ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑްގައި ދުނިޔޭން އެއް މިލިއަން މީހުން މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ދުނިޔެއިން މަަރުވި މީހުންގެ އަދަދު އެއް މިލިއަނަށް ވުރެ މައްޗައް މިއަދު އަރައިފި އެވެ. ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން މިއަދު ހާމަކުރިގޮތުގައި ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެ އިން 1000555 މީހުން މިހާތަނަށް މަރުވެއްޖެ އެވެ. އެކަމަކު ޑަބްލިއުއެޗްއޯ އިން ބުނިގޮތުގައި އަސްލު މަރުވި އަދަދު އެއަށްވުރެ މާ މަތިވާނެ އެވެ.

އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރަސް ވިދާޅުވީ ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ކަންބޮޑުވާ ދަރަޖައަކަށް އުފުލިފައިވާ ކަމަށެވެ.

މިހާތަނަށް މުޅި ދުނިޔެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 33 މިލިއަން އަށް ވުރެ މައްޗައް އަރާފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރީ 23 މިލިއަނުގަ އެވެ.

ކޮވީޑް-19 ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ މެދުތެރޭ ސިޓީ އެއް ކަމުގައިވާ ވޫހާން އިންނެވެ. އޭރު ޑޮކްޓަރުންނާއި ސައިންސްވެރިންނަށް ފާހަގަވީ އާދަޔާއި ހިލާފު ވައްތަރެއްގެ ނިއުމޯނިއާއެއް ވޫހާން ގައި ފެތުރެމުންދާ ކަމަށެވެ. ޗައިނާގެ ބޯޑާތައް ބަންދުކޮށް ރަށްތައް ކަރަންޓީން ކުރުމުން ވެސް އެ ރޯގާ ވަނީ މުޅި ދުނިޔެއަށް ފެތުރިފަ އެވެ، އެ ހިސާނުން އެއީ ދުނިޔެއަށް އައި ބަލާއާފަތެއް ކަމަށް ޑަބްލިއުއެޗްއޯ ކަނޑައެޅި އެވެ

ދުނިޔެ އިން މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާއިން މިހާތަނަށް 205031 މީހުން މަރުވެފައި ވެއެވެ. ދެެވަނައަަށް 142058 މީހުން ބްރެޒިލުން މަރުވެފައިވާ އިރު ތިންވަނައަށް 95542 މީހުން އިންޑިއާ އިން މަރުވެފައި ވެއެވެ. ހަތަރުވަނަ އަށް އެންމެ ގިނަ މީހުން މަރުވީ މެކްސިކޯ އިންނެވެ. އެ ގައުމުން 76430 މަރުވެފައިވާއިރު ފަސްވަނަ އަށް އެންމެ ގިނަ މީހުން މަރުވީ އިނގިރޭސި ވިލާތުންނެވެ. އެގައުމުން މަރުވެފައި ވަނީ 42090 މީހުންނެވެ.

ދުނިޔޭގައި ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗައް ދާނެކަަމަށް ބެލެވެ އެވެ. އެކަމަކު ދާދި އަވަހަށް ކޮވިޑް-19 އަށް ވެކްސިން އެއް އުފެއްދޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. މިހާރުވެސް އެތައް ކުންފުންޏަކުން ދަނީ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.