އިންޑިޔާގެ ރާޖަސްތާނުގައި ސެޕްޓެމްބަރު 16 ވަނަ ދުވަހު ބޭއްވި ޕީޓީއީޓީ އިމްތިހާނުގައި ބައިވެރިވި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ އެމްބިއުލެންސްގައި ކުއްޖާ ގެންގޮސް އޭނާއަށް އިމްތިހާނު ހަދަން ފުރުސަތު ދީފި އެވެ.
މި އިމްތިހާނަކީ ބެޗްލާޒް އޮފް އެޑިޔުކޭޝަން ހަދަން ބޭނުންވާ ކުދިން ހަދަން ޖެހޭ އިމްތިހާނެކެވެ. ރާޖަސްތާނުގެ ޑައުސާގައި އެކަނިވެސް މި އިމްތިހާނު ހަދާ 80 ސެންޓަރު ހުރެ އެވެ.
އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި އެންމެ ފުރަތަމަ މި ކުއްޖާ އިމްތިހާނު ހޯލަށް ގެނައުމުން ކުއްޖާ ވައްދަން އެތަނުގައި ތިބި ފަރާތްތަކުން ވަނީ ދެކޮޅު ހަދާފަ އެވެ. އަދި ވަރަށް ބޮޑު މައްސަލައަކަށް މިކަން ވިއެވެ.
އާދާޝް ވިދްޔާ މަންދިރްގައި ހުރި އިމްތިހާނު ހޯލަށް އެމްބިއުލެންސްގައި މި ކުއްޖާ ގެންދިއުމުން އެ އެގްޒެމިނޭޝަން ސެންޓަރުގައި ތިބި ފަރާތްތަކުން ކުއްޖާ އެ ތަނަށް ނުވައްދަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެ ސަރަހައްދުގެ ޑިސްޓްރިކްޓް ކޮލެކްޓާ ޕިޔޫޝް ސަމާރިއާ މި މައްސަލައިގެ ތެރެޔަށް ވަދެ ކުއްޖާ އަށް އިމްތިހާނު ހެދޭނެ މަގު ފަހިކޮށްދިނީ އެވެ.
މި ކުއްޖާ އިމްތިހާނު ހަދަން ބޭންދީ އެހެން ކުދިންނާ މުޅިން ވަކިން ހުރި ކޮޓަރިއެއްގަ އެވެ.
އަދި ތިން ގަޑިއިރު ތެރޭ ކުއްޖާ އިމްތިހާނު ހަދާ ނިމެންދެން އެމްބިއުލެންސް ވެސް އެތަނުގައި އޮތެވެ. އިމްތިހާނު ހަދާ ނިމުމުން އެމްބިއުލެންސްގައި ކުއްޖާ ގެންދިޔައީ އެވެ.
ކުއްޖާ ގެންދިއުމުން އޭނާ އިމްތިހާނު ހަދަން އިން ކޮޓަރި ޑިސްއިންފެކްޓްކޮށް އަދި ކުއްޖާ އިމްތިހާނު ހެދި ކަރުދާސްތައް ވެސް ބަންދުކުރީ އެހެން ކުދިން ހެދި ކަރުދާސްތަކާ މުޅިން ވަކިންނެވެ.
މި ގޮތަށް ވެސް ކުއްޖާ އަށް އިމްތިހާނު ހަދަން ފުރުސަތު ދިނީތީ ގިނަ ބަޔަކު ވަނީ އެކަމާ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަން އިންޑިޔާގައި މައިތިރި ނުވިޔަސް އާންމު ދިރިއުޅުމަކަށް މީހުންގެ ދިރިއުޅުން ބަދަލުކުރަންވީ ވަގުތު އަތުވެއްޖެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އެގޮތުން ކިޔެވުމާއި އިމްތިހާނު ހެދުން ފަދަ ކަންތައްތަކުން ކޮވިޑް ޖެހިފައިވާ ކުދިން މަހްރޫމް ނުކުރުމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.