ހަބަރު

ދުޅަހެޔޮ ސިއްހަތެއްގައި ތިބެން ރައީސްގެ އިލްތިމާސް ކުރައްވައިފި

Sep 29, 2020
1

ކޮވިޑް-19 އާ ގުޅިގެން ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއެކު ފިކުރުތަކާއި ހާސްކަން ވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލިމަޑުކަމެއްގެ އުނދަގުލުގެ ތެރެއިން ވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"މިއަދު ފާހަގަކުރާ ދުނިޔޭގެ ހިތުގެ ދުވަހު، ބަލަމަޑުކަމުގެ ތެރޭގައިވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހަރަކާތްތެރި ދިރިއުޅުމެއް އިހުތިޔާރުކޮށް ހިތުގެ ބައްޔާ ދެކޮޅަށް މަސައްކަތް ކުރަމާތޯ،" ރައީސް ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ސަބަބުން ކަސްރަތު ކުރުމާއި ހަރަކާތްތެރި ދިރިއުޅުމަކަށް ހުރަސްއެޅިފައިވާތީ، ހިތުގެ ބަލިތަކުގެ މީހުން އިތުރު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.

ރާއްޖޭގައިވެސް ހިތުގެ ބަލި އާއްމުވެފައިވާއިރު، 2018 ވަނަ އަހަރު 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެއީ އެ އަހަރު މަރުވި ޖުމްލަ މީހުންގެ ގާތްގަނޑަކަށް 28 ޕަސަންޓެވެ.