ސައޫދީ އަރަބިޔާގެ އަންހެނަކު އޭނާގެ މާމަ ދަރިފުޅު ގެނބޭތަން ފެނިގެން އެ ކުއްޖާ ސަލާމަތް ކުރަން އެރިގެން އުޅެނިކޮށް ގެނބިގެން މަރުވެއްޖެ އެވެ. ސާރާ އަލް އަލީމީ ގެނބުނީ ސްވިމިން ޕޫލެއްގެ ތެރޭގައި ގެނބުނު އޭނާގެ މާމަ ދަރިފުޅު ސަލާމަތް ކުރަން ކުރި މަސައްކަތުގެ ތެރޭގައި ކަމަށް ސައޫދީ ނޫސްތަކުން ބުނެފައި ވެއެވެ.
ސައޫދީ އަރަބިޔާގެ ދެކުނު އުތުރުން އޮންނަ ސަކާކާ ސިޓީގައި ސާރާ އާއި އޭނާގެ އާއިލާއިން ޗުއްޓީ ހޭދަކޮށްލަން ޚާއްސަކޮށްފައިވާ ގެއެއް ހުރެ އެވެ. ސާރާ މަރުވި އެ ގޭގައި އޮންނަ ސްވިމިން ޕޫލަކަށް ގެނބިގެންނެވެ.
މާމަ ދަރިފުޅު ސްވިމިން ޕޫލަށް ގެނބޭތަން ސާރާ އަށް ފެނުމުން ދުވެފައި އައިސް އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތި ޕޫލަށް ފުންމާލީ އެވެ. މާމަ ދަރިފުޅު ސަލާމަތްކުރުމުގެ އުންމީދުގަ އެވެ.
ސާރާގެ ފިރިހެން ދަރިފުޅު އަބްދުﷲ ބިން މޫސާ އަލް ނުސީރީ ސައޫދީ ނޫހަކަށް ކިޔައިދީފައިވާ ގޮތުގައި އޭނާގެ ދަރިފުޅާއި އިތުރު ކުދިން ތަކެއް ސްވިމިން ޕޫލަށް އެރި މަޖާ ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ދަރިފުޅު ޕޫލުގެ ފުން ހިސާބަކަށް ދެވި ކޮންޓްރޯލް ގެއްލި ގެނބޭތަން އޭނާގެ މަންމައަށް ފެނުނީ އެވެ.
"ވަގުތުން މަންމަ ގޮސް ޕޫލަށް ފުންމާލައި ކުއްޖާ އަޑިއަށް ދިއުމުގެ ކުރިން ނަގައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްދިނީ. ނަމަވެސް މަގޭ ދަރިފުޅު ސަލާމަތްކުރުމުގެ ތެރޭގައި މަންމަ ވަނީ ގެނބިގެން މަރުވެފައި. މާތް ﷲ މަންމައަށް ޝަހީދެއްގެ ދަރަޖަ މިންވަރު ކުރައްވާތޯ ދުއާ ކުރަން،" އަބްދުﷲ ބުންޏެވެ.
އަބްދުﷲ ބުނި ގޮތުގައި އޭނާގެ މަންމައަކީ އުމުރުން ދުވަސްވެފައި ހުރި މީހެކެވެ. އަދި ފެތުމުގެ އެއްވެސް ތަޖުރިބާއެއް މަންމަގެ ނެތެވެ. ނަމަވެސް މާމަދަރިފުޅު ގެނބޭތަން ފެނުމުން ސާރާއަށް އެއްވެސް އިޚްތިޔާރަކާ ނުލާ ދަރިފުޅު ސަލާމަތްކުރަން ފުންމާލެވުނީ އެވެ.