ލައިފްސްޓައިލް

ލޯބިވެވުނު މީހެއްގެ ސަބަބުން އަންހެނެއްގެ ދިރިއުޅުން ހަލާކު

ބައެއް ފަހަރަށް އިންސާނާގެ ހަޔާތުގައި ވަރަށް އާދަޔާޚިލާފު ހާދިސާތަކާ ކުރިމަތިވެ އެވެ. ދިރިއުޅުމަކީ ޖޯކެއް ހެން ހީވާ ކަހަލަ ގަބޫލުކުރަން ދަތި ކަންތައްތައް ވެސް ބައެއް މީހުންނާ ދިމާވެ އެވެ. އިންޑިޔާގެ އަހުމަދުއާބާދުގައި ދިރިއުޅޭ މިހާރު އުމުރުން 45 އަހަރު ވެފައިވާ މި އަންހެންމީހާގެ ވާހަކައަކީ ވެސް މިފަދަ އިބުރަތުން ފުރިގެންވީ ވާހަކަ އެކެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ މި ރިޕޯޓުގައިވާ ގޮތުން އަންހެންމީހާ ކައިވެންޏެއް ކޮށްގެން ހަތަރު އަހަރުވީ އިރުވެސް ދަރިއަކު ނުލިބިގެން ފިރިމީހާ ކިޔާ ވަރުން އައިވީއެފް ހެދި އެވެ. ގުދުރަތީގޮތުން ބަލިވެއިނުމުގެ ގާބިލްކަން އަންހެންމީހާގެ ނެތުމުން އޭނާއަށް އާޓިފިޝިލް އިންސެމިނޭޝަން ހަދައިގެންނެވެ. އަންހެންމީހާ އައިވީއެފް ހަދާފައިވާ ސްޕާމް ޑޯނާއެއް މެދުވެރިކޮށެވެ. އައިވީއެފް ހަދައިގެން އެ މީހާއަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ވަނީ ލިބިފަ އެވެ.

އަދި ދެ ކުދިން ލިބުމާއެކު ދެމަފިރިންގެ ދިރިއުޅުމަށް އުފާވެރިކަން ލިބުނެވެ. ނަމަވެސް މި އުފާވެރިކަން ދެމިއޮތީ ދުވަސްކޮޅަކު އެވެ. ފިރިހެންމީހާ ރާބޯން ފަށައި ރަލުގެ މަސްތުގައި ރަނގަޅަށް ޖެހުނީ އެވެ. އަދި އެއްމާބަނޑު ދެބެންގެ އަސްލު ބައްޕަ އަކީ ފިރިހެން މީހާ އަށް ނުވުމުން ދެމަފިރިންގެ މެދުގައި މިކަމާ ގުޅޭ ޒުވާބުތައް ގަދަވާން ފެށި އެވެ. އަދި އަންހެންމީހާ އަށް ފިރިހެންމީހާ ތުހުމަތުތަކެއް ކުރަން ފެށި އެވެ. ސްޕާމް ޑޯނާ އާ އަންހެންމީހާ ސިއްރުން ބައްދަލުކުރާ ކަމަށް އޭނާގެ ފިރިމީހާ ތުހުމަތު ކުރެ އެވެ.

ގެވެށިއަނިޔާ އަށް ކެތް ނުވެގެން އަންހެންމީހާ ފިރިމީހާ އާ ވަކިވި އެވެ. އަދި ދެ ދަރިން ގޮވައިގެން އެހެން ގެއެއްގައި ދިރިއުޅެން ފެށި އެވެ. އަންހެންމީހާ ވަކިން ގެއެއްގައި ދިރިއުޅެން ފެށިފަހުން ސްޕާމް ޑޯނާ އަންހެންމީހާ އަށް ގުޅައިގެން ވާހަކަ ދައްކަން ފެށި އެވެ. އެ ފިރިހެން މީހާއަކީ އަންހެންމީހާ އަށް ވުރެ 10 އަހަރު ހަގު މީހެކެވެ. ނަމަވެސް ދެ މީހުން ފޯނުން ވާހަކަ ދައްކަމުން ގޮސް ލޯބީގެ ގުޅުމެއް ދެ މީހުންގެ މެދުގައި އުފެދުނެވެ.

ގޭގެއަށް މަސައްކަތް ކޮށްދޭން ގޮސްގެން އަންހެންމީހާ އަށް ފުދޭ ވަރެއްގެ ފައިސާއެއް ލިބެ އެވެ. ސްޕާމް ޑޯނާ އަކީ ސެކަންޑަރީ އަދި ހަޔާ އެޑިޔުކޭޝަން ސްކޫލްތަކުގައި ކިޔަވާދޭ ދަރިވަރުންނަށް ކޯޗިން ސެންޓަރެއް ހިންގާ މީހެކެވެ. އެހެންވެ އަންހެންމީހާ އާ ގުޅުން ބަދަހިވުމުން ދެ ދަރިންނަށް ވެސް މިމީހާ ޚަރަދުކުރަން ފެށި އެވެ.

މި ދެ މީހުންގެ ލޯބީގެ ގުޅުން ބޮޑުވެ އަންހެންމީހާ ބަލިވެ އިނެވެ. އަދި އެ ވާހަކަ ފިރިހެންމީހާ ކައިރީގައި ބުނެ އަންހެންމީހާ އާ ކައިވެނި ކުރަން ފިރިހެންމީހާ ކައިރީ އޭނާ އެދުނެވެ. ނަމަވެސް އޭނާއާ ކައިވެނިކުރަން ފިރިހެންމީހާ އެއްބަހެއް ނުވި އެވެ.

އިންޑިޔާ ލޮކްޑައުންކުރުމުން އަންހެންމީހާ އަށް ގޭގެއަށް މަސައްކަތްކޮށްދޭން ނުދެވި އާމްދަނީ ލިބޭނެ މަގު ބަންދުވި އެވެ. އަންހެންމީހާއަށް ހާލުގައި ޖެހުނު ދަނޑިވަޅު ބަލާފައި ސްޕާމް ޑޯނާ ވަނީ އެއްމާބަނޑު ދެ ކުދިން ގެންގޮއްސަ އެވެ. އެއީ އޭނާގެ ދެ ދަރިން ކަމަށް ބުނެފަ އެވެ. އޭނާއާއެކު އަންހެންމީހާ ނުގެންދިޔަ އެވެ.

އަންހެންމީހާ ކުއްޔަށް ހިފައިގެން އުޅުނު ތަނަށް ފައިސާ ދެއްކޭނެ ގޮތެއް ނެތުމުން ވަރަށް ގިނަ ފަހަރަށް އިންޒާރުދިނުމަށްފަހު ގޭގެ ވެރި ފަރާތުން އަންހެންމީހާ އެގެއިން ނެރެލީ އެވެ. މިހާރު އޭނާ ހުރީ ވަންނާނެ ގެދޮރު ނެތް މީހުން ބައިތިއްބާ ވަގުތީ ހިޔަލެއްގަ އެވެ. އޭނާގެ ހާލަތު ގޯސްކަމުން ކައުންސެލިން ވެސް ގަވާއިދުން ނަގަން ވަނީ ޖެހިފަ އެވެ.

ވިހަން ތައްޔާރުވެފައިވާ މި މީހާ މިހާރު ހުރީ ހަތަރު އުދަރެސް ފެނުޖެހިފަ އެވެ. އޭނާގެ ހަޔާތަށް އައި ދެ ފިރިހެނުން ވެސް ލަނޑު ދީފައި ދިއުމުގެ ސަބަބުންނެވެ.