- އެބިލާ ދެކޮޅަށް ޕީޕީއެމް އިން ތްރީލައިން ވިޕް އޮތީ ނެރެފައި
- ބިލް އަނބުރާ ނެގީ މިވަގުތު ހާލަތު އޮތް ގޮތުން
- އެ ބިލަށް ޕީޕީއެމްގެ ބައެއް މެންބަރުން ކުރިން ތާއީދު ކުރި
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިް އިބްރާހިމްއަށް ޕާޓީގެ އިސް މަގާމު ގެއްލޭ ގޮތަށް މަޖިލީހަށް ހުށަހެޅި ބިލް، އެ ބިލް ހުށަހެޅުއްވި މެންބަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަނބުރާ ގެންދަވައިފި އެވެ.
އެ ބިލާ މެދު ބަހުސް ކުރުމަށް މިއަދު ހުޅުވާލުމުން އަލީ އާޒިމް އަށް ލިބުނު ފުރުސަތުގައި ވިދާޅުވީ ނައިބު ރައީސް އަހުމަދު އަދީބު ރޭ ވިދާޅުވި ގޮތަށް ގައުމުގެ ކަންކަން އޮތީ ވަރަށް ނާޒުގު ފައްތަރެއްގައި ކަމަށެވެ. މަޖިލީހުގައި ހިމެނޭ ސަރުކާރުގެ މެންބަރުންގެ ތެރެއިން އެއްބަޔަކު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހަށް ވައްދަން މަސައްކަތް ކުރާ އިރު އަނެއް ބައި މެންބަރުން އުޅެނީ ނައިބު ރައީސް އަހުމަދު އަދީބު މަގާމުން ދުރު ކުރަން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އެހެން ވީމާ އެ މައްސަލަތައް އިތުރަށް ގޯސް ކުރަން މި ދަނޑިވަޅުގައި އެ ބިލްގެ މުހިންމުކަމެއް ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ.
"މި ބިލް މިވަގުތަށް މުހިންމު ނޫން ވީމާ މި ބިލް އަނބުރާ ގެންނަން އަޅުގަނޑު ނިންމައިފިން،" އާޒިމް ވިދާޅުވި އެވެ.
އެއާ އެކު ރިޔާސަތުން ވަނީ އެ ބިލް ހުށަހެޅުއްވި މެންބަރު ބިލް ގެންދެވުމުން 1:30 ގައި މަޖިލިސް ފަށާ ގޮތަށް ހުސް ވަގުތުކޮޅަށް މަޖިލިސް ނިންމަވާލައްވައިފަ އެވެ. އެ ބިލަށް ތާއީދު ނުކުރަން ޕީޕީއެމްގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައިވެ އެވެ.
އެ ވިޕް ނެރުމުގެ ކުރިން ޕީޕީއެމްގެ ޕީޖީގެ ބައެއް މެންބަރުން ވަނީ އެ އިސްލާހާ އެއްކޮޅަށް ވާހަކަދައްކަވައިފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 15 ވަނަ މާއްދާއަށް އަށް ހުށަހެޅި އެ އިސްލާހުގައި ބުނެފައި ވަނީ، ޕާޓީތަކުގެ ހިންގުމުގެ އިސް މަގާމުތަކަށް އައްޔަންކުރާ ނުވަތަ އިންތިހާބުކުރާ ބޭފުޅުންގެ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ހިމެނުމަށް އިތުރު މާއްދާއެއް އެ ގާނޫނުގައި ހިމެނުމަށެވެ. އާޒިމް އެ ބިލް ހުށަހެޅުއްވި މަގުސަދުތަކުގެ ތެރޭގައި ބުނެފައި ވަނީ، ވެރިކަން ކުރާ އުމުރު ދާދިފަހުން މަޖިލީހުން ބަދަލުކޮށްފައި ވާތީ، އެ ގާނޫނު ވެސް އެ ބަދަލާ އެއްގޮތަށް އިސްލާހު ކުރުމެވެ. ވެރިކަން ކުރެވޭ އުމުރަކީ 32-65 އަހަރު ކަމަށް ގާނޫނު އަސާސީއަށް ވަނީ ބަދަލު ގެނެސްފަ އެވެ.