ލައިފްސްޓައިލް

ކުދިންނަށް ހިލޭ ކިޔަވައިދޭތާ 75 އަހަރު!

ކޮންމެ މުޖުތަމައެއްގައި ވެސް ވަރަށް ރަނގަޅު މީހުން އުޅޭނެ އެވެ. އިންޑިޔާގެ އޮޑީޝާގައި އުޅޭ އުމުރުން ވަރަށް ދުވަސްވެފައި ހުރި މި ފިރިހެންމީހާ އަކީ މިފަދަ މާތް އަޚްލާގެއްގެ ވެރި ރަނގަޅު އިންސާނެކެވެ. އެއްވެސް ފީއެއް ނުނަގާ ކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތް މި ފިރިހެންމީހާ ކުރާތާ 75 އަހަރު ވެއްޖެ އެވެ. އޭނާ މިހާ ދިގު މުއްދަތެއްގައި ކުދިންނަށް ކިޔަވައިދީފައިވަނީ ގަހެއްގެ ހިޔަލުގައި އިނދެގެންނެވެ.

ނަންދާ ޕްރަސްޓީ ދުވާލު ކުޑަ ކުދިންނަށް ކިޔައިވައިދީފައި ރޭގަނޑު ކިޔަވައިދެނީ އުމުރުން ދުވަސްވީ މީހުންނަށެވެ.

ޕްރަސްޓީ ބުނާ ގޮތުގައި ކުޑަކުދިންނަށް ހަތަރު ވަނަ ގްރޭޑާ ހަމަޔަށް ކިޔަވައިދޭން ޖެހޭނީ ގޭގަ އެވެ. ސްކޫލަށް ފޮނުވަން ޖެހޭނީ އޭގެ ފަހުންނެވެ.

ޕްރަސްޓީ އަކީ ޓީޗަރެއްގެ ވަޒީފާގައި ވަރަށް ކުރިން އުޅުނު މީހެކެވެ. ނަމަވެސް އެ ވަޒީފާ ދޫކޮށްލާ ހިލޭ ކުދިންނަށް ކިޔަވާ ދިނުމުގެ މަސައްކަތް ފެށީ އެވެ. ހިޔާބޮޑު ގަސްތަކެއްގެ ދަށުގައި ތިބެގެން ކުދިންނަށް ކިޔަވައިދޭތީ އޭނާ ދިރިއުޅޭ ބާޓަންޑާ އަވަށުގެ އެންމެ އިސް މީހާ ވަނީ ސަރުކާރު މެދުވެރިވެގެން އިމާރާތެއް ހަދައިދޭން ޕްރަސްޓީ އަށް ހުށަހަޅާފަ އެވެ. ނަމަވެސް އޭނާ އެކަމާ އެއްބަސް ނުވީ އެވެ. އޭނާ ބޭނުންވަނީ ދުވަސްވީ ބޮޑެތި ގަސްގަސްދޮށުގައި ކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތް ކުރާށެވެ.

ޕްރަސްޓީ ބުނި ގޮތުގައި އޭނާ މި މަސައްކަތް ފެށީ އަވަށުގެ ގިނަ އަދަދެއްގެ ބަޔަކަށް ލިޔަންކިޔަން ނޭނގޭކަން އެނގިގެންނެވެ. އޭނާ ކިޔަވައިދޭން ފެށިއިރު އެ އަވަށުގެ ގިނަ މީހުންނަށް އެމީހުންގެ ސޮއި ވެސް ކޮށްލަން ނޭނގޭ ކަމަށާއި ސޮއިކުރަން ޖެހޭ ތަންތަނުގައި އެމީހުން ޖަހަމުން ދިޔައީ އިނގިލީގެ ނިޝާން ކަމަށް ޕްރަސްޓީ ބުންޏެވެ.

ފުރަތަމަ އޭނާ ފެށީ ސޮއިކުރަން ނޭނގޭ މީހުންނަށް ސޮއިކުރަން ދަސްކޮށްދިނުމުގެ މަސައްކަތެވެ. އެހިސާބުން ގިނަ ބަޔަކު ކިޔަވަން ޝައުގުވެރިވީ އެވެ.

ޕްރަސްޓީ ބުނި ގޮތުގައި މިހާރު އޭނާ ކިޔަވައިދޭ ކުދިންގެ ތެރޭގައި އޭނާ އެންމެ ފުރަތަމަ ކިޔަވައިދިން ބެޗުގައި ހިމެނުނު މީހުންގެ މުނިމާމަ މުނިކާފަ ދަރިން އެބަތިއްބެވެ.