ވާހަކަ

ފަޅިކޭތަ

(ހަތަރުވަނަ ބައި)

"އާން މަށަށް އެނގޭ ބުނަން ތިއުޅެނީ ކީކޭކަން. ބުނަން ތިއުޅެނީ މިދިޔަ މަހާއި އޭގެ ކުރީ މަހުގެ ކުލި ދައްކާދިނީ ކަމަނާގެ ބައްޕާފުޅޭނުދޯ. ބަލަ މުއްސަނދިކަމުގެ ފައިދާ ދަރިންނަށް ނުކުރާނަމަ އެ ކީއްކުރާ މުއްސަނދި ކަމެއް؟ ކީއްކުރާ މުދަލެއް؟ ސަންދޯކަށް އަޅައިގެންދަންތަ؟" އަސްލަމު މަލާމާތުގެ ރާގުގައި ބުނެލިއެވެ. "ދެން އެއްޗެއް ދީފަ ކަލަގޮވީމަ އެ ދިން އެއްޗެއްގައި އޮންނާނީ ކޮން ބަރަކާތެއް؟ ވާނީ ކޮން ފައިދާއެއް؟ މަ މިހެން ބުނާއިރަށް މާ ދެރަވެގެން، މާ އިމޯޝަނަލް ވެގެން ހުރިހާ ރުޅިއެއް ބާލާނީ އަތުގައި އޮންނަ އެއްޗަކަށް. ނޫނީ ތަންމަތީ އޮންނަ ބާލީހަށް."

ސާދާ އަނގަ މަތީގައި އަމިއްލައަށް ދެއަތް އަޅައިލެވުނެވެ. އޭނާއަށް ބަހެސް ބުނުމުގެ މިނިވަންކަން ވެސް ނޯންނާތީއެވެ. އަމިއްލަ ދިފާއުގައި ވާހަކައެއް ދެއްކުމުގެ ހައްގު ވެސް ނުލިބޭތީއެވެ. ކަމެއް ސާފުކޮށްދިނުމަކީ ވެސް ގޯސްކަމެއް ކަމަށް އަސްލަމު ވިސްނާތީއެވެ. ފިރިމީހާ ކުރިމަތީގައި އަނގައިން ބުނުމަކީ ބޭއަދަބީ ކަމެއްކަމަށް އަސްލަމް ބުނާތީއެވެ.

"އަހަރެން ނޫޅެން ތި ލޮލުން ބާލާ ކަރުނަތައް ބަލަން ހުންނާކަށް. އަހަންނަށް އެނގޭ ތީ ހުސް ކިނބޫ ކަރުނަކަން." އަސްލަމު ހިނގައިގަތެވެ.

ސާދާއަށް ލަސްލަހުން ހިންދިރުވާލެވުނެވެ. އޭނާގެ މޭގައި އަތްއަޅައިގެން ހުރެ ފުން ނޭވާތަކެއް ބޭރުކުރަމުން ދިޔައެވެ. އަވަސްއަވަހަށެވެ. ހަށިގަނޑުގައި ހުރި ތުރުތުރުގެ ސަބަބުން މީހާގެ ނޭވާ ކުރުވަމުން ދިޔައެވެ. ގިސްލުން އިތުރުވަމުން ދިޔައެވެ. އޭނާގެ އަނގައިން ވޭނީ އާޚެއްގެ އަޑު ނުކުންނަމުން ދިޔައެވެ. ބޭއިހުތިޔާރުގައި އޭނާއަށް ތިރިވެވުނެވެ. ޒިންކުގެ ކަބަޑުގައި ބުރަކަށި ޖައްސާލިއެވެ. ދެ ކަކޫ ގަޔާ ކައިރިކޮށްލިއެވެ. އެއާއެކު، އޭނާ އަޑުން އަޑު ނަގާ ރޯންފެށިއެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ.

"ސާދާ. ސާދާ." އަސްލަމުގެ އަޑު އިވެންފެށުމުން ސާދާއަށް ސިހުން ލިބުނެވެ.

ސާދާ ކޮޅަށް ތެދުވެ ދެ ލޯ ފޮހެލިއެވެ. މޫނުމަތީގައި ހުރި ކުލަވަރު ގަދަކަމުން ނަމަވެސް ބަދަލުކޮށްލެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ލަސްފިޔަވަޅުތަކެއް އަޅަމުން އޭނާ ހިނގައިގަތީ މައިގެ ތެރެއަށެވެ.

"ސާދާ!" އަސްލަމުގެ އަޑުގައި ހުރީ އުފާވެރި ރާގެކެވެ.
ސާދާ ލަސްފިޔަވަޅުތަކެއް އަޅަމުން ދެ ފިކުރެއްގައި ހުރެ ކުރިއަށް ދިޔައެވެ.
"ބަލައިބަލަ، މި ތިބީ ދޮންތަމެން." އަސްލަމް ހިނިތުންވެލަމުން ސާދާގެ މޫނަށް ބަލައިލިއެވެ.
"ކުޑަބެދައްތާ! ކިހިނެއްވެފަ ތި ހުރީ." އަސްލަމުގެ ދޮންތަ ރީޝާގެ ދަރިފުޅު، ހަނާ ބަލައިލީ ސާދާގެ މޫނަށެވެ.
ބަދަލުގައި ސާދާ ތުންފަތް ފުޅާކޮށްލަމުން ދެ ފަރާތަށް ބޯހޫރައިލިއެވެ. އޭނާ މަސައްކަތްކުރީ ގަދަކަމުން ނަމަވެސް ހިނިތުންވެވޭތޯއެވެ. ހަނާ ދުއްވާގަތީ ސާދާއާ ދިމާއަށެވެ. ހަނާއާ ދިމާއަށް ސާދާ ތިރިވެލިއެވެ. ހަނާ ނަގައި އޭނާގެ ގައިގައި އޮޅުލައިގަތެވެ. ހަނާ ވެސް ސާދާގެ ގައިގައި އޮޅުލައި ގަންނަމުން ސާދާގެ މޫނަށް ބޮސްދިނެވެ.
"ހަނާއަށް މާ މީރު ވެއްޖޭ އެއްކަލަ ދުވަހު ކުޑަބެދައްތަ ދިން ކަނަމަދު ކޭކު." ރީޝާ ހަނާއަށް ބަލައިލަމުން ބުނެލިއެވެ.
އަސްލަމް އިޝާރާތްކޮށްލީ ސޯފާއަށެވެ. ރީޝާއާއި އަސްލަމް ވެސް ސޯފާގައި އިށީނެވެ.
"މި އައީ ދަތުރުގޮސް،" އަސްލަމް ހިނިތުންވެލިއެވެ. "ހަވީރު އާދެވުނީ."
"ކުޑަބެދައްތަ މިއަދު ކޭކު ފިހުނު ވާހަކަ ބުނީއްސުރެ ހަމަ އެއްގޮތަކަށް ހަނާ މަޑުވާ ގޮތެއް ނުވި. ކޭކު ބޭނުންވެއްޖެ." ރީޝާ ދެއްކީ މުޅީން ތަފާތު ވާހަކައެކެވެ.
"ވަރަށް މަޖާ ދަތުރު،" އަސްލަމް އަނެއްކާ ވެސް ފެށިއެވެ. "ހަނާއްކޮ ދަތުރު ދާހިތްވޭތަ؟"
"އަހަރެންގާތު މިހާރު ދެތިން ދުވަހަކު ބުނެފި މަންމަ ވެސް ކަނަމަދު ކޭކު އަޅަން ދަސްކުރަންވީއެއް ނޫންހޭ. އަހަރެން ބުނެފިން މަންމައަކަށް ނޭނގޭނޭ ކުޑަބެދައްތަހާ މޮޅަށް ކައްކާކަށް،" ރީޝާ ހިނިތުންވެ އިނދެ ސާދާއަށް ބަލަމުން ވާހަކަ ދެއްކިއެވެ. "ބުނާއިރަށް ބުނެފި މަންމިއަކަށް ނޭނގެޔޯ އެއްވެސް ކަމެއް ކުރާކަށް. ކުޑަބެދައްތަ ކިހާ މޮޅުހޯ، ހަނާއަށް ރީތިކޮށް ހެދުން ވެސް ފަހައިދެ ޔޯ. މީރުކޮށް ކޭކު އަޅައިދެޔޯ. ރީތިކޮށް ބުރުގާ އަޅަޔޯ. އަބަދު ހުންނަނީ ރީތިވެގެންނޯ."

ސާދާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އޭނާ ބަލައިލީ ސީދާ އަސްލަމުގެ މޫނަށެވެ. އަސްލަމް އިސްޖަހައިލިއެވެ. އޭނާ ދައްކާ ވާހަކައާ ރީޝާ ދައްކާވާހަތައް ދިމާ ނުވާތީއެވެ.

"ކުޑަބެދައްތަ ވެސް ދަތުރު ދިޔައިންތަ؟" ހަނާގެ މައުސޫމު އަޑު އިވުނެވެ. "މަޖާތަ ދަތުރު؟"
"ކުޑަބެ އޮފީސް ކުދިން ދިޔަ ދަތުރެކޭ. އޮފީހަށް ނުދާ ކުދިންނަށް ދަތުރެއް ނުދެވޭނެއްނު." އަސްލަމް ހަނާއާ ދިމާއަށް އަތްދިއްކޮށްލަމުން ދެ އަތް ހުޅުވާލިއެވެ.
"ހަނާ ނުދާނަން ކުޑަބެ ގާތަށް. ކުޑަބެއަކީ ވަރަށް ގޯސް ކުއްޖެއް." ހަނާ ތުންކޮޅު ދިގުކޮށްލަމުން މޫނު މައްޗަށް ވައްތަރެއް ޖައްސާލިއެވެ.
"މިހާރު ކުޑަބެ ކިހިނެއްވީ؟" ރީޝާ ހިނިއައެވެ.
"ކުޑަބެދައްތަ ދެރަކުރީމަ. ކުދިން ދެރަ ކުރާނީ ވަރަށް ގޯސް ކުދިން. ކުދިން ދެރަކުރާ ކުދިން ދެކެ ހަނާ ލޯތްބެއް ނުވަން." ހަނާ ބޮޑާހާކާލަމުން ބުނެލިއެވެ.

އަސްލަމް ބަލައިލީ ސާދާގެ މޫނަށެވެ. ސާދާއަށް ވެސް ބެލުނީ އަސްލަމްގެ މޫނަށެވެ. ސާދާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންވެ. ހަނާ ދައްކާ ވާހަކައިގެ ސަބަބުންނެވެ. ރީޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާއަށް ކަމެއް ފަހުމުވީހެން ހީވިއެވެ.

"ކުޑަބެ ކީއްތަކުރީ؟" ރީޝާ ދެ އަތް ހުޅުވާލަމުން ހަނާއަށް ދިއްކޮށްލިއެވެ.
ހަނާ ދުއްވާގަތީ ރީޝާއާ ދިމާއަށެވެ. ހަނާ ގޮސް ރީޝާގެ އަތުތެރެއަށް ވަނެވެ. ހަނާގެ ގައިގައި ރީޝާ ބައްދާލިއެވެ.
"ހަނާއަށް އެނގެޔޭ ކުޑަބެ ގޯސްކަން. ކުޑަބެދައްތަ ދެރަކުރާކަން. އެހެންވެއެއްނު ކުޑަބެ ދައްތަ ރޮވިފަ އެހުރީ. ބަލައިބަލަ ކުޑަބެދައްތަ ދެ ލޯ ވެސް އެ ހުރީ ރެޑްވެފައެއްނު. މަންމި ބުނަމެއްނު ރޮންޏާ ލޯ ރެޑްވާނޭ. ނޭފަތުން އައްޗި އަންނާނޭ." ހަނާ ތުންކޮޅު ދިގުކޮށްލައިގެން އިނދެ ބުނެލިއެވެ.

ސާދާ ސިއްރުސިއްރުން އެތެރެއަށް ނޭވާ ދަމައިލިއެވެ. އޭނާގެ ދެ ލޯ ފޮހެލިއެވެ. ގަދަކަމުން ހިނިތުންވެލަމުން ދަތްތައް ދައްކާލިއެވެ.

"ދަރިފުޅާ! ކުޑަބެދައްތަ އެ ހުރީ ހެޕީވެފައޭ. ބަލައިބަލަ. އެހުރީ ސްމައިލް ވެފައެއްނު." ރީޝާ ބަލައިލީ ސާދާގެ މޫނަށެވެ.
ސާދާ ދެ ލޯ ބޮޑުކޮށްލަމުން ހަނާއާ ދިމާއަށް ބަލައިލިއެވެ.
"އެކަމު ވެސް ހެވޭ. ކުޑަބެ ޖެހޭނެއްނު ކުޑަބެދައްތަ ވެސް ދަތުރު ގެންދަން. ދަތުރު ނުގެންދީމަ ކިހާ ދެރަވާނެ. ހަނާ ވެސް ދެރަވެޔޭ ހަނާ ބައްޕި ވެސް ހަނާ ނުގެންދީމަ. މަންމި ވެސް އެއްކަލަ ދުވަހު ދެރަވެގެން ރޮވުނެއްނުދޯ،" ހަނާ ބަލައިލީ ރީޝާގެ މޫނަށެވެ. "ކުޑަބެ މިގެއަށް ބޭބީއެއް ނުގެންނަންޏާ ވެސް ކުޑަބެ ދައްތަ ކިހާ ފޫހިވާނެ ދޯ މަންމީ؟"
"އާނ! އެކަމަކު ކުޑަބެ ދިޔައީ އޮފީސް ފްރެންޑުންނާއެކު އޭ." ރީޝާ ބަލައިލީ އަސްލަމުގެ މޫނަށެވެ.
"ކުޑަކުޑަ ހަނާ ވެސް މިހާރު ހާދަ ބޮޑެތި ވާހަކަދައްކައޭ ދޯ." އަސްލަމް ހަނާގެ އަތުގައި ހިފައި އޭނާއާ ދިމާއަށް ދަމައިގަތެވެ.
އަސްލަމް ގާތަށް ނުދާން ވެގެން ހަނާ ދެކޮޅު ހެދިއެވެ. އަސްލަމް ހަނާގެ ގައިގައި އޮޅުލައިގަނެ ގިލިގިލި ކޮށްޓައިލިއެވެ. އެއާއެކު ހަނާ ހޭންފެށިއެވެ. ރީޝާ ތެދެވެ ސާދާއާ ދިމާއަށް ހިނގައިގަތެވެ.
"ހުންނާނެ، ހިނގާ." ސާދާ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ.
"ހަނާ އެބުނީ ތެދެއްތަ؟" ހަނާއާ ދިމާއަށް ބޯ އަރިކޮށްލަމުން ރީޝާ ވައި އަޑުން އަހައިލިއެވެ.
"ކޮންތާކު؟" ސާދާ ހޭންފެށިއެވެ. "މަ އެބައުޅޭތަ ދަތުރު ނުދެވިގެން."

އަތްމަތި އަވަސްކުރަމުން ސާދާ އައިސް އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އަލަމާރީގެ ތެރެއިން ކޭކު ނަގައި ރީޝާއަށް ދިއްކޮށްލިއެވެ. ރީޝާ ހިނިތުންވެލަމުން ކޭކުގައި ހިފައިލިއެވެ.

"ވަރަށް ލޯބި. ވަރަށް މީރުވާނެހެން ހީވަނީ. ހިނގާބަލަ މީގަ ކޭކު ހަދައިގެން ވިއްކަން ފަށަށް." ރީޝާ ބަލައިލީ ސާދާގެ މޫނަށެވެ.
ސާދާ ދެ ލޮލަށް ގޮތެއް ހަދައިލިއެވެ. ކިހިނެއް ކޮންގޮތަކަށްހޭ އަހާފަދަ ގޮތަކަށެވެ.
"ޕޭޖެއް ހަދާނީ އެފްބީގައާއި އިންސްޓަރގަ. އޯޑަރ ދިނީމަ ތައްޔާރުކޮށްދޭނީ. ދެން ކޮންމެ ދުވަހަކު މިގޮތަށް ހަދާ ކޭކުތައް ރީތިކޮށް ގާނިޝްކޮށްލައިފަ ފޮޓޯ ނަގައިފަ ލާނީ. އެކި ސައިޒުގެ ކޭކު އަޅައިފަ އަގު ވެސް ޖަހާނީ،" ރީޝާ ކޭކު ބެހެއްޓީ މޭޒުމަތީގައެވެ. "މަ ހެލްޕެވެ ދީފާނަމޭ ޕްރޮމޯޓު ކުރުމުގަ. ޕޭޖު ހިންގުމުގަ. މިހެން ގޭގައި ތިބެގެން ވެސް މިކަހަލަ މޮޅު ކަމެއް ކުރެވިދާނެއްނު."
"އެހެން މީހުންނަށް މީރެއް ނުވާނެއްނު. ދޮންތައަށް މީރަސް އެހެން މީހުންނަށް މީރު ނުވެދާނެ." ދެ ފިކުރެއްގައި ހުރެ ސާދާ ބުނެލިއެވެ.

***

"ހާދަ ފިކުރު ބޮޑުވެފައި އިންހެން ހީވެއޭ." ކައިރީގައި ހުރި ގޮނޑީގައި އިށީނދެލަމުން ފަސީހާ ހިނިތުންވެލިއެވެ.
"ކަމެއް ނުވޭ، ހަމަ ފަސީއަށް ހީވާ ގޮތެއްތީ؟" ސާޔާ ބަލައިލީ ފަސީހާގެ މޫނަށެވެ.
"އަދިވެސް އަހަންނަށް އޮޅުވާލަންތަ ތިއުޅެނީ؟ ބަލަ މި ފަސީއަށޭ ސާޔާގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ،" ފަސީހާ މަޖާވެލަމުން ސާޔާގެ ގާތަށް ޖެހިލިއެވެ. "މިއަދުވެސް ކަންތައް ގަނޑެއް ހިންގައިލީތަ؟"
"ޝޫ! މި އޮފީސް އިނގޭ،" ސާޔާ ޝަހާދަތް އިނގިލި ނަގައި ނޭފަތުގައި ޖައްސާލިއެވެ. "މާތް މަނިކުފާނު އިންނެވީ ގޮނޑިކޮޅުގަ. ކެބިންގައި."
"ހުވާ މި ބުނީ މިހާރު މަ ނަމަ ކުޅި ދައްކާލީސް، މުޅި ތަނަށް އޭނާ ބޭޒާރުކޮށްލީމުސް." ފަސީހާ މަޑުމަޑުން ބުނެލި ނަމަވެސް އަޑުގައި ޖޯޝު ހުއްޓެވެ.
"ފަސީއަށް ވެސް މިހެން ދިމާވީމަ އެއްކަމެއް ވެސް ނުކުރެވޭނެ. އެއްކޮޅުން ޖޮބް އަނެއްކޮޅުން ބަދުނާމު." ސާޔާ ލަސްލަހުން ބުނެލިއެވެ.
"ސާޔާގެ ގޮތުންނޭ، އޭނާއަށް ތިހެން ބިރުދެއްކެނީ ވެސް. އޭނާ ޖަހައިހާ ބެރަކަށް ނަށަށްޏާ އަބަދުވެސް ޖެހޭނީ ނަށަން. ނިކަން މަ ބުނާހެން ގަޓުވެލައިފަ އެންމެން ތެރޭ އޭނާ ބޭޒާރުކޮށްލަބަލަ. ދެން ވާގޮތެއް ވާނީ މާފަހުންނެއްނު." ފަސީހާ ހިފީ ސާޔާގެ އަތުގައެވެ. "އަހަރެން ހުންނާނަމޭ."
"ނޫން! އަހަންނަކަށް ނުކެރޭނެ. އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ،" ސާޔާ އަޑުގައި ތުރުތުރެއް އެކުލެވުނެވެ. "އެނގޭތަ! އޭނާ ބުނީ ކަމެއް ފަޅާއަރާ، އޭނާ ބޭޒާރު ވެއްޖެ ނަމަ ހުރިހާ ދެރައެއް ލިބޭނީ ރިޔާޒަށޭ. ފެންނާނީ ރިޔާޒު ކުދިކޮށް ކޮށައިލައިފަ އޮއްވައޭ."
"ހަމަ ރަނގަޅަށް ވެސް ސާޔާ ތި ހުރީ ބުލެކްމެއިލް ކޮށްފައެއްނު." ފަސީހާ ތުންއަނބުރައިލިއެވެ.
"މަށަކަށް ނޭނގެ މަ އޭނާދެކެ އެހާ ބިރުގަންނަންވީ ސަބަބެއް ވެސް،" ސާޔާ މޫނުގައި އަތް އަޅައިލަމުން މޭޒުގައި ބޯ އަޅައިލިއެވެ.
ފަސީހާ ވެސް ވާހަކަ ހުއްޓައިލުމަށްފަހު އޭނާގެ މޭޒާ ދިމާއަށް ހިނގައިގަތެވެ. ފަސީހާގެ މޭޒާއި ސާޔާގެ މޭޒު ހުންނަންނީ ޖެހިޖެހިގެންނެވެ. އެދެމީހުންނަކީ އެއް އޮފީހެއްގައި މަސައްކަތްކުރާ ދެމީހުންގެ އިތުރުން، ދެ ރަހުމަތްތެރިންނެވެ.
"މާދަމާރޭ ހިނގައިބަލަ ފިލްމަށްދާން." ފަސީހާ އޭނާގެ މޭޒު ކައިރީގައި ހަމަ ޖެހިލަމުން ބުނެލިއެވެ.
ބަދަލުގައި ސާޔާ އަނގައަކުން ނުބުނެއެވެ. އޭނާ މޭޒުގައި ބޯއަޅައިގެން އެ އޮތް ގޮތަށް އޮތީއެވެ.
"ސާޔާ، މަ ބުނީ ހިނގައިބަލާށޭ މާދަމާރޭ ފިލްމަށްދާން. މިރަށަށް ވެސް އެ ފިލްމު ގެނެސް އަޅުވަޔޯ އެބަ. މާލޭ އުޅުނު އިރު ނުލާހިކު ފިލްމަށް ދާ މީހެއްނު ތީ؟" ފަސީހާ ހީކުރީ ސާޔާއަށް އަޑު ނީވުނީ ކަމަށެވެ.
ފަސީހާގެ އަޑު އިވުމުން ސާޔާ މޭޒު މަތިން ބޯ ހިއްލައިލުމަށްފަހު ފަސީހާއަށް ބަލައިލިއެވެ. އޭރު އޭނާގެ މޫނުމަތީގެ ކުލަވަނީ ބަދަލުވެފައެވެ. ދެ ލޯ ވަނީ ކުޑަވެފައެވެ. ފަސީހާއަށް އެކަން ދެނެގަތެވެ. (ނުނިމޭ)