ ބައެއް ދިވެހިންނާއި ބިދޭސީންގެ އަތުގައި ލައިސަންސްވެސް ނޯންނަ ކަން ޝަރީފް ވަނީ ފާހަގަ ކޮށްފައެވެ.

އަދި ހުކުރު ހޮނިހިރުގައި ބޭރުގައި އުޅޭ ބިދޭސީންގެ އަދަދު އިތުރުވާއިރު ގިނަ އަދަދެއްގެ ބިދޭސީން އެއް ތަނެއްގައި ތިބޭކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މާލެއަށް އަންނަ ރަށްރަށުގެ މުދާ އުފުލާ ބޯޓްތަކުން ބައެއް މީހުން މާލެއަށް ފައިބާ އަނބުރާ ރަށްރަށަށް ދާކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.