ފުރަތަމަ ފަހަރަށް ރާއްޖޭގެ ސިއްހީ މަރުކަޒެއްގައި ޓެލެކޮންސަލްޓޭޝަންގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
ޓެލެކޮންސަލްޓޭޝަން ނޫނީ، އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް މި ކޮވިޑްގެ ތެރޭގައި ރާއްޖޭގައި ފެށި އެވެ. މި ހިދުމަތް މީގެ ކުރިން ދެމުން އައީ މާލެ ސިޓީގެ ހޮސްޕިޓަލް ތަކާއި ބައެއް އަތޮޅު ހޮސްޕިޓަލުތައް އަދި ރީޖަނަލް ހޮސްޕިޓާ ތަކުގަ އެވެ. އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ މަގު ފަހިކޮށް، ތ. ވިލުފުށީ ސިއްހީ މަރުކަޒުން އެ ހިދުމަތް އަންނަ ހަފްތާގައި ފަށާނެ އެވެ.
ވިލުފުށީ މަރުކަޒުގެ ފަރާތުން ވާހަކަދައްކަވަމުން ޝިއުތު އިބްރާހިމް ވިދާޅުވީ، އަންނަ އާދިއްތާގައި ވިލުފުށީގައި ތިބެގެން ހުޅުމާލެ ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުންނަށް ދައްކާލެވޭނެ ކަމަށެވެ. މި ކޮންސަލްޓޭޝަންތައް ކުރިއަށްގެންދަނީ ނަން ނޯޓުކޮށް އޮންލައިންކޮށެވެ. ޝިއުތު ވިދާޅުވި ގޮތުގައި، ޑޮކްޓަރަށް ދައްކަން ބޭނުންވެ، މާލެ ނޫނީ ކައިރި އަތޮޅު ހޮސްޕިޓަލަކަށް ނުދެވިފައި ތިބި މީހުންނަށް މި ހިދުމަތް ފެށުން ވީ ތާރީހީ ބަދަލެއް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން އެތައް ބަޔަކަށް ފަސޭހަވެ ލުއިތަކެއް ލިބޭނެ ކަމަށެވެ.
"އަންނަ ހަފްތާގައި ފަށާއިރު މިހާރުވެސް އެބަ ހުރި، 25 މީހުން ނަން ނޯޓުކޮށްފައި. އަންހެނުންގެ ޑޮކްޓަރަށާއި، އެތެރެ ހަށީގެ ޑޮކްޓަރާއި ހިތުގެ ބަލިތައް ހުންނަ މީހުންވެސް. މި ހިދުމަތް ފަށާ ވާހަކަ އިއުލާން ކުރުމުން ވަރަށް ގިނަ އުމުރުން ދުވަސްވީ މީހުން އުފަލުން އެ ވާހަކަ ދެއްކި. މި ކަން މަގުފަހިވީ ހުޅުމާލެ ހޮސްޕިޓަލުން ދިން އެއްބާރުލުމުގެ ސަބަބުން"
ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން އޮންލައިން ކޮންސަލްޓޭޝަންތައް ފަށާއިރު، ހަތް ދާއިރާއަކުން ޑޮކްޓަރަށް ދެއްކެ އެވެ. އެއީ؛
- އަންހެނުންގެ ހާއްސަ ޑޮކްޓަރު
- ކަށީގެ ހާއްސަ ޑޮކްޓަރު
- އެތެރެހަށީގެ ހާއްސަ ޑޮކްޓަރު
- ހަމުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު
- ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު
- ކަރުންމަތީގެ ހާއްސަ ޑޮކްޓަރު
- ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު
ވިލުފުށީ ހެލްތު ސެންޓަރުން ނެރުނު އިއުލާން ޝެއާކޮށް، ޒުވާނެއް ސޯޝަލް މީޑިއާގައި ޖެހި އެވެ.
" ބޭނުމަކީ، ކޮވިޑް ނޫނަސް ފަހުން ވިޔަސް ކޮންމެ ފަހަރަކު ލޯންޗު ކުއްޔަށް ހިފައިގެން އަތޮޅު ހޮސްޕިޓަލަކަށް ނޫނީ މާލެ އަށް ދާ ދިއުން ހުއްޓޭނެ ދުވަހެއް ފެނުން. އިތުރު ހިދުމަތްތައް މިހެން ތައާރަފްވެ ބޭސްފަރުވާގެ ހިދުމަތް ރަށުން ލިބޭނެ ދުވަސް ދެކެން ބޭނުން"
އޭނާ ބުނި ގޮތުގައި، އާބާދީ މަދު ރަށެއް ކަމުގައި ވިޔަސް، އެ ރަށުން މި ފަދަ ހިދުމަތެއް ފަހިވެ ބޭސް ފަރުވާ އަށް މާލެ އަށް ކުރަންޖެހޭ ދަތުރާއި ހަރަދު ލުއިވެގެން ދިއުމަކީ އުފާކުރާ ކަމެކެވެ.