(24 ސެޕްޓެމްބަރ 2020 އާ ގުޅޭ)
"ޒުބިންތަ؟... އެލީގެ ބައްޕައަކީ...ލައިގެ ހަޒްބަންޑަކީ ޒުބިން ދޯ." ކެންޒާގެ ލޮލަށް ބޮނޑިވަމުން އައި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ކޯތާފަތުން ތިރިއަށް ދެމިގަތީ އެވަގުތެވެ. ލައިރާ ދައްކާފައި ހުރި ހުރިހާ ވާހަކައެއް ކެންޒާގެ ކަންފަތުގައި ގުގުމަމުންދިޔައެވެ. އޭނާއާ ކެންޒާ ޚިއްޞާކޮށްފައިވާ ޚިޔާލުތައް ވެސް މެއެވެ.
"ރައްޓެހިން ހޯދުން އެއްވެސް އިރަކު އަހަރެންނަށް ފަސޭހައެއްނޫން، އެކަމަކު ލައި އަހަރެންނާމެދު އަބަދުވެސް ކަންތައްކުރީ އެންމެ ގާތް ރައްޓެހިންނާމެދު ޢަމަލުތައް ބަހައްޓާ އުސޫލުން، އަހަރެން ކިހިނެއް އޭނާއާ ކުރިމަތިލާނީ، ކިހިނެއް އޭނާއާ ވާހަކަދައްކަން ކެރޭނީ..."
"ކާކު ދެއްކީ ޒުބިންގެ ވާހަކަ؟." ކެންޒާ ރޯތީ އިންތިހާއަށް ލައިތު ކަންބޮޑުވިއެވެ. އޭނާއަށް ވެސް ހަޤީޤަތް އެނގިހުރެ ކެންޒާއަށް ކިޔައިނުދެވުނީއެވެ. ލައިރާއާ މެދު ކެންޒާ ދެކޭގޮތް ލައިތަށް އެނގެއެވެ. އެ ދެމެދުގައި އޮންނަ ގާތްކަން ވެސް އެނގެއެވެ. އެހެންވިޔަސް ކުއްލިއަކަށް ކެންޒާއަށް އެ ބަދަލު އައުމުގައި މީހެއްގެ އަތެއްވާހެން ލައިތަށް ވަރަށް ބޮޑަށް ޔަގީންވަނީއެވެ. އެގޭ ތެރެއިން ޒުބިން ނުފެންނައިރު އޭނާގެ ނަން ވެސް މީހަކު ކިޔާ އަޑެއް ކެންޒާއަށް ނީވޭނެކަން ލައިތަށް އެނގެއެވެ. އެހެންވީރު ކެންޒާއަށް ޒުބިންއަކީ ކާކުކަން އެނގޭނީ ކޮންމެވެސް މީހަކު އޭނާގެ ގާތުގައި އެވާހަކަ ގަސްދުގައި ދެއްކުމުންނެވެ. ލައިރާގެ ފުށުން އިވުނުނަމަ، އޭނާއަށް އެނގިދާނޭ ކަމުގެ ބިރަށް، ކެންޒާ އެހާ ހާސްވެ ކަންބޮޑުވެ ދެރަވެފައި ނުހުރީހެވެ.
"ލައިތުއަށް އެނގޭ... ކީއްވެ ނުބުނީ؟. ހުރިހާކަމެއް އެނގި ހުރެ ކީއްވެ ނުބުނީ؟... ޒުބިންއާ މިޢާއިލާއާ ގުޅުން އޮތްވަރު ކިޔާނުދިނީ ކީއްވެ؟." ކެންޒާއަށް ޝަކުވާކޮށްލެވުނެވެ.
ސައިތައްޔާރު ކުރަން މަރިއްޔާ ގާތު ބުނެފައި ލައިރާ އެނބުރި އައިއިރު ބޮޑު ކޮޓަރިއަކު އެކަކުވެސް ނެތެވެ. ލައިތު ތިރިއަށް އައިކަން ލައިރާ ދެނަހުއްޓެވެ. އެހެންވެ އޭނާގެ ހިތް ބުނީ ގޭގެ ބިއްދޮށް ފަރާތުގައި އެމީހުން ތިބޭނޭކަމެވެ. ނަމަވެސް ހައިރާންވީ ބަދިގެ ތެރެއިން ކެންޒާގެ އަޑު އިވުމުންނެވެ. ލައިތުއާ ދެ މީހުން ކަމަކާ ދެބަސްވަނީއޭ ހީވުމާއެކު ހަލުވި ފިޔަވަޅުގައި އޭނާ އައީ ބަދިގެއަށް ވަންނާށެވެ. ނަމަވެސް ހުއްޓެވުނީ ކެންޒާގެ ރުއިމާއި އޭނާ ދައްކަމުންދިޔަ ވާހަކަތައް އިވިފައެވެ. ލައިރާގެ ރަނގަޅު ވާހަކައެވެ.
"ކެން!... ޒުބިންއަށް ޚާއްޞަވެ، އެ އަންހެންކުއްޖަކާއެކު ދިރިއުޅުމެއް ފެށުމުގެ ހުވަފެން ދުށް، ހަނދާންނައްތާނުލެވުނު އަންހެންކުއްޖާ... އެއީ ހަމަ ކެންޒާތަ؟، މީ ކޮންކަހަލަ އިއްތިފާގެއް، އަހަރެން އެ އަންހެންކުއްޖަކާމެދު ހަސަދަވެރިވި އަންހެންކުއްޖަކީ މީތަ؟... ޒުބިން!..." ކެންޒާ މަސަލަސް ކުރެވޭތޯ ލައިތު އުޅޭތަން ބަލަން، ހަރަކާތެއް ކޮށްނުލައި ލައިރާއަށް ހުރެވުނީއެވެ.
"ކެން... ބޭބީ ލިސެން..." މޫނު ފޮރުވާލުމަށް ކެންޒާ އަޅާލި ދެއަތްތިލަ ދުރުކޮށްލައި އެ ކޯތާފަތް ދެއަތުން ފުހެދެމުން ލައިތު ގޮވާލީ ނުހަނު ލޯބިންނެވެ.
"ލައި ވަރަށް ލޯބިވޭ ޒުބިންދެކެ... ހިތަށް އަރާ އަހަރެންނާއި ޒުބިން ދުވަހަކުވެސް ދުމާނުވިނަމައޭ، ލޯބިވެޔޭ ނުބުނެވުނުނަމައޭ... ރައްޓެހިނުވެވުނު ނަމައޭ... އޭރުން މިދުވަހެއް ނާންނާނެ، ލައި ކަހަލަ ރަނގަޅު އެކުވެރިއަކަށް އަހަރެންގެ ފަރާތުން ހިތްދަތިކަމެއް ނުލިބޭނެ، އޭނާއަށް އޮޅުވާލީ ކަމަކަށް ނުވާނެ... ކުޑަކުޑަ ލޯބި އިލީއަށް، އެކުއްޖާގެ ބައްޕައެއް ނުގެއްލުނީސް، އަހަރެންނެތްނަމަ ލައިގެ ދިރިއުޅުން ކިހާ އުފާވެރިވީސް..." ކެންޒާ ލައްވެލީ ލައިތުގެ މޭގައެވެ. ނިކަން އަވަހަށް ލައިތުގެ ދެއަތް ކެންޒާ ވަށައިލައި ގަޔާލައި ބާރުކޮށްލައިފިއެވެ.
"ކެންގެ އެއްވެސް ކުށެއްނެތް... ޕްލީޒް ބޭބީ..." ލައިތު ބުނެލިއެވެ.
"ލައި ވަރިވާން ޖެހުނު ސަބަބަކީ އަހަރެން." ޔަގީންކަމާއެކު ބުނާއިރު، ކެންޒާގެ ހިތުގައި ޖެހިފައިވެއެވެ. ލައިރާ ދެރަވާނޭވަރު އެ ހިތަށް ތަސައްވުރު ކުރެވެނީއެވެ. ރުޅިއައިސް ކެންޒާދެކެ ފޫހިވާނޭ ހީވަނީއެވެ.
"ކެން..." ލައިރާ ބަދިގެތެރެއަށް ވަނުމަށް ފިޔަވަޅު އަޅާލުމާއެކު ގޮވާލީ މަޑުމަޑުންނެވެ. އެހެންނަމަވެސް އެ އަޑުން ލައިތުއާއި ކެންޒާ ވެސް ސިހިއްޖެއެވެ.
"ދޮން!.... ކެން!... ކެންއަކަށް އެއްވެސް ކަމެއް ނޭނގޭ." ކަންބޮޑުވެފައި ހުރެ ލައިތު ބުނެލިއެވެ. އެތަނުގައި ދެކެވުނު ވާހަކަ ލައިރާއަށް އަޑުއިވިއްޖެކަން ލައިތުއަށް އެނގުނީއެވެ.
"ޝީ ވޯންޓް ހާޓް ޔޫ... ނޮޓް އޮން ޕާރޕަސް، އެންޑް ޝީ ޑިޑިންޓް ނޯ... ޕްލީޒް، އައި ލަވް ހާ... ޝީ އިޒް މައިން ނައު..." ލައިތު ދުވަހަކުވެސް ނުދައްކާފަދަ ގޮތަކަށް ކުއްލިއަކަށް ލައިރާގެ ކުރިމަތީ ބުނެވުނެވެ. ކެންޒާ ހިމާޔަތްކުރަން އެ ހިތް ތެޅިފޮޅިގަތީއެވެ. ޢާއިލާތެރޭގައި އުފެދިދާނޭ ހައިޖާނުން ކުރީބައިގަ ކެންޒާ ސަލާމަތްކުރަން ބޭނުންވީއެވެ. އެ ދެ ޒުވާނުންނަށް ބަލަން ހުރެފައި ލައިރާ ހަށިފުރާ ފިނިނޭވާއެއް ދޫކޮށްލިއެވެ. ދެން ފެނުނީ އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލި ތަނެވެ.
"ކެންޒާ!... ވާހަކަދައްކާލަން ބޭނުން، މަޑުކޮށްލެވޭނެތަ؟." ލައިރާ ގޮވާލުމުން ކެންޒާ އެނބުރިލި ނަމަވެސް ނަޒަރު ސީދާކޮށްލާކަށް ނުކެރުނެވެ. ލައިރާގެ އެއްވެސް އެދުމަކާ ދެކޮޅު ހެދުމުގެ ވިސްނުމެއް ކެންޒާގެ ނެތެވެ. އެހެންވެ ބޯޖަހާލީ ލައިރާ ދައްކަން އުޅޭ ވާހަކައެއް އޭނާ އަޑުއަހާނޭކަން އެންގުމަށެވެ.
ލައިތު ގާތު އެތަނުން ދިއުމަށް ލައިރާ އެދުމުން އޭނާ ކެންޒާއަށް ބަލާލީ ޔަގީންނުވެފައި ހުރެއެވެ. ލައިރާ ދައްކަން އެ އުލެނީ ކޮންވާހަކައެއްކަމެއް ލަފާކޮށްލަން ވެސް ލައިތަށް ދައްޗެވެ. ކެންޒާ ހިތުގައި ޖެހޭފަދަ އެއްޗެއް ލައިރާ ބުނެފާނެތީ ލޯބިވެރިޔާ އެކަނިކޮށްލާފައި ދާން އޭނާ ޖެހިލުންވަނީއެވެ. އެހިނދު ލައިރާ އަނެއްކާ ވެސް ލައިތަށް ގޮވާލައިފިއެވެ.
"އިޓްސް އޯކޭ... އައި ވިލް ބީ ފައިން..." ކުރިމަތިލާން ތައްޔާރުވެގެން ހުރި ފަދައިން ކެންޒާ ބުނެލިއެވެ. އިތުރަށް ޔަގީންކަން ދިނުމަށް އޭނާ ބޯ ޖަހާލިއެވެ. އިތުރު ގޮތެއް ނެތޭ ހީވާ ފަދައިން ލައިތު ދިގު ނޭވާއެއް ލިއެވެ. އެއަށްފަހު އޭނާ ބޮޑުކޮޓަރީގައި އިންނާނަންކަން ބުނެ ކެންޒާގެ ގައިން ދޫކޮށްލިއެވެ. ނުކުމެގެން ދިއުމުގެ ކުރިން ކެންޒާގެ ތެމިފައިވާ ކޯތާފަތް ދެއަތުން ފުހެލަ ދިނެވެ.
ލައިތު ބަދިގެއިން ނުކުމެގެން އައިއިރު އޭނާއަށް ވިސްނެމުން ދިޔައީ ކެންޒާގެ ގާތުގައި ޒުބިންގެ ހަޤީޤަތް ހާމަކުރި މީހަކާމެދުއެވެ. އޭނާ ގެއަށް އައިއިރު ބޮޑުކޮޓަރީގެ ސޯފާގައި ސެހްރާނާއި ޔާދިން ވެސް ތިބިކަން އޭނާ ހަނދާން ހުއްޓެވެ. އެހެންވެ އަވަސްވެގަތީ ސެހްރާނު ހޯދާށެވެ. އެލެވޭޓާ އައިސް ނުވަނަ ފަންގިފިލާއަށް ހުއްޓުނެވެ. ލައިތު އައިސް ވަނީ ލައިރާގެ އެޕާޓްމެންޓަށެވެ. ސެހްރާނު އިނީ އެތަނުގައެވެ. އޭނާ ފެނުމާއެކު ލައިތު ސުވާލުކުރަން ފެށިއެވެ. އިލިޔާނާ ގޮވައިގެން ލައިރާއާއެކު އައިގޮތަށް ސެހްރާނު އިނީ އެ އެޕާޓްމެންޓްގައި ބުނުމުން ލައިތަށް ވިސްނިއްޖެއެވެ. ކޮންމެވެސް ގޮތަކުން ޔާދިން ކުރި ކަމެއްކަން ލަފާކުރަން ލައިތަށް އެނގުނެވެ. އެހެންވިޔަސް ޔާދިންއަށް އެކަމުގެ ކަބަރު ލިބިފައި އޮތް ގޮތެއް ލައިތަށް ނުވިސްނުނެވެ.
ބަދިގޭ އައިލެންޑް ދޮށުގައި ކެންޒާ އިށީނީ ލައިރާ އެދުނީމައެވެ. ދެ އަންހެންކުދީން ޖެހިޖެހިގެން ތިއްބެވެ. ވެރިވި ހިމޭންކަން ކެންޒާގެ ސިކުނޑި ހާސްކުރުވަމުންދިޔައެވެ. ހިތަށް ކުޅަދާނަނުވާވަރު ވުމުން ލައިރާގެ ގާތުން އޭނާ މަޢާފަށް އެދިއްޖެއެވެ.
"އައި ޑިޑިންޓް ނީޑް ޔޯ އެޕޮލޮޖީ." ލައިރާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު ކެންޒާއަށް ވަކިން ބޮޑަށް އިސްއޮބާލެވިއްޖެއެވެ.
"ވީ ބްރޯކް އަޕް، ލޯންގް ޓައިމް އަގޯ... ލައި އެނގެން ބޭނުންވަނީ ކޮންކަމެއް؟. ކޮންމެ ސުވާލެއް ކުރިޔަސް އެންމެ ރަނގަޅު، އަހަރެން ތެދަށް ކިޔައިދޭނަން." ކެންޒާގެ އަޑުން އޭނާއަށް އިނީ ރޮވިފައިކަން ބުނަން ލައިރާއަށް އެނގެއެވެ.
"ކެން... ސްޓޮޕް ކްރައިން..." ކެންޒާގެ އަތުގައި ހިފާލުމާއެކު ލައިރާ ބުނެލިއެވެ. އެ އަޑުގައިވި އޯގާތެރިކަން އިޙްސާސްވެ ނަޒަރު ސީދާކޮށްލަން ކެންޒާއަށް މަޖުބޫރުވިއެވެ. އަޖައިބުވެ އަންތަރީސްވީ ލައިރާގެ ފުޅާ ހިނިތުންވުން ފެނިފައެވެ. ސިކުންތަކަށް އެ ހިނިތުންވުމަކީ ހަޤީޤަތެއްނޫނޭ ހީވިޔަސް، ލައިރާގެ ދެ ލޯ އޮޅުވައެއް ނުލައެވެ. ތުންފަތުގައިވި ހިނިތުންވުމުގައި ލައިރާ ދެ ލޯ އެންމެ ފުރިހަމައަށް ބައިވެރިވާކަމުގެ ވިދުން ފެންނަން ހުއްޓެވެ.
"ކިޔަވައިދިނުމުގެ ހުނަރު ޒުބިންގެ ހުރިކަން އަހަރެންނަށް އެނގޭ ވަރަށް ކުރިން ވެސް، ކޮލެޖުގައި ލެކްޗަރަރއެއްގެ ގޮތުގައި އޭނާ އުޅެނީ ކިހިނެއް؟." ލައިރާ ނިކަން ހިނިއައިސްފައި އިނދެ ބުންޏެވެ. ބުނަންވީ ކީކޭކަމެއް ނޭނގިފައި ކެންޒާއަށް އިރުކޮޅަކު އިނދެވުނެވެ. ދެން އޭނާ ވާހަކަދެއްކިއެވެ.
"ސްޓޫޑެންޓުންގެ މެދުގައި ވަރަށް މަޤުބޫލް ޓީޗަރެއް އެއީ، ކިޔަވާދޭން އެނގޭ މޮޅު ޓީޗަރެއް، ޒުވާންވެފައި އެ ރީތިކަމުގެ ވާހަކަ ގިނަ އަންހެންކުދީން ދައްކާ އަޑު އިވޭ." ކެންޒާގެ ވާހަކަތައް އިވި ލައިރާ ހީނލީއެވެ.
"އާން!، އޭނާއަކީ ރީތި ފިރިހެނެއް." ނިކަން ހިނިއައިސްފައި އިނދެ ލައިރާ ބުނެލިއެވެ.
"އައި އޭމް ސޮރީ ލައި..." ކެންޒާއަށް އިސްޖަހާލެވުނެވެ.
"ކެން... ލައިތު ބުނިހެން މިކަމުގައި ކެންގެ ކުށެއްނެތް، އަހަރެމެންގެ ކައިވެންޏަކީ އެކަކުއަނެކަކުދެކެ ލޯބިވެގެން ކުރެވުނު ކައިވެންޏެއްނޫން، ހަޤީޤަތަށް ފުރަގަސްދިނީ މީހަކީ އަހަރެން... ކެންޒާއާއި ޒުބިން ދިމާ ނުވިނަމަވެސް މިކައިވެނި އޮމާންކޮށް ނުދާނެ." ލައިރާ ބުންޏެވެ.
"އަހަރެންނަށް އެނގޭ ޒުބިންދެކެ ލައި ލޯބިވާވަރު، ކައިވެންޏަށްފަހު ލައިއާއެކު އުޅެން އޭނާ މަސައްކަތް ކުރިނަމައެއްނު" ކެންޒާއަށް ބުނެވުނެވެ.
"ލޯތްބަކީ އެކަހަލަ އެއްޗެއް، އަހަރެން އޭނާ ދެކެ ލޯބިވީ، އެފަދަ ލޯތްބެއް އަހަރެންދެކެ ޒުބިން ވާންޖެހޭނެކަމަށް ޝަރުތުކޮށްފައެއްނޫން، ޒުބިންގެ ހުވަންފެންތަކާއި އޭނާގެ އުފާވެރިކަމަށް އެޅުނު ހުރަކީ އަހަރެމެންގެ ކައިވެނި ކަމަށްވަންޏާ، މި ކައިވެނި ރޫޅާލުން އެންމެ ރަނގަޅުވާނީ، އަހަރެންނަށް އޭނާގެ އުފާވެރިކަން އެއްވެސް ކަމަކަށްވުރެ ވެސް މުހިންމު، އެ އުފާވެރިކަން ގުޅިފައިވަނީ އަހަރެންނާ ނޫންކަން އެނގޭއިރު ވެސް. އޭނާގެ އުފަލަށްޓަކައި އަހަރެން އޭނާ ހިފަހައްޓަން ބޭނުންނުވަނީ. އަހަރެން ލޯބިވާ ގޮތަކީ އެއީ..." ލައިރާ މިހެން ބުނެލިއިރު އެ ތުންފަތުގައި ހިނިތުންވުން ފަނޑުވެއްޖެއެވެ. ކެންޒާ ޖެހިލީ ލައިރާއާ ގާތަށެވެ. ދެން ކޮނޑުގައި ހިފާލުމާއެކު ލައިރާގެ ގައިގާ އޭނާ ބައްދާލިއެވެ.
"ކެން... އައި އޭމް އޯކޭ..." ކެންޒާގެ ކޮނޑުގައި ފިރުމާލަމުން ލައިރާ ބުނެލިއެވެ. އެއާއެކު ކެންޒާ ދުރަށް ޖެހިލިއެވެ.
"އަހަރެންގެ ހިތުގައި އޭނާއާ މެދު އެކަހަލަ ފީލިންގްސްއެއް ނެތް، ޒުބިން ނުބުނޭ އޭނާ ކައިވެނި ކުރީ ކާކާކަމެއް، އޭނާ ކޮންޓެކްޓްކޮށް ބައްދަލުވާން އެދުމުން އަހަރެން ބައްދަލުކުރިން، އަލުން ގުޅެން އޭނާ ބޭނުންވި... އެކަމަކު އެއީ އަހަރެން ބޭނުންވާ ގޮތެއްނޫން. އަހަރެން އޭނާ ގާތު ބުނިން އެވާހަކަ... ލައިތުއަށް ވެސް އެއްވެސް ކަމެއް އޮޅިފައެއްނޯންނާނެ."
"ކެން، އައި އޭމް ނޮޓް ބްލައިންޑް... ލައިތުދެކެ ކެން ވާ ލޯބި އަހަރެންނަށް ފެނޭ. ލައިތުއަށް ކެންއަކީ ކިހާ މުހިންމު މީހެއްކަން ވެސް އެނގޭ... އައި ޑޯންޓް ބްލޭމް ޔޫ." ލައިރާ ޔަގީންކަމާއެކު ބުނެލިއެވެ.
"ލައި... ޒުބިން އެއީ އިލީގެ ބައްޕަ ދޯ... ލައިރ މެރީ ޒުބިންއާކަން އެނގުނީމަ، އަހަރެންނަށް އެކުއްޖާއާ ޒުބިން ވައްތަރުވީ." ކެންޒާ އަހާލިއެވެ. މާނަވީ ލުއި ހިނިތުންވުމެއް ކެންޒާއާ ލައިރާ ބަދަލުކޮށްލިއެވެ.
"އައި ލައިކް ޔޫ... އަހަރެންނަށް ވިސްނޭ ކީއްވެކަން ޒުބިންއަށް ކެން ކަމުދިޔައީ، ތީ އަހަރެން ބޭނުންވާ ކަހަލަ ރަޙުމަތްތެރިއެއް، އަހަރެން އިތުބާރުކުރަން ބޭނުންވާ ގާތް އެކުވެރިއެއް، އެހެންވެ ހުރިހާ ވާހަކައެއް ކެންއަށް އަހަރެން ކިޔައިދޭނަން، އެއްވެސް މީހެއް ގާތު މިވާހަކަދައްކަން ނުކެރިފައި އަހަރެން ހުރީ... ދައްކަން ރީތި ވާހަކައެއް ވެސް ނޫންވީމަ..."
"އަހަރެން އަޑު އަހާނަން، ލައި ނޫނީ އަހަރެންގެ ގާތް އެކުވެރިއަކު ނުހުންނާނެ، ޔޫ ކެން ޓްރަސްޓް މީ." ކެންޒާ ބުންޏެވެ.
"ޒުބިންއާއި އަހަރެން ބޮޑުވީ އެކުއެކީގައި، ލޯތްބަކީ ކޮބާކަން އެނގުނު ދުވަހުން ފެށިގެން، އަހަރެން ލޯބިވީ ހަމައެކަނި ޒުބިންދެކެ، ކައިވެންޏަށް އިސްނެގީ ޒުބިންގެ ފެމެލީއިން، އޭނާ އެކަހަލަ ކޮމިޓްމެންޓަކަށް ތައްޔާރެއްނޫން، އަހަރެންނަށް އަޅާލައި ރައްކާތެރިކަން އިޙްސާސް ކޮށްދިނަސް، އެހިތުގައި އަހަރެން އެދޭފަދަ ފުންލޯތްބެއްނެތް، އަހަރެންގެ ބައްޕަ ކުރާ ހޭދައަކީ ގިނަފަހަރަށް އަނެކުންނަށް ކަންކަމާ އިންކާރުކުރަން ނުކެރޭފަދަ ބޮޑު ހޭދައެއް، ޒުބިންގެ ޢާއިލާގެ ވިޔަފާރި ވެއްޓެމުންދަނިކޮށް ކޮޅަށްޖެހީ އަހަރެންގެ ބައްޕަ... އެމީހުންގެ ވިސްނުން ހުރި ގޮތް ޒުބިން ކިޔާދިން، އޭނާއަށް ދެކޮޅު ހެދެން އޭރު ނެތީ، ކައިވެންޏަށްފަހު ޒުބިންއަށް ފުރިހަމަ މިނިވަންކަން ލިބޭނޭކަމުގެ ޚިޔާލު ދިން މީހަކީ އަހަރެން... އެކަމަކު... އޭރު ވެސް ހިތަށް އެރި، އަހަރެން ކަހަލަ މޮޔަކުއަކު ދުނިޔޭގައި އުޅޭނެބާއޭ... ފިރިމީހާއަށް ހުރިހާކަމަކަށް މިނިވަންކަން ދޭނޭ އަނތްބެއް ހުރެދާނެބާއޭ، އަހަރެން ލޯބިވާއިރު، އެ ކައިވެންޏަކީ އަހަރެންނަށް ލިބުނު ރަނު ފުރުޞަތެއްނޫންހޭ... ކައިވެންޏަށްފަހު އަހަރެމެން ފުރައިގެން ދިޔައީ... ލަންޑަނުގައި އަހަރެމެން ދެ މީހުންގެ ކިޔެވުމުގެ ގިނަ ދުވަސްތައް ހޭދަކުރީ، އެހެންވެ އަހަރެންގެ ވެސް ގިނަ ރައްޓެހިން އެކޮޅުގައި ތިބި... މިހާރު ވިސްނޭ، ރައްޓެހިންގެ ގޮތުގައި ވެސް ޚިޔާރު ކުރަންވީ ރަނގަޅު ރައްޓެހިންކަން... އެކަމަކު އެމީހުންގެ ކުށެއް ވެސް ނެތް، އެމީހުން ޚިޔާލުދިނީ އަހަރެންގެ ހިތާމަތައް ލުއިކޮށްދިނުމަށް، އަހަރެން ހިތްހަމަޖައްސައިދޭން ބޭނުންވާތީ، ދިން ޚިޔާލަށް ޢަމަލުކުރީ އަހަރެން... ކުށްވެރިއަކީ އަހަރެން... ޒުބިންއަށް އޮޅުވާލީ އަހަރެން... އިލީއަކީ ޒުބިންނަށް އަހަރެން ވިހޭ ކުއްޖެއް، އޭނާގެ ލޭ އެއީ... އެކަމަކު އޭނާއަށް އެކަން ހިނގިގޮތް އޮޅުވާލި މީހަކީ އަހަރެން، ރައްޓެހިންނާއެކު ކްލަބަށް އަހަރެން ދަނީ ޒުބިންގެ ޚިޔާލުތަކާ ދުރުވާން، ދެމަފިރިންގެ ގޮތުގައި ތިބިއިރު، އަހަރެން ޒުބިންގެ އެދުންތައް ފުއްދުމުގައި ޝާމިލުވާން ބޭނުންވުމުން ވެސް އެކަމާ ދެކޮޅު ހެދީ ޒުބިން، އޭނާއަށް އަހަރެންގެ ބޭނުންކުރެވިދާނޭކަން ވެސް ބުނިން... އެކަމަކު ޒުބިންއަކީ އެކަހަލަ ފައިދާތަކެއް ނަގާނޭ ފިރިހެނެއްނޫން... އޭނާ ދުށްގޮތުގައި ލޯބިނުވާއިރު އަހަރެންގެ ހަށިގަނޑުގައި ބީހުމަކީ އަހަރެންނަށް ދެވޭ އަނިޔާއެއްކަމުގައި، އެކަން އަހަރެންގެ އޭރުގެ ރައްޓެހިންނާ ޚިއްޞާކުރުމުން، އެމީހުން އަހަންނަށް ޚިޔާލުދިނީ... އަހަރެންނާއެކު ޒުބިން ކްލަބަށް ގެންދިޔައީ ރޭވުމެއްގެ ތެރެއިން، އެތަނުން އޭނާ މަސްތުކުރުވި މީހަކީ އަހަރެންނާއި އަހަރެންގެ ރައްޓެހިން، ގެއަށް އައިސް އަހަރެމެން ދެމެދުގައިވި ދުރުކަން ގާތްވީ އަހަރެންގެ ސަބަބުން، ހަމަހޭގައި ހުރި މީހަކީ ވެސް އަހަރެން، އިރުއަރަންވާއިރަށް ޒުބިންގެ ގާތުން އަހަރެން ދިޔައީ، ކަމެއްވީކަމުގެ އެއްވެސް ނިޝާނެއް ދޫނުކޮށް، އޭނާއަކީ އެކަހަލަ ތަންތަނަށް ދާމީހެއްނޫން، އެހެންވެ ބޮވުނު އެއްޗެއްގެ ސަބަބުން އަމަލުވުންވީ އޭނާއަށް ވަރަށް ބޮޑު ކަމަކަށް، ފުރަތަމަ ފަހަރަށް އަހަރެން ގާތު ބުނި އޭނާ އެހާ ގަޔާވާކަމެއްނޫންކަން އެތަންތަނަށް އަހަރެން ގޮސް ހެދުން، އޭރު އަހަރެމެން ދެމެދުގައި ކަމެއް ހިނގިކަން އޭނާ ހަނދާނެއް ވެސް ނެތް. އެކަމަކު އެރޭ ކަންތައްވީ ކިހިނެއްތޯ އޭނާ އެހި... ދެން ވެސް އަހަރެންނަށް ހަޤީޤަތް ހާމަކުރަން ނުކެރުނީ، މުޅި އުމުރަށް އަހަރެންނަށް ޒުބިން ނަފުރަތު ކުރާނޭކަން އެނގޭތީ، އަހަރެން ރޭގަނޑު ޕާޓީތަކަށާއި ކުލަބްތަކަށް ދިއުން ހުއްޓާލީ އޭގެ ފަހުން، ބަނޑުބޮޑުވެދާނޭ ކަމަށް ހިޔެއްނުކުރަން، އެކަމަކު ބަނޑުބޮޑުވުމުން އަހަރެން އުފާ ވެސް ވި، ޒުބިން ވަރަށް ކަންބޮޑުވި... ދަރިފުޅުގެ ބައްޕައަކީ ކާކުތޯ އެހާތީ، އަހަރެން އެންމެ ފަހުން ބުނީ... އެއީ އަހަރެން އެންމެ ލޯބިވާ މީހާއޭ... ހަޤީޤަތް ނޭނގި ހުރެ ވެސް ޒުބިން، އޭނާގެ އަމިއްލަ ދަރިފުޅު ބަލައިގަތް، އިލީއާ ޒުބިން ހަވާލުވީ އަހަރެން ބޭޒާރުކޮށްލަން އޭނާ އެއްގޮތަކަށް ވެސް ނޭދޭތީވެ، އެކަމަކު ވަރިވާން ބޭނުންވީ އޭނާ ވެސް ލޯބިވާ މީހަކު ހުރީމަ، އޭނާއާއެކު ދިރިއުޅުމެއް ފަށަން ޒުބިން ވަރަށް ބޭނުންވޭ، ވަރިވުމުގެ ވާހަކަ ޒުބިން ދައްކަން ފެށީސުރެ، އަހަރެންނަށް ޓަކައި އިލީގެ ބައްޕަ ހޯދައިދޭން އޭނާ ހުރީ ތައްޔާރަށް... އެކަމަކު އަހަރެން ކިހިނެއް އެވާހަކަ ބުނާނީ؟، އިލީއަކީ ވެސް އަހަރެންގެ އަމިއްލަ އެދުން ބޮޑުވެގެން ނުކުތް ނަތީޖާއެއް، އަހަރެން ބޭނުމެއްނޫން އެހާ އަމިއްލަ އެދުން ބޮޑު މީހަކަށްވާކަށް، ޒުބިންގެ ލޯބި އަހަރެން ހޯދަން ބޭނުންވީ ގަދަކަމުންނެއްނޫން... އޭނާގެ އުފާތައް ފޭރިގަނެ އަހަރެންގެ ލޯބި ހާސިލު ކުރުމުގެ ވިސްނުމެއް އެއްވެސް އިރަކުނެތް... އިލީއާއެކު އަހަރެންގެ އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރަން އަހަރެން ނިންމައިފިން." ލައިރާއަށް ކެންޒާގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ.
"ތީ އެއްވެސް ގޮތެއްނޫން... ޒުބިންގެ ދަރިއެއް އިލީއަކީ، ލައި... ޒުބިންއަކީ އެހާ ހިތްހަރު މީހެއްނޫން، އޭނާ ލައިގެ ވާހަކަ އަޑުއަހާނެކަން ޔަގީން، ޒުބިންއަކީ ވެސް މޮޔައެއް... ލައިއާއެކު އެހާ ދުވަހު އުޅެވުނީ ޒުބިން ވެސް ލައިކްވާތީ، އަހަރެންނަށް ވީ ވަޢުދުގެ ސަބަބުން އެ ފީލިންގްސްތަކަށް ފުރުޞަތުދޭން ޒުބިން ފަސްޖެހުނީކަމަށް ވެދާނެ... އޭނާއަކީ ވަޢުދެއްވެއްޖެނަމަ، އެ ވަޢުދު ފުއްދާނޭ މީހެއް... ނޫންތަ؟... އަހަރެންނަށްވުރެ ބޮޑަށް ޒުބިންގެ ގޮތް އެނގޭނެ މީހަކީ ތީ، ޕްލީޒް... ޑޯންޓް ގިވްއަޕް... އިލީއަކީ އެހެންމީހެއްގެ ދަރިއެއްކަމަށް ޒުބިންއަށް ހީވިޔަސް، އޭނާ އެކުއްޖާ ދަރިއެއްގެ ގޮތުގައި ބަލައިގެންފިކަން ޔަގީން. ޒުބިންއަކީ ވިސްނުންތޫނު މީހެއް..."
"ތެންކިއު ކެން... ތީ ރަނގަޅު ރަޙުމަތްތެރިއެއް، ލައިތުއާ މެރީކޮށްގެން އަވަހަށް މިގެއަށް އާދޭ، އައި އޯލްވޭޒް ވޯންޓެޑް ޓު ހޭވް އަ ސިސްޓަރ... އައި ލަވް ޔޫ ބޯތް، ލައިތު އިޒް ލަކީ ޓު ހޭވް ޔޫ އިން ހިޒް ލައިފް، އެކަމަކު އެންމެން އެހާ ނަސީބުގަދައެއް ނުވާނެ... އެކަން ޤަބޫލުކުރަން ވެސް ޖެހޭނެ." ކެންޒާގެ ކޮނޑުގައި ލައިރާ ބޯއަޅާލިއެވެ.
ޔާދިންގެ ކޮޓަރީގައި ޓަކިދިން ގޮތަށް ތަޅުގައި ހިފާ ލައިތު އަނބުރާލިއެވެ. ހުޅުވުނު ދޮރުން އެތެރެއަށް ލައިތު ދެމިގަތްއިރު ކުޑަދޮރުގެ ކައިރީ ހުރި ގޮނޑީއަށް ހަށިގަނޑު ދޫކޮށްލައިގެން އިން ޔާދިން ތެދުވެއްޖެއެވެ. ކެންޒާއާ ދެއްކީ ކޮންވާހަކައެއްތޯ ލައިތު ސުވާލުކުރިއެވެ. އެއާއެކު ޔާދިން ޖަހާލީ ހިނިގަނޑެކެވެ. އަލުން ތެދުވި ގޮނޑީގައި އޭނާ އިށީނީއެވެ. ލައިތު އައިސް ހުއްޓުނީ އޭނާގެ ކުރިމަތީގައެވެ. ލައިތު ދެކެ އަންނަ ރުޅީގައި ކަންކަން ކުރާނީ ކެންޒާއަކަށްނޫނޭ ލައިތު ބުނެލިއެވެ.
"މި ފެމެލީގެ ފޭވަރިޓް ސަން... ބައްޕަގެ ހުރިހާކަމަކަށް އިސްކުރަން ނިންމާފައި ހުރި ވާރިސް، ހެ ހެ ހެ... އެންޑް ޔޫ ގެޓް ދި ގާލް... އެވްރިބޮޑީ ލަވްސް ޔޫ... ހައު ޑަސް އިޓް ފީލް..." ހިނިއައިސްފައި އިނދެ ޔާދިން ބުނެލިއެވެ.
"ވަޓް..." ލައިތުއަށް ބުނާނޭ އެއްޗެއް ނޭނގުނީއެވެ. ޔާދިންދެކެ ރުޅިއަންނަން ބޭނުންވިޔަސް އެކަމެއް ވެސް ނުވިއެވެ. ޔާދިންގެ ހިނިތުންވުމުގައި ފޮރުވިފައިވާ ރިހުން އޭނާއަށް ސާފުކޮށް ފެނެއެވެ.
"ޔޫ ރިއަލީ ފީލް ގުޑް އަބައުޓް ޔޯ ސެލްފް... ޑޯންޓް ޔޫ..." ޔާދިން އަނެއްކާ ވެސް ހީނލީއެވެ.
"ބްރަދާރ.... ޔޫ ކެން ހޭވް އެވްރިތިންގް... ސްޓޮޕް ޕްލޭއިން ޑާޓީ ޓްރިކްސް އެންޑް ސްޓޭ އަވޭ ފްރޮމް ހާ." އެނބުރި ނުކުންނަން ހިނގައިގަނެފައި ލައިތު ބުނެލިއެވެ. ޔާދިންއަށް ބަލަން އިނދެވުނީއެވެ. މިނޫނީ ދުވަހަކުވެސް ލައިތުގެ ދުލުން ޔާދިންއަށް "ބްރަދާރ"އޭ މުޚާޠަބުނުކުރެއެވެ. އެ އަޑުގައި ޖެއްސުމުގެ ރާގެއްނެތެވެ. އެއަށްވުރެ މަޑުމައިތިރިއެވެ. ޔާދިންއަށް ތުންފިއްތާލެވުނެވެ.
(ނުނިމޭ)