- އައިސީސީޕީއާރާއި ގާނޫނު އަސާސީއާ ބިލް ހިލާފު
- މިފަދަ ކަންކަން ކުރަނީ ހުދުމުހުތާރު ގައުމުތަކުގައި
- ބޮއިކޮޓް ކެމްޕޭންތަކަކީ ރައްޔިތުންގެ އިހުތިޖާޖެއް
ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން މަސައްކަތް ކުރާ ފަރާތްތަކަށް އަދަބު ދިނުމަށް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަކީ ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ބިލެއް ކަމަށް ބުނެ އެމްޑީޕީ އިން އެ ބިލާ ދެކޮޅު ހަދައިފި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އައިސީސީޕީއާރުގައި ރާއްޖެއިން ސޮއިކޮށްގެން އޮތްހައި ހިނދަކު އެފަދަ ގޮތަކަށް ހައްގުތައް ހަނި ކުރެވޭ ބިލެއް މަޖިލީހަށް ބަލައެއް ނުގަނެވޭނެ އެވެ. އިންތި ވިދާޅުވީ އެ ބިލް ރާއްޖޭގެ ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދޭ މިނިވަން ކަމާ ވެސް މުޅިން ހިލާފެވެ. އޭނާ ވިދާޅުވީ ފިޔަވަޅު އަަޅަން ބަޔަކު ގޮވާލަނީ ރާއްޖެއަށް އަމަލު ކުރެވޭ ގޮތުން އިސްލާހު ކުރުމަށް ކަމަށެވެ. ނަމަވެސް ޒިމްބާބުވޭ ފަދަ ގައުމުތަކުގައި ކަންކުރާ އުސޫލަށް އެފަދަ ކޮންމެ ފަހަރަކު ބޭރުގެ ގައުމުތަކަށް ރާއްޖެއިން ފިއްތުމަށް ގާނޫނުތަކެއް ފާސްކޮށްގެން ކަންކަން ކުރުމަކީ ރާއްޖެ އެތައް ދަރަޖައެއް ފަހަތަށް ސޮއްސާަލައިގެން ދާނެ ކަމެއް ކަމަށް އިންތި ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް އަޅުގަނޑުމެން ބަލަން ތިއްބައި ތިބޭފުޅާގެ ވެސް ޕާޓީ އިން ރާއްޖެ އެތައް ދަރަޖައެއް ފަހަތަށް މި ގެންދަނީ. އަޅުގަނޑުމެންނަށް އިނގޭ މިނިވަން ކަމަށް ކުރާ މަސައްކަތުގައި އޮތް އެންމެ ބޮޑު ޗެލެންޖަކީ ދައުލަތުގެ މުއައްސަސާތައްކަން. އެކަމަކު އެ ކަންތައްތަކުގެ މަތިން ގޮސް އަޅުގަނޑުމެން މި ދަތުރު ކާމިޔާބު ކުރާނަން. މިގޮތަށް ރައްޔިތުންގެ އަގައިގައި މަލަން އަޅައިގެން މިއީ ދުނިޔޭގައި ކަން ކުރެވޭނެ ގޮތެއް ނޫން،" އިންތި ވިދާޅުވި އެވެ. "މިފަދަ ބިލެއް ބަލައިގަނެގެން އަަޅުގަނޑުމެން އދ އަށް ތޯ ފިޔަވަޅު އަޅަން މި އުޅެނީ،"
މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މިކަަހަަލަ ގާނޫނުތައް ފާސްކޮށް އަމަލު ކުރަނީ އިޒްރޭލުން ކަމަށެވެ. އަދި މިފަދަ ގާނޫނުތަކުގެ ސަބަބުން ރާއްޖެއަށް ވަކި ކުރިއެރުމެއް ލިބޭނެ ގޮތެއް ނެތް ކަމަށް މާރިޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރަށް އޮތް އެންމެ ރަނގަޅު ގޮތަކީ ބޭރުގެ ފަރާތްތަކުން ރަނގަޅުގޮތް ބުނުމުން އެގޮތަށް އަމަލު ކުރުމެވެ. އެހެން ނޫން ނަމަ އޭގެ އަސަރު ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"މިތަނުގައި އަޅުގަނޑުމެން ތި ބިލް ހުށައެއް ނޭޅޭނޭ ބުނެ ބުނެ އޮއްވައި ތި ބިލް ކުރިއަށް ތި ގެންދަވަނީ، މިއީ ބަލައިގަނެވޭނެ ވެސް ބިލެއް ނުން. މިކަންކަމުގެ ސަބަބުން ގައުމަށް ވާ ގެއްލުމުގެ ފުރުހަމަ ޒިންމާ ރައީސް ޔާމީން ނަންގަވަން އެބަ ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީ އިން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން މަސައްކަތް ކުރާ ކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަ ކަމަށެވެ. އަދި އެމްްޑީޕީ އިން މަސައްކަތް ކުރަނީ އިންސާނީ ހައްގުތަކުގެ ހުދޫދުން ބޭރުވާ ރާއްޖޭގެ ސަރުކާރުގެ ވެރިންގެ މައްޗަށް ވަކި ވަކި ފިޔަވަޅުތައް އެޅުމަށް ކަމަށް އީވާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޑިމޮކްރަސީ އާއި އިންސާނީ ހައްގަށް ކުރާ މަސައްކަތުގައި ވަކި ވަކި ފަރާތްތަކާ ދެކޮޅަށް ބޮއިކޮޓް ކެމްޕޭންތައް ހިންގުމަކީ ރައްޔިތުންގެ އިހުތިޖާޖެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.
"ގުރައިޝް ވަންހައިގެ މީހުން، ބަނޫ ހާޝިމްގެ މީހުންނާ އިދިކޮޅަށް، އެމީހުން މުދަލާއި ވިޔަފާރިއާ ދެކޮޅަށް ކުރިި ބޮއިކޮޓް ކަމުގައި ވިޔަސް، 1940ގެ އަހަރުތަކުގައި މަހާތުމާ ގާނދީ އިންޑިއާގައި ކުރި ބޮއިކޮޓް ކަމުގައި ވިޔަސް، 1960 އިން ފެށިގެން އުސޫލެއްގެ ގޮތުން ނަސްލީ އިމްތިޔާޒް ސައުތު އެފްރިކާގައި ނައްތާލެވެންދެން، ސައުތް އެފްރިކާއާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުގައި ޕްރޮފެސަރުންނާއި ސައިންޓިސްޓުންނާއި ލަވަކިޔުންތެރިންނާއި ލިޔުންތެރިންނާއި ކުޅިވަރުގެ މީހުން ސައުތު އެފްރިކާ ބޮއިކޮޓް ކުރުން ކަމުގައި ވިޔަސް އެއީ ރައްޔިތުންގެ އިހުތިޖާޖް ކުރުމަށް ލިބޭ ވަސީލަތެއް،" އީވާ ވިދާޅުވި އެވެ.
އެ ބިލް ގާނޫނު އަސާސީއާ ހިލާފުކަން ފާހަގަ ކުރައްވަމުން އީވާ ވިދާޅުވީ މަޖިލީހަށް ބިލްތައް ހުށަހަޅަމުން މި އަންނަނީ ގާނޫނު އަސާސީއަށް ބަލައިގެނެއް ނޫނެވެ. އޭގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީން ބޭނުން ފުޅުވާ ކޮންމެ ބިލެއް ކޮންމެވެސް ގޮތެއް ހަަދައިގެން ފާސް ކުރަނީ ކަމަށް އީވާ ވިދާޅުވި އެވެ. އިވާ ވިދާޅުވީ މިގޮތަށް ހުދުމުހުތާރު ވެގެން މާ ގިނަ ދުވަހަކު ނުހިފެހެއްޓޭނެ އެވެ. އެއަށް ވުރެ ކުރިން ރައްޔިތުން އެކަން ހުއްޓުވާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.