މިސުރުގެ ޒުވާނަކު މީގެ ހަތް މަސް ކުރިން ދިރުވާލި މޯބައިލް ފޯނެއް އޭނާގެ ބަނޑުތެރޭގައި ތާށިވެފައި އޮވެއްޖެ އެވެ. އޭނާ ފޯނު ދިރުވާލީ އެކުވެރިންނާ ސަކަރާތްޖެހުމުގެ ތެރޭގައި މަޖަލަކަށް ކަމަށް އެ މީހާއަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ މިސުރުގެ މީޑިއާތަކުން ބުދަ ދުވަހު ބުނެފައި ވެއެވެ.
އޭނާގެ ބަނޑުގައި ފޯނު އޮއްވާ ފެނުނީ ހޮސްޕިޓަލަށް ގޮސް އަލްޓްރާސައުންޑް ހެދުމުންނެވެ. އެ މީހާ އަށް ފަރުވާދިން ޑރ. މުހައްމަދު އަލް ޖަޒާރް ގަލްފު ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި އެމީހާގެ ބަނޑު ތެރޭގައި މޯބައިލް ފޯނު އޮއްވާ ފެނުނީ އަލްޓްރާސައުންޑުންނެވެ.
އެހެންވެ އިމަޖެންސީކޮށް އޮޕަރޭޝަންކޮށް މިހާރު ވަނީ ފޯނު އެމީހާގެ ބަނޑު ތެރޭން ނަގާފަ އެވެ.
އެމީހާ ރައްޓެހިންނާ މަޖާ ކުރުމުގެ ތެރޭގައި މަޖަލަކަށް ފޯނު ދިރުވާލުމަށް ފަހު އެ ވާހަކަ އާއިލާގެ އެއްވެސް މީހަކަށް ވެސް ނާންގަ އެވެ. ފޯނު ދިރުވާލުމުގެ ސަބަބުން މާ ބޮޑު އުނދަގުލެއް އިހްސާސް ނުވާތީ ބޮޑުކަމުދާއިރު ފޯނު ވެއްޓޭނެ ކަމަށް ހިތާ ޑޮކްޓަރަކަށް ވެސް ނުދައްކާ ހަތް މަސް ވަންދެން އެމީހާ ހުރީ އެވެ.
ނަމަވެސް ހަތް މަސް ވީ ފަހުން ބަނޑަށް އުނދަގޫވެ އިތުރު މައްސަލަތަކެއް ކުރިމަތިވާން ފެށުމުން އާއިލާގެ މީހުން ކައިރީގައި އެ ވާހަކަ ބުނީ އެވެ. އަދި ވަގުތުން އޭނާ ޑޮކްޓަރަށް ގެންގޮސް ސްކޭން ކުރުމުން ބަނޑުގައި ފޯނު އޮއްވާ ފެނުނީ އެވެ.