ލައިފްސްޓައިލް

ހުވަނދު މަލުގެ ވިޔަފާރީގެ އެންމެ ކުރީގައި މިސުރު

އީމާން މޭހަންނާ ހުވަނދުމާ ދަނޑުތަކަށް މާ ބިންނަން ދަނީ ކޮންމެ ރެއަކުވެސް ދަންވަރު އެވެ. ހުވަނދުމާ ގަސްތައް އިންދާފައިވާ ބޮޑެތި ދަނޑުތައް ރޭގަނޑު ދަންވަރު ވަގުތު އޮންނަނީ ވަރަށް އަނދިރިކޮށެވެ. އެހެންވެ އޭނާ މާ ބިންނަން ދާއިރު ބޮލުގައި ބޭންޑެއް ހެން އަޅާފައިވާ އެއްޗެއްގައި ބޮތްކެއް ހަރުކޮށްފައި ހުރެ އެވެ. މިސުރުގެ ނީލް ޑެލްޓާގައިވާ ހުވަނދުމަލުގެ މި ދަނޑުތަކުގައި ހުވަނދުމާ ފޮޅޭއިރު އެ ދުވާ މީރު ވަސް ވަރަށް ދުރަށް ހުރެ އެވެ.

މިސުރުގެ ގާބިޔާ ރީޖަން އަކީ ހުވަނދުމަލުގެ ވިޔަފާރީގައި އެ ގައުމުގައި އެންމެ ކުރިއަރާފައިވާ ސަރަހައްދެވެ. ދުނިޔޭގައި އުފައްދާ ހުވަނދުމާވަސް އެކުލެވޭ ސެންޓާއި އެރޮމެޓިކް ތެޔޮ އުފެއްދުމުގެ ވިޔަފާރީގައި ބޭނުންކުރާ ހުވަނދުމަލުގެ ދެބައިކުޅަ އެއްބަޔަކީ މިސުރުގެ މި ދަނޑުތަކުން ބިންނަ މާތަކުން އުފައްދާ ތަކެތި ކަމަށް ބައިނަލްއަގުވާމީ މާކެޓް ދިރާސާ ތަކުން ދައްކަ އެވެ.

"އަހަރެމެން ވަރަށް ކުޑައިރުއްސުރެ ހުވަނދުމާ ބިންނަން ދަނޑުތަކަށް އަންނަން،" މިސުރުގެ ވެރިރަށް ގާހިރާ އާ 60 މޭލު ދުރުގައި އޮންނަ ޝުބްރާ ބެލޫލާ އަވަށުގައި ދިރިއުޅޭ އީމާން ބުންޏެވެ. އީމާން މެން ހުވަނދުމާ ބިންނަނީ އަމިއްލަ އަތުންނެވެ. މިކަމަށް އެއްވެސް މެޝިނެއް ބޭނުމެއް ނުކުރެ އެވެ.

އޭނާ ގެންގުޅޭ ބޮޑު ބާސްކެޓެއް ފުރެންދެން ކޮންމެ ދުވަހަކުވެސް އޭނާ ހުދު ކުލައިގެ މި މާ ބިނދެ އެވެ. އިސްކޮޅާ ހަމަޔަށް ހެދިފައިވާ އެތައް ކޮޅާ ކޮޅު ނުފެންނަ ވަރުގެ ބިޔަ ދަނޑުތަކުގައި ހުންނަ ގަދަ ފެހިކުލައިގެ ގަސްތަކުންނެވެ.

އާއްމުކޮށް ހުވަނދުމަލުގެ މޫސުމަކީ ޖޫން މަހުން ނޮވެމްބަރުގެ ނިޔަލަށެވެ. އީމާން ފަދައިން ހުވަނދުމާ ބިނުމުގައި ހަރަކާތްތެރިވާ މީހުން މި މަސައްކަތް ފަށަނީ ދަންވަރު ވީމަ އެވެ. އަދި އިރުއަރާ އެތައް އިރެއް ވަންދެން އެމީހުން މި މަސައްކަތުގައި އުޅެ އެވެ.

ހުވަނދުމާ ހެއްދުމަކީ ވަރަށް އުނދަގޫ މަސައްކަތެކެވެ. ނަމަވެސް މި މަސައްކަތުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ކޮންމެ މީހަކު ކޮންމެ ދުވަހަކުވެސް ފަސް ކިލޯ މާ ބިނދެ އެވެ. ރޭގަނޑު ދަންވަރު މާ ބިނުމުގެ މަސައްކަތް ކުރަނީ މާ ތައް ފޮޅެނީ ރޭގަނޑު ކަމަށް ވެފައި ފޮޅިފައި ހުންނަ މާ ބިންނަން ބޭނުންވާތީ އާއި އެ ގަޑިއަކީ މާހައުލަށް ވެސް ފިނިކަން ލިބިފައި އޮންނަ ގަޑިއަކަށް ވާތީ އެވެ.

"ފޮޅިފައި ހުންނަ މާ އެކަނި ބިންނަން ޖެހޭނީ. އެހެންވެ މާތައް ރީއްޗަށް ފޮޅުނީމަ ބިންނަން އަހަރެމެން މަޑުކޮށްލަނީ. ނުފޮޅި ހުންނަ މާ އަނެއް ދުވަހު ބިންނަން އަހަރެމެން ބަހައްޓަނީ،" އީމާން ބުންޏެވެ.

ރޭގަނޑު ދަންވަރު ބޮލުގައި ބޮކި ހަރުކޮށްގެން މާ ބިނުމުގެ މަސައްކަތް ކުރާ އީމާން އިރު އެރުމާއެކު އެ ބޮކި ހަރުކޮށްފައިވާ ބޭންޑް ނައްޓާލާފައި ބޮލުގައި ދެން އަޅަނީ ވަރަށް ދުރަށް ފެތުރިފައި ހުންނަ ވައްތަރެއްގެ ތޮއްޕެކެވެ. އެއީ އިރުގެ އަލިން ސަލާމަތް ވުމަށެވެ.
ހުވަނދުމަލުން އުފައްދާ މީރުވަސް ދުވާ ތަކެތީގެ ވިޔަފާރީގައި އުޅޭ ފަރާތްތަކުން ބުނާ ގޮތުގައި މި ތަކެތި އުފައްދަން މުޅި ދުނިޔޭގައި ބޭނުންކުރާ ހުވަނދުމަލުގެ 95 ޕަސެންޓަކީ މިސުރާއި އިންޑިޔާގައި ހައްދާ ގަސްތަކުގެ މަލުން ތައްޔާރުކުރާ ބާވަތްތައް ކަމަށެވެ.

ހުވަނދުމާ ހައްދައި އެ ވިއްކުމުގެ ވިޔަފާރީގައި މިސުރުގެ 50،000 މީހުން އުޅެ އެވެ. އަދި މި ވިޔަފާރިން އެ ގައުމަށް އަހަރަކު 6.5 މިލިއަން ޑޮލަރު ލިބޭ ކަމަށް ވިޔަފާރީގެ ދާއިރާގެ މާހިރުން ބުނެފައި ވެއެވެ.

މިސުރުގައިވާ ހުވަނދުމަލުގެ ދަނޑުތަކުގެ ތެރެއިން 90 ޕަސެންޓް ހުރީ ގާބިޔާގައެވެ. އެ ސަރަހައްދުގެ ބިމުގައި މިނަރަލްސް އިން މުއްސަނދިވެފައިވާ ބިމެކެވެ. އަދި ނީލަ ކޯރުގެ ތާޒާ ފެން ލިބޭތީ މި ހިސާބުގައި ހުވަނދުމާ ފަސޭހައިން އަދި ރީތިކޮށް ހެދެ އެވެ.
އެ ހިސާބުގެ ގެތަކުގެ ބޭރުގައި ވެސް މުޅިން ހުންނަނީ ހުވަނދުމަލެވެ. ހިރަފުސް ވެފައިވާ މަގުތަކުގެ ދެ ފަރާތުގައިވާ ގަސްތަކުގައި ހުދުކުލައިގެ މާތައް ފޮޅިފައި ހުންނައިރު މުޅި ހިސާބަށް ވަރަށް ހިތްގައިމު މީރުވަހެއް ފެތުރިފައި ހުރެ އެވެ.

ބޮޑެތި ބާސްކެޓްތަކުގެ ފުރެންދެން ހުންނަ ހުވަނދުމާތައް ވަރަށް ހެނދުނު ހެނދުތާ ޓްރަކްތަކަށް އަރުވަން ފަށާނެ އެވެ. މި މާތައް ގެންދާނީ އޭގެން ތެލާއި ސެންޓު އުފެއްދުމަށްޓަކައި އަރަގު ނެގުމަށެވެ. އެގޮތުން އެންމެ ފުރަތަމަ މަރުހަލާގައި ހުރިހާ މާތައް ރަނގަޅަށް ފިއްތާލައި އަދި ހިމުންކޮށްލަ އެވެ. އަގުހުރި އަދި މީރުވަސްދުވާ ސެންޓާއި ތެޔޮ އަދި އެނޫންވެސް އުފެއްދުމުގެ މަސައްކަތް ފެށޭނީ މި ހިސާބުންނެވެ.
މަލުގެ ވިޔަފާރީގައި އުޅޭ މީހަކު ބުނި ގޮތުގައި މިހާރު މިސުރުން ކޮންމެ ދުވަހަކު 20 ޓަނުގެ ހުވަނދުމާ ބިނދެ އެވެ. މި މާ ގަސްތައް އިންދާފައިވާ ސަރަހައްދުގެ ބިމުގައި 1000 އޭކަރު ހުންނާނެ ކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ.

މިސުރު މީހުންގެ ޝަކުވާ އަކީ އިންޑިޔާ މީހުން ހުވަނދުމާ ހައްދައިގެން މާ އަގުހެޔޮކޮށް އެ މާ ވިއްކާތީ އެމީހުންގެ ވިޔަފާރިއަށް ދަތިތަކާ ކުރިމަތިވާ ވާހަކަ އެވެ.

"ކޮޅަށް ހުރެގެން ހުވަނދުމާ ބިނުމުގައި އެތައް ގަޑިއިރެއް ހޭދަ ކުރަން ޖެހޭ. މިއީ ކިހާ ބުރަ މަސައްކަތެއްކަން އެނގޭނީ މިކަން ކުރާ ބަޔަކަށް،" މާ ބިނުމުގައި ހަރަކާތްތެރިވާ ވަފާ ނަމަކަށް ކިޔާ މީހަކު ބުންޏެވެ. ނަމަވެސް މިހާރު އޭނާ މާ ވިއްކައެއް ނޫޅެ އެވެ. މަލަށް ލިބޭ އަގު ކުޑަވީމަ އެވެ.

ނަމަވެސް އީމާން ކަހަލަ މާ ބިނުމުގައި ދެމި ހުރި އަންހެނުންނަށް މަލުގެ މޫސުމަކީ ހިތްގައިމު އުފާވެރި ދުވަސް ތަކެކެވެ. އީމާން ބުނި ގޮތުގައި މާ ބިންނަން އުޅޭ އިރު ވަރަށް މަޖާ ވާހަކަ ބައެއް މީހުން ކިޔައިދީ މުނިފޫހި ފިލުވާދީ ވެސް ހަދާނެ އެވެ. ވީމާ މާ ބިންނަ ވަގުތު ތަކަކީ އެމީހުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭ ވަގުތު ތަކެކެވެ.