ލައިފްސްޓައިލް

ލޭންޑްމައިން ހޯދައިދޭ މީދަލަކަށް ރަން މެޑަލް!

ކެމްބޯޑިއާގައި ވަޅުލާފައި ހުރި ލޭންޑްމައިންތައް ހުރި ތަންތަން ފާހަގަ ކޮށްދޭ މީދަލަކަށް އެ ގައުމުގެ ސަރުކާރުން ހިތްވަރުދިނުމުގެ އިނާމަކަށް ގޯލްޑް މެޑައްޔެއް ދީފި އެވެ. އިނގިރޭސި ވިލާތުގެ ޗެރިޓީ އަކުން ދޭ "ޓޮޕް ސިވިލިއަން އެވޯޑު" ހިތްވަރު ގަދަ މީދަލަކަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

މަގާވާ ނަމަކަށް ކިޔާ މި މީދަލުގެ ރަސްމީ ނަމަކީ "ހީރޯރެޓް" އެވެ. މި މެޑަލް މީދަލުގެ ކަރުގައި އަޅުވައި ދިނީ މި އެވޯޑު އިންތިޒާމްކުރި ފަރާތުން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޕީޑީއެސްއޭ ގޯލްޑް މެޑަލް އަކީ މިލިޓަރީ މެޑަލް އެއް ނޫނެވެ. މި އެވޯޑު ހިތްވަރުގަދަ އިންސާނުންނަށާއި ޖަނަވާރުންނަށް ވެސް ދޭ ގޮތަށް އޮންނަނީ ހަމަޖެހިފަ އެވެ.

ޕީޑީއެސްއޭ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ކެމްބޯޑިއާގައި ލޭންޑްމައިން ވަޅުލާފައިވާ ހިސާބުތަކުން އެ މައިންތައް ހޯދުމުގައި މަގާވާ އުޅޭތާ ފަސް އަހަރު ވެއްޖެ އެވެ. ހަތް އަހަރުވީ މި މީދާ މިހާތަނަށް 39 ލޭންޑްމައިން ހޯދާފައިވާ ކަމަށާއި އަދި ނުގޮވާ އޮތް 28 ގޮވާއެތި ވެސް އެ ސޮރު ހޯދާފައިވާ ކަމަށް ވެބްސައިޓުގައިވާ މައުލޫމާތުގައި ވެއެވެ. އެހެންކަމުން މި މީދާ ވެފައި ވަނީ އެ ޗެރިޓީގެ ވެސް އެންމެ ކާމިޔާބު މީދަލަށެވެ.

މިހާތަނަށް މި އެވޯޑު 30 ޖަނަވާރަކަށް ލިބިފައި ވެއެވެ. ނަމަވެސް މަގާވާއަކީ މި އެވޯޑު ލިބުނު ފުރަތަމަ މީދަލެވެ. ލޭންޑްމައިން ހޯދުމުގެ މަސައްކަތް މަގާވާ ފެށި ފަހުން މިހާތަނަށް 141،000 އަކަމީޓަރުގެ ބިން ސާފު ކުރުމުގައި މަގާވާ އެހީތެރިވެދީ ކެމްބޯޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް މި ސޮރު ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ވަޒީފާ އަދާކުރާއިރު ބިންމަތީގައި ހުންނަ ސްކްރެޕް މެޓަލް ހުއްޓަސް މި މީދާ ފަރުވާލެއް ނުބަހައްޓަ އެވެ. އެހެންވެ ލޭންޑްމައިން ހޯދުމުގައި މިސޮރުގެ މަސައްކަތް އިންސާނުންގެ މަސައްކަތަށް ވުރެ ހަލުވި ވެފައި ބަރާބަރެވެ.

ޓެނިސް ކޯޓެއްގެ އޭރިއާ ވަރުގެ ސަރަހައްދެއް ހޯދާލަން މި ސޮރު ބޭނުންވަނީ އެންމެ 30 މިނިޓެވެ. މެޓަލް ޑިޓެކްޓާއެއް ބޭނުން ކޮށްގެން އިންސާނަކު މި މަސައްކަތް ކުރާނަމަ މިވަރުގެ ސަރަހައްދެއް ބެލޭނީ ހަތަރު ދުވަހުންނެވެ.

މި މީދާ ލޭންޑްމައިން ހޯދަނީ އެ މައިންތަކުގައި ބޭނުންކޮށްފައި ހުންނަ ކެމިކަލެއް ފާހަގަ ކޮށްގެންނެވެ. ލޭންޑްމައިނެއް އޮތްކަން އެނގުމާއެކު އެސޮރު ވަގުތުން އެސޮރު ގައިގައި ހަރުކޮށްފައި އޮންނަ ވާގަނޑު ހިފަހައްޓައިގެން ހުންނަ މީހާއަށް ސިގްނަލް ފޮނުވާލައި އެތާނގައި ލޭންޑްމައިނެއް އޮތްކަން އަންގަނީ އެވެ.

މެގާވާގެ ވަސް ބެލުމުގެ ހިއްސު ބަރާބަރު ކަމުން ލޭންޑްމައިނެއް އޮތް ކަމަށް އެސޮރު ސިގްނަލް ދީފިތަނެއްގައި އެ އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮފިޝަލުންނަށް އޮވެ އެވެ. އެހެންވެ މީދަލުގެ އެހީތެރިކަމާއެކު އެ ލޭންޑްމައިނެއް ހޯދާ އެ ހަލާކުކޮށްލަން ވަރަށް ފަސޭހަ އެވެ.