ވިޔަފާރި

ކޮވިޑް-19 އަށް ކުރި ހޭދައަށް ކުޑަ ދަށްވުމެއް

Sep 30, 2020

ކޮވިޑް-19ގެ ބަލި ކޮންޓްރޯކް ކުރަން، ސަރުކާރުން ކުރަމުންދާ ހޭދައަށް ކުޑަ ވަރެއްގެ މަޑު ޖެހުމެއް އައިސްފައިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހަފުތާ އިން ހަފުތާ އަށް އިތުރުވަމުން ދިޔަ "ކޮވިޑް ސްޕެންޑިން" މިހާރު ހުރީ 1.2 ބިލިއަން ރުފިޔާގަ އެވެ. ނިމިދިޔަ ހަފުތާއާ އަޅާ ބަލާއިރު މި ކަމަށް ކުރި ހޭދަ އިތުރުވެފައިވަނީ 0.07 ޕަސެންޓެވެ.

މި މުއްދަތުގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށްޓަކައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއޭ) އަށެވެ. އެންޑީއޭ އަށް 777.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ހެލްތް މިނިސްޓްރީ އަށް 198.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ތިން ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރި އައިޖީއެމްއެޗް އަށް 73 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ފިނޭންސުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ދާއިރާއަކީ ރާއްޖެ އަށް ބޭނުންވާ ސިއްހީ ސާމާނު ހޯދުމަށެވެ. މި ދާއިރާ އަށް 524.9 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ދަނީ ކޮންޓްރޯލް ވަމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 1400 ޓެސްޓުން ޕޮޒިޓިވްވީ 37 މީހުންނެވެ.