ބޮލީވުޑް

"ބާލިކާ ވަދޫ"ގެ ޑައިރެކްޓަރު ތަރުކާރީ ވިއްކަން މަގުމަތީގައި

އިންޑިއާ ލޮކްޑައުންކޮށްފައި އެތައް މަހަކު އޮތުމުގެ ނޭދެވޭ އަސަރު އެ ގައުމުގެ އިގްތިސާދަށް ކުރަމުން ދަނީ ވަރަށް ބޮޑަށެވެ. ލޮކްޑައުންގެ ކުރިން ވަރަށް ރަނގަޅު ވަޒީފާތަކުގައި އުޅުނު މީހުންނަށް މިހާރު ވަރަށް އާދައިގެ ކުދި ކުދި މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދަން ވަނީ މަޖްބޫރު ވެފަ އެވެ.

ކަލާޒް ޗެނަލުން ދެއްކި ވަރަށް މަޝްހޫރު ސިލްސިލާއެއް ކަމަށްވާ "ބާލިކާ ވަދޫ"ގެ ޑައިރެކްޓަރު ރާމް ރިކްޝާ ގޯރް އަކީ ވެސް ހާލަތު ގޯސްވި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ އުއްތަރު ޕްރަދޭޝްގެ އަޒަމްގަޅްގެ މަގެއް މަތީގައި ތަރުކާރީ ވިއްކަން ހުއްޓާ މީހަކު ނެގި ވީޑީއޯއެއް މިހާރު ސޯޝަލް މީޑީއާގައި ވަނީ ވައިރަލް ވެފަ އެވެ.

މި ވީޑިއޯ ބަލާފައި "ބާލިކާ ވަދޫ"ގައި މަސައްކަތް ކުރި އެކްޓަރުންނަށް ވެސް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. އޭނާ ތަރުކާރީ ވިއްކަން މަގުމަތީގައި ހުރީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޑައިރެކްޓަރު ރާމް ބުނީ ތަރުކާރީ ވިއްކާ މީހަކަށް ވުމަކީ އޭނާ ލަދުގަންނަ ކަމެއް ނޫން ކަމަށެވެ. އަދި މިއީ އޭނާގެ ބައްޕަ ވެސް ކުރި ވިޔަފާރި ކަމަށް ރާމް ބުންޏެވެ.

ޔޫޕީގެ އަޒަމްގަޅަށް ރާމް ދިޔައީ ލޮކްޑައުންގެ ދުވަސްކޮޅެއް ކުރިންނެވެ. ރާމް އެ ރަށަށް ދިޔައީ އޭނާ ޑައިރެކްޓްކުރަން ހަމަޖެހިފައި އޮތް ފިލްމެއްގެ ޝޫޓިންގް ބާއްވާނެ ރަނގަޅު ތަންތަން ހޯދާށެވެ. އޭނާ އެ ރަށުގައި ހުއްޓާ ލޮކްޑައުންވުމުން އެތަނުގައި މަޑުކުރަން މަޖްބޫރުވީ އެވެ. އަދި ޕްރޮޑިއުސަރު ވަނީ ފިލްމުގެ މަސައްކަތް ވެސް ހުއްޓާލާފަ އެވެ.

ޕްރޮޑިއުސަރު ރާމް ކައިރީގައި ބުނި ކަމަށް ވަނީ އަލުން އެ ޕްރޮޖެކްޓް ފެށޭވަރު ވާނީ އަހަރެއްހާ ދުވަސް ފަހުން ކަމަށެވެ. އެހެންވެ އާމްދަނީ ހޯދޭނެ އިތުރު ގޮތެއް ނެތުމުން ތަރުކާރީ ވިއްކުމުގެ މަސައްކަތް ރާމް ފެށީ ކަމަށް އޭނާ ބުންޏެވެ.

"ބާލިކާ ވަދޫ"ގައި އެންމެ މުހިއްމު އެއް ބައި އަދާކުރި އަނޫޕް ސޯނީ ކުރި ޓުވީޓެއްގައި ބުނީ ޑައިރެކްޓަރު ރާމް އުޅޭ ހާލު އެނގުމުން އޭނާއާ ޓީމުގެ މެންބަރުން ގުޅައިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ވަރަށް ދެރަވެއްޖެ. އަހަރެމެންގެ 'ބާލިކާ ވަދޫ' ޓީމަށް މިކަން އެނގިގެން ރާމް އާ ގުޅައިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައި،" އަނޫޕްގެ ޓުވީޓްގައި ބުނެފައި ވެއެވެ.

ރާމް ބުނި ގޮތުގައި އޭނާ މުމްބައި އަށް ދިޔައީ 2002 ގައެވެ. މުމްބައި އަށް ގޮސް ފުރަތަމަ އޭނާ އުޅުނީ އޭނާގެ އެކުވެރިޔެއް ކަމަށްވާ ޝާހްނަވާޒް ޚާނަށް އެހީތެރިވުމުގަ އެވެ. ޝާހްނަވާޒަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެކެވެ.

އޭނާ ފުރަތަމަ މަސައްކަތް ކުރަން ފެށީ ޓީވީ ސިލްސިލާތައް އުފެއްދުމުގެ މަސައްކަތްކުރާ ތަނެއްގެ ލައިޓިން ޑިޕާޓްމަންޓުގަ އެވެ. ޑްރާމާތަކުގެ ލައިޓިން މައްސަލަތައް ހަމަޖައްސައިދިނުމުގަ އެވެ. އޭގެ ފަހުން ޕްރޮޑަކްޝަން ޑިޕާޓްމަންޓަށް ބަދަލުވީ އެވެ. ވަރަށް ގިނަ ސީރިއަލް ތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ރާމް މަސައްކަތް ކުރި އެވެ. "ބާލިކާ ވަދޫ" ޑައިރެކްޓްކުރުމުގެ ފުރުސަތު ލިބުނީ މިގޮތަށް މަސައްކަތް ކުރުމުގެ ތެރޭގަ އެވެ.