ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

1400 ޓެސްޓުން ޕޮޒިޓިވްވީ 37 މީހުން

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 37 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 34 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް ތިން މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 31 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ހަ ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 10,194 އަރާފަ އެވެ. މިއަދު ޓެސްޓް ކުރީ 1،427 ޓެސްޓެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 87 މީހުނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 9،037 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،116 މީހުންނެވެ. ކޮވިޑްގައި 34 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 80 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ތިން މީހުން ހިމެނެއެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 81 މީހަކަށް ފަރުވާދޭއިރު އޭގެ ތެރެއިން އެކަކު އައިސީޔޫގައި އަދި އެކަކު ވެންޓިލޭޓަރުގައި އެބައޮތެވެ.

އަތޮޅުތެރޭގެ 23 ރަށެއްގައި 435 މީހަކަށް ބަލިޖެހިފައި ވެއެވެ. އެންމެ ގިނައިން ކޮވިޑްގެ ބަލި މީހުން ތިބީ ގދ. ހޯންޑެއްދޫގައެވެ. އެ ރަށުގެ 45 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މިވަގުތު ރަނގަޅުނުވެ ތިބީ ނުވަ މީހުންނެވެ. އެރަށް އަދިވެސް އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ. ދެން އެންމެ ގިނަ މީހުން ތިބީ ކުޅުދުއްފުށީގައެވެ. އެ ރަށުގައި ކޮވިޑް ބަލީގެ ފަސް މީހުން އެބަ ތިއްބެވެ.

އެޗްޕީއޭއިން ބުނީ 23 ރިސޯޓެއްގައި 11 ފަތުރުވެރިންނާއި 20 މުވައްޒިފުންނަށް ވެސް ބަލިޖެހިފައިވާ ކަމަށެވެ.