ލައިފްސްޓައިލް

މަރުވި ދަރިފުޅު ގެންދާނެ އެމްބިއުލެންސެއް ނުލިބުނު

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ޖާއުންޕޫރުގައި ހިނގި ވަރަށް ހިތާމަވެރި ހާދިސާއެއްގައި ބައްޕައަކަށް އޭނާގެ މަރުވެފައިވާ ދަރިފުޅު ހޮސްޕިޓަލުން ގެންދާނެ އެމްބިއުލެންސެއް ނުލިބި ވަރަށް ގިނަ އިރު އުޅެން ޖެހިއްޖެ އެވެ. އެމްބިއުލެންސެއް ހަމަޖެހޭތޯ މި މީހާ ވަނީ ކަމާ ބެހޭ ފަރާތްތަކުގައި ރޮމުން އާދޭސް ކުރަމުން މަރުވެފައިވާ ދަރިފުޅުގެ ގައިގައި ބައްދައިގަނެގެން ތިން ގަޑިއިރު ހޭދަކޮށްފަ އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ކުއްޖާ ހޮސްޕިޓަލަށް ގެނައީ ހަރުފައެއް ވިހަލައިގެންނެވެ. ކުއްޖާއަށް ވަގުތުން ފަރުވާ ދޭން ފެށީ ނަމަވެސް ޑޮކްޓަރުންނަށް ކުއްޖާގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. ހަރުފަ ވިހަ ހަށިގަނޑަށް ފެތުރިފައިވާތީ ހޮސްޕިޓަލަށް ގެނައިތާ މާ ގިނައިރުތަކެއް ނުވެ ކުއްޖާ ވަނީ މަރުވެފަ އެވެ.

ކުއްޖާ މަރުވުމުން އާއިލާއިން ބޭނުންވީ އެމްބިއުލެންސްގައި ކުއްޖާގެ ހަށިގަނޑު އެމީހުންގެ އަވަށަށް ގެންދާށެވެ. ނަމަވެސް ކުއްޖާގެ ބައްޕަ ވަރަށް އާދޭސްކޮށްގެން ވެސް އެ ހޮސްޕިޓަލުގެ ކަމާ ބެހޭ ފަރާތްތަކުން އެމީހާއަށް އެމްބިއުލެންސެއް ހަމަޖައްސައެއް ނުދިނެވެ. އޭނާގެ ރުއިމާއި އާދޭސްތަކަށް ހޮސްޕިޓަލުން ދިނީ ބީރު ކަންފަތެއް ކަމަށް އެމީހާ ބުނެފައި ވެއެވެ.

ނިއުސް 18ގައިވާ މި ޚަބަރުގައިވާ ގޮތުން ކުއްޖާގެ ބައްޕަ އާދޭސް ކުރަން ފެށުމުން ހޮސްޕިޓަލުގެ ޗީފް މެޑިކަލް ސުޕްރިންޓެންޑެންޓް ޑރ. އޭކޭ ޝަރުމާ ކުއްޖާގެ ބައްޕަ ކައިރީ ބުނި ކަމަށް ވަނީ ޑީސަލް ގަނެގެން އައުމަށެވެ. އޭރުން ކުއްޖާގެ މަރުވެފައިވާ މަސްގަނޑު ގެންދާނެ ވެހިކަލެއް ހަމަޖައްސައިދޭނެ ކަމަށެވެ.

އެމްބިއުލެންސެއްގެ ބޭނުން ޖެހޭ ވަގުތު އެމްބިއުލެންސެއް ނުލިބުމަކީ މިހާރު އިންޑިޔާގައި ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އުފުލަންޖެހޭ ބަލި މީހުން ގިނަ ވެފައި ވެހިކަލް މަދުވީމަ އެވެ. މިހާރު އެމްބިއުލެންސެއް ވެސް އެންމެ އަވަހަށް ލިބެނީ އެންމެ ބާރުގަދަ ނުވަތަ އެންމެ ފައިސާވެރި މީހުންނަށެވެ.

ކޮވިޑް-19ގެ ސަބަބުން މި ހާލަތު އިތުރަށް ގޯސްވެފައިވާއިރު އިމަޖެންސީ އެއް ދިމާވުމުން އެމްބިއުލެންސެއް ހޯދަން މަސައްކަތް ކުރާ ގިނަ މީހުންނަށް ބަލި މީހާ ހޮސްޕިޓަލާ ހަމަޔަށް ގެނެވޭއިރު އޮންނަނީ ވަގުތު ފާއިތުވެފަ އެވެ.

ކެރެލާގެ ފިރިހެނަކަށް ވެސް ދާދިފަހުން ދިމާވީ މިފަދަ ކަމެކެވެ. ޝިޖޫ ނަމަކަށް ކިޔާ މި މީހާގެ މާމަގެ މެޔަށް ކުއްލިއަކަށް ތަދުވާން ފެށުމުން އެމްބިއުލެންސަކަށް ގުޅައިގެން އުޅެ އުޅެ އެމްބިއުލެންސެއް ނުލިބުނެވެ. ދެން ކާރެއްގައި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މާމަ ވަނީ މަރުވެފަ އެވެ.