އޭސީސީ

ލޭންޑިން ކްރާފްޓްގެ މައްސަލާގައި ދަައުވާ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް (އެމްއާރްޑީސީ) އަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ހިންގި މުއާމަލާތަކާއި ގުޅިގެން އެ ކޯޕަރޭޝަންގެ ބޯޑްގައި ހިމެނުނު ހަތަރު މެންބަރަކަށް ދައުވާ ކުރަން ފޮނުވައިފި އެވެ. އެއީ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އިބްރާހީމް ނަޒީމާއި ބޯޑުގައި ހިމެނި ވަޑައިގަންނަވާ މުހައްމަދު ރިޔާޒް އާއި އަހްމަދު ރަޝީދު އަދި މުހައްމަދު އަލީދީދީ އެވެ.

އެމްއާރްޑީސީ އަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ހިންގި މުއާމަލާތަކީ 2014 ވަަނަ އަހަރު ހިނގި މުއާމަލާތެކެވެ. މި މައްސަލަ 2018 ވަނަ އަހަރުވެސް އޭސީސީން ބެލި އެވެ. އެފަހަރު މައްސަލަ ނިންމީ ދައުވާ ކުރަން ޖެހޭފަދަ ކަމެއް ނެތް ކަމަށެވެ. ނަމަވެސް މިހާރު އޮތް ކޮމިޝަނަށް ހުށައެޅި މައްސަލައަކާއި ގުޅިގެން އެ ފައިލް އަލުން ހުޅުވާ މައްސަލަ ބަލަން ފެށީ އެވެ. މައްސަލަ ބެލުމަށްފަހު އެ ކޮމިޝަނުން މިއަދު ބުނީ ބީލަން ކާމިޔާބުކުރި ފަރާތަށް ލޭންޑިން ކްރާފްޓް ގަންނަ އަގުގެ 50 ޕަސެންޓަށްވާ ފައިސާ ދީފައި ވަނީ ބޯޑު މެންބަރުންގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދާ ދިނުމަށެވެ.

ލޭންޑިން ކްރާފްޓެއް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް ލޭންޑިން ކްރާފްޓް ގަންނަ ޖުމްލަ އަގުގެ 50 ޕަސެންޓް ފައިސާ ކަމަށްވާ 7,494,200 ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޭން އެމްއާރްޑީސީގެ ބޯޑުން ފާސްކޮށްފައިވަނީ މަގާމުގެ ނުފޫޒުން ކަމަށެވެ.

އެހެން ކަމުން އޭރު ބޯޑްގައި ތިއްބެވި އިބްރާހީމް ނަޒީމާއި މުހައްމަދު ރިޔާޒް އާއި އަހްމަދު ރަޝީދު އަދި މުހައްމަދު އަލީދީދީގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކޮށް ދިނުމަށް އެދި އޭސީސީން ވަނީ ޕީޖީގައި އެދިފަ އެވެ.