ލައިފްސްޓައިލް

ސްކޭން ހެދިއިރު ސިކުނޑިގެ އެންމެ އަޑީގައި ދެ އަފުނޯސްކަށި

އިނގިއްޔަކަށް ތިނޯހެއް ހެރުނަސް ވާ ތަދު އިހްސާސް ކޮށްލާށެވެ. އަދި ސިކުނޑިއަށް ގަދަ ކަމުން ތިނޯހެއް ވައްދާލާއިފިނަމަ ވާނެ ތަދު ދެން އިހްސާސް ކޮށްލާށެވެ. ބިރުވެރި ދޯއެވެ. މިއީ ހަގީގަތުގައި ވެސް މީހަކަށް ދިމާވެފައިވާ ކަމެކެވެ.

މި ބިރުވެރި ހާދިސާ ކުރިމަތިވީ ޗައިނާގެ 29 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ދާދި ފަހަކުން ކާރު އެކްސިޑެންޓެއް ކުރިމަތިވި އެވެ. މި އެކްސިޑެންޓާ ގުޅިގެން ސިކުނޑީގެ ސީޓީ ސްކޭނެއް ހެދުމަށް ޑޮކްޓަރުން އަންހެންމީހާ އަށް ލަފާ ދިނެވެ. އެއީ އެކްސިޑެންޓްގެ ސަބަބުން އެމީހުންގެ ހަށިގަނޑުގެ އެތެރެއަށް އެއްވެސް ގެއްލުމެއް ވެފައި ނެތްކަން ޔަގީންކުރަން ހަދާ ސްކޭނެކެވެ.

މި އަންހެންމީހާ ސީޓީ ސްކޭން ހެދުމުން ފެނުނު މަންޒަރުތަކުން ޑޮކްޓަރުންނަށް ވެސް ލިބުނީ ޝޮކެކެވެ. އޭނާގެ ސިކުނޑީގެ އެންމެ ފުނުގައި ވަރަށް ބޮޑު ދެ އަފުނޯސްކަށި އިންދާ ފެނުނީމަ އެވެ. އެންމެ ހައިރާންވީ ކަމަކީ އެކްސިޑެންޓުގެ ސަބަބުން އެމީހާގެ އެތެރެހައްޓަށް އެއްވެސް އަނިޔާއެއް ލިބިފައި ނެތަސް މި ދެ އަފުނޯސްކަށި ވަދެފައި އިން ގޮތެއް ނޭނގިގެންނެވެ.

ގާތްގަނޑަކަށް ފަސް ސެންޓިމީޓަރުގެ ދިގުމިން ހުރި މި ދެ މެޓަލް ކަށި ވައްތަރީ ހަމަ ތިނޯހަކާ އެވެ. އަދި މިއީ އެކްސިޑެންޓުގެ ތެރޭގައި އެމީހާގެ ސިކުނޑިއަށް ވަދެފައިވާ އެއްޗެއް ކަމަކަށް ޑޮކްޓަރުންނަކަށް ގަބޫލެއް ނުކުރެވުނެވެ.

ޗައިނާގެ ހެނާން ޕްރޮވިންސްގައި އޮންނަ ޒެންގްޒޫގައި ދިރިއުޅޭ ޒޫ ނަމަކަށް ކިޔާ މި މީހާއަކަށް ވެސް އޭނާގެ ބޮލަށް މިހާ ބޮޑު ދެ އަފުނޯސް ކަށި ވަދެފައިވާ ކަމެއް ކުރިއަކުން އެނގިފައެއް ނެތެވެ.

ޒޫ ބުނާ ގޮތުގައި އޭނާ މިހާތަނަށް ބޮލުގެ އެއްވެސް ސާޖަރީއެއް ނަހަދަ އެވެ. ވީމާ އޭނާގެ ސިކުނޑި ތެރޭގައި މި ދެ ކަށި އިންނަން ޖެހުނު ސަބަބެއް އޭނާއަކަށް ނޭނގެ އެވެ. އަދި ދުވަހަކުވެސް ބޮލުގައި ރިއްސާތީ ނުވަތަ ބޮލަށް އެއްވެސް އުނދަގުލެއް ވާތީ ވެސް ޒޫ އުޅެފައެއް ނެތެވެ. އަދި އޭނާއަކީ އާއްމުކޮށް އެހާ ބަލިވެ އުޅޭ މީހެއް ވެސް ނޫނެވެ.

އެންމެ ފަހުން ޒޫގެ ބޮލަށް މި ދެ ކަށި ވަން ގޮތް ޑޮކްޓަރުން ވަނީ ލަފާ ކޮށްފަ އެވެ. ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި މި ކަށި ޒޫގެ ބޮލަށް ހެރިފައި ވަނީ އޭނާ ވަރަށް ތުއްތު އިރުއެވެ. އެއީ އެކްސިޑެންޓަކުން ކަމެއް ނުވަތަ ބަޔަކު ގަސްތުގައި ހަރާފައި ހުރީ ކަމެއް ބުނާކަށް ޑޮކްޓަރުންނަކަށް ވެސް ނޭނގެ އެވެ.

މިގޮތަށް ޑޮކްޓަރުން ލަފާ ކުރީ އެ ދެ ކަށީގެ ފަލަމިނާއި ބޮޑުމިނަށް ބަލައި ފުރިހަމައަށް ތަރައްގީވެފައިވާ ނާށިގަނޑަކަށް މި ކަށި ހަރާ ނުލެވޭނެ ކަމަށް ފެންނާތީ އެވެ. ތުއްތު ކުއްޖެއްގެ ބޮލުގެ ނާށިގަނޑު ބޮޑެތި މީހުންގެ ނާށިގަނޑަކަށް ވުރެ މަޑުވުމުން ފަސޭހައިން ކަށި ހަރާ ލެވޭނެ އެވެ. ބޮލަށް ކަށި ކޮއްޕި ހަނދާން ޒޫގެ ނެތީ އޭނާ ވަރަށް ކުޑައިރު މިކަމެއް ވެފައި ހުރުމުން ކަމަށް ޑޮކްޓަރުން ލަފާ ކުރެ އެވެ.
މި ދެ ކަށި އިނަސް ޒޫގެ ބޮލަށް އެއްގޮތަކަށް ވެސް ތަދު ނުވާ ސަބަބު ވެސް ޑޮކްޓަރުން އޮޅުން ފިލުވައި ދިނެވެ. ޒޫގެ ފަރުވާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ޑޮކްޓަރުން ބުނަނީ އޭނާގެ ސިކުނޑީގެ އަޑީގައިވާ ދެ ކައްޓަކީ ވަރަށް ހިމަ ދެ ކައްޓަށް ވެފައި އެ ކަށިތައް ހެރިފައި ހުރީ ސިކުނޑީގެ އެއްވެސް ޚާއްސަ މަސައްކަތެއް ކުރާ ހިސާބަކަށް ކަމަށް ނުވާތީ އޭގެ ސަބަބުން އެއްވެސް އުނދަގުލެއް ޒޫ އަށް އިހްސާސް ނުވަނީ ކަމަށެވެ. އެ ކަށިތައް ހުރީ ސިކުނޑީގެ އެއްވެސް އެކްޓިވް އޭރިޔާއަކު ނޫނެވެ. ނަމަވެސް މި އެއްޗެތި ހުރިކަން އެނގުމުން ވީހާވެސް އަވަހަކަށް މި ނެގުމަށާއި ނުނަގާ ނުބެހެއްޓުމަށް ޑޮކްޓަރުން ވަނީ ޒޫ އަށް ލަފާ ދީފަ އެވެ.

އިންޑިއާ ޓައިމްސްގެ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޒޫ ގެންގުޅެ ބޮޑުކުރި މައިންބަފައިންނަކަށް ވެސް އޭނާގެ ބޮލުތެރޭގައި މި ދެ ކަށި އިން ސަބަބު ބުނެދޭކަށް ނޭނގެ އެވެ. ޒޫ އަކީ އެޑޮޕްޓް ކޮށްފައިވާ ކުއްޖެއް ކަމަށާއި ވަރަށް ކުޑައިރު އެމީހުން އޭނާ އެޑޮޕްޓްކޮށް އޭނާއާ ހަވާލުވީ އިރުވެސް ބޮލުގައި ކަޅުކުލައިގެ ދެ ތަންކޮޅު ހުރިކަމަށް ޒޫގެ މައިންބަފައިން ބުނެފައި ވެއެވެ.