ވިޔަފާރި

އުތުރަށް އިންވެސްޓަރުން ހޯދަން އިޝްތިހާރެއް

އުތުރުގެ ތަރައްގީއަށް އިންވެސްޓަރުން ހޯދަން ޓޫރިޒަމް މިނިސްޓްރީން އިޝްތިހާރު ކުރަން ފަށައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވެސް އުތުރަށް ތަރައްގީގެ ވަރުގަދަ މަޝްރޫއެއް އިފްތިތާހު ކުރި އެވެ. "އައި ހެވަން" ގެ ނަމުގައި އިއުލާނުކުރި އެ މަޝްރޫއަކީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރަކާއެކު، ބަނދަރުގެ ވިޔަފާރިއަށް ބޭނުންވާ އިތުރު ދާއިރާތަކާއި، އެ ތަނުގައި މުދާ އުފެއްދުމާއި ބަންދު ކުރުމާއި ގުދަން ކުރުމުގެ އިތުރުން ބައިނަލްއަގްވާމީ ފެސިލިޓީއަކާއި އެއާޕޯޓަކާއި ރިއަލްއެސްޓޭޓްގެ ބައިތައް ހިމެނޭ ގޮތަށް އިއުލާން ކުރި މަޝްރޫއެެކެވެ. އެ މަޝްރޫއުގެ ފީޒިބިލިޓީ ސްޓަޑީ ނިމިފައިވާ ކަމަށް އެއިރުގެ ސަރުކާރުން ބުނި ނަމަވެސް ސަރުކާރުގެ ދައުރު ނިމުނުއިރު މަޝްރޫއުގެ އަމަލީ މަސައްކަތެއް ނުފަށަ އެވެ.

މިރޭ ޓޫރިޒަމް މިނިސްްޓްރީން ވަނީ އުތުރުގެ ތަރައްގީއަށް އިންވެސްޓަރުން ހޯދަމުންދާކަން އިއުލާނުކޮށް އިޝްތިހާރެއް އާންމު ކޮށްފަ އެވެ. އިހަވަންދިއްޕޮޅުގެ ހިތްގައިމު މަންޒަރުތަކާއެކު އާންމު ކޮށްފައިވާ އެ އިޝްތިހާރުގައި ބުނެފައި ވަނީ މިއީ ރާއްޖޭގައި އިންވެސްޓް ކުރަން ރަނގަޅު ފުރުސަތެއް ކަމަށެވެ. އެ ސަރަހައްދުގައި ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ވެސް ގާއިމްކޮށްފައިވާ ކަމަށާ އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ހޯރަފުށީގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ފާހަގަކޮށްފައިވެއެވެ.

އިހަވަންދިއްޕޮޅުގެ ތަރައްގީއަކީ ދިވެހިންގެ އިންތިޒާރާ ގުޅިފައިވާ ކަމެއްކަން ފާހަގަކޮށް އަންނަ މަހުގެ ހަތަރުވަނަ ދުވަހު އިހަވަންދިއްޕޮޅު އިންވެސްޓަރުންނަށް ހުޅުވާލާނެ ކަމަށްވެސް އެ އިޝްތިހާރުގައި ބުނެފައި ވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ފެށި އުތުރުގެ "އައިހެވަން" ޕްރޮޖެކްޓްގެ މަޝްރޫއުތައް އޮތީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެ މަޝްރޫއު މަސައްކަތް ހުއްޓާ ނުލާނެ ކަމަށް މި ސަރުކާރުން ވެސް ބުނެ އެވެ. މި ސަރުކާރުން ވެސް އައިހެވަން މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށާ އުތުރުގައި އަޅާ ޓްރާންޝިޕްމަންޓް ބަނދަރު މަޝްރޫއު ކޮންސަލްޓްކޮށް ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރު އެޅުމަށް އެންމެ ރަނގަޅު ސަރަހައްދެއްގެ ގޮތުގައި ބެލެވެނީ ވެސް އިހަވަންދިއްޕޮޅު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.