ލިވަޕޫލް

ތިން މެޗުންވެސް މޮޅު، ލިވަޕޫލަށް ބަދަލެއް ނެތް

ކުޅުނު ތިން މެޗުންވެސް މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ތާވަލުގެ ގަދަ ތިނެއްގެ ތެރެއަށް ވަދެއްޖެ އެވެ.

ޗެމްޕިއަން ލިވަޕޫލާއެކު، އެލީޓް ލެވަލްގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، އެންމެ ކުރީ ސަފުގައި ތިބީ، 2016 ވަނަ އަހަރުގެ ޗެމްޕިއަން ލެސްޓާ ސިޓީ އާއި ލިވަޕޫލްގެ ލޯކަލް ވާދަވެރިޔާ އެވަޓަން އެވެ. އާސެނަލްގެ މައްޗަށް ފަހަތުން އަރައި މޮޅުވުމަކީ، އެ ޓީމު ކުޅެމުން ދިޔަ ގޮތުން ކުރަން އުނދަގޫ ވެދާނެ ކަމަކަށް ބެލެވުނު ނަމަވެސް، އާސެނަލް ލީޑް ނެގިތާ ތިން މިނެޓްތެރޭ ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރި އެވެ.

އާސެނަލް އިން މެޗު ކުޅެމުން ދިޔައީ، ފަސް ޑިފެންޑަރުންނާއެކު އެވެ. އަދި އެ ޓީމުން ޑިފެންސް ކުރަމުން ދިޔައީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ތިބެ އެވެ. ހަމަލާ އުފައްދަނީ ކައުންޓަ އެޓޭކްގައި ލިބޭ ފުރުސަތުތަކުގަ އެވެ. އާސެނަލްގެ ފުރަތަމަ ލަނޑު އެލެގްޒެންޑާ ލަކެޒެޓް ކާމިޔާބު ކުރީ ކައުންޓަ އެޓޭކްގައި ލިބުނު ފުރުސަތުގަ އެވެ. އޮފްސައިޑް މަޅިން ނެއްޓި އޭރިއާ ތެރޭގައި ހުސްކޮށް ހުރި ލަކެޒެޓް ފޮނުވާލި ބޯޅަ ދިޔައީ ގޯލް ލައިން މަތީގައި ހުރި ކީޕަރު އަލިސަންގެ އަތް މަތިންނެވެ.

އާސެނަލްއިން ލީޑް ނެގުމުން އެންމެ ފަހުގެ ޗެމްޕިއަނަށް ވަރުގަދަ ފިޅާވަޅެއް ނަގައިދިނީ ކަމަށް ބެލެވުނެވެ. ޗެރިޓީ ޝީލްޑް މެޗުވެސް ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށް ކާމިޔާބު ކުރީ އާސެނަލް އެވެ. ރޭ ގެ މެޗުގެ 28 ވަނަ މިނެޓްގައި މުހައްމަދު ސަލާހް އޭރިއާ ތެރެއަށް ވަދެ އުފެއްދި ހަމަލާ ލިވަޕޫލްގެ ކީޕަރު ބާންޑް ލެނޯގެ ގައިގައި ޖެހިފައި ގޯލް ކުރިމައްޗަށް ވެއްޓުނު ބޯޅަ މާނޭ ވަނީ މަޑުމަޑުން ގޯލްގެ ތެރެއަށް ކޮށްޕާލާފަ އެވެ.

އާސެނަލްގެ ފަސް ޑިފެންޑަރުންގެ ބެކްލައިނުން ވަނީ މެޗުގެ ކުރީ ކޮޅުގައި، ލިވަޕޫލްގެ އަރިމަތިން އުފައްދާ ހަމަލާތައް ހުއްޓުވުމުގައި ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފަ އެވެ. ކެޕްޓަން ޖޯޑަން ހެންޑަސަން އާއި އަނިޔާގައި ހުރި ތިއާގޯ އަލްކާންޓަރާ ނުލައި ކުޅުނު މެޗުގައިވެސް އެ ދެ ކުޅުންތެރިން ނެތް ކަމުގެ މާބޮޑު އިހްސާސެއް ލިވޕޫލްގެ ކުޅުމުން ނުފެނުނެވެ. ލިވަޕޫލްގެ ދެ ވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓްގައި އެންޑޭ ރޮބަޓްސަން ކާމިޔާބު ކުރީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ނަގައިދިން ބޯޅައިންނެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް، ޑިއޭގޯ ޖޯޓާއަށް މެޗަކީ ވަރަށް ހާއްސަ މެޗެކެވެ. ލިވަޕޫލްގެ ޖޯޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ކާމިޔާބު ކުރި އެވެ. ސެޑީއޯ މާނޭގެ ބަދަލުގައި އޭނާ ކުޅެން ނުކުތީ، 80 ވަނަ މިނެޓްގަ އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ 88 ވަނަ މިނެޓްގަ އެވެ.