މިއަހަރުގެ މަސްވެރިންގެ ދުވަހާއި ދަންޑުވެރިންގެ ދުވަސް އެއް ދުވަހެއްގައި ފާހަގަކުރަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން މިގޮތަށް ނިންމީ މަސްވެރިންގެ ދުވަހާއި ދަންޑުވެރިންގެ ދުވަސް މިނިވަން 50 އާއި ގުޅުވައިގެން މާލޭގައި ކުލަގަދަކޮށް ބޭއްވުމަށެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 19 އިން ފެށިގެން 21 ހަމަޔަށެވެ.
މީގެ ކުރިން ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ޑިސެންބަރު 10 ގައެވެ. އަދި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރަނީ 10 އޯގަސްޓުގައެވެ.
މި ދުވަހާ ބެހޭގޮތުން ފިޝަރީސް މިނިސްޓްރީ އިން ބުނީ މުޖުތަމައުގައި މަސްވެރިންނާއި ދަނޑުވެރިން އަދާކުރާ ދައުރު ފާހަގަކޮށް އެ މީހުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މިއަހަރު މިދުވަސް އެއްކޮށް ފާހަގަކޮށް ކުލަގަދަކޮށް ތަފާތު ގިނަ ހަރަކާތް ތަކެއް މާލޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސްވެރިންނާއި ދަނޑުވެރިންގެ ދުވަހާ ގުޅިގެން މަސްވެރިންނާއި ދަނޑުވެރިން އަދި މިދެސިނާއަތުގައި ހަރަކާތްތެރިވާ އެހެން ފަރާތްތައް ބައިވެރިވާ ގިނަ ޕްރޮގްރާމް ތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މީގެ އިތުރުން ޒުވާނުން މިދެ ސިނާއަތައް ޝައުގުވެރި ކުރުމަށާއި ސްކޫލު ކުދިންގެ ޝައުގުވެރިކަން މިކަމަށް އިތުރުކުރުމުގެ ގޮތުން ހަރަކާތްތަކެއް މާލޭގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެ އެވެ.