(29 ސެޕްޓެމްބަރ 2020 އާ ގުޅޭ)
"ކޮޓަރީގައި ނެތީމައޯ... ތަޅައިތަޅައި ނުހުޅުވީމައި، ދޮރުގައި ޖެހުނީމަ، ހަލާކުވެގެންނޯ ހުޅުވުނީ... އެބައުޅޭ މިފްރާހުއަށް ގުޅައިގެން، އެކުއްޖާ ލައްވާ ތަޅު ބަދަލުކުރަން." މިންނާގެ ވާހަކަ އިވުމާއެކު ވަގުތުން ކެންޒާއަށް ހުރިހާކަމެއް އެނގިއްޖެއެވެ.
"ދޮންބެ ގަދަވީމާ، އަހަރެމެން އެހެން ތަނަކަށް ބަދަލުވާންވީނު." ކެންޒާ ބުނެލިއެވެ.
"ތީ ކޮންވާހަކައެއް؟، މަންމަ ގާތުގައި ނުދެއްކޭވަރުގެ ވާހަކައެއް އޮތީތަ؟، ވަރަށް ހީވޭ ކެން ނުބުނަން އުޅެނީހެން." މިންނާ ބުންޏެވެ.
"ބައްޕަ ވެސް ރަނގަޅުނަމަ އަހަރެން ރުޅިއެއް ނާންނާނަން، ބައްޕަގެ ބަސް ވެސް އަހާނަން، އެކަމަކު ގޭގައި ހުންނައިރު ވެސް އެ ހުންނަނީ ހަމަހެއަކުނޫން، ދެން ހުރީ އެ މިފްރާހު ގަނޑު، އޭނާ އުޅެނީ އަހަންނާ ނީނދެވިގެން، ފެންނަހާ ތަނަކުން އޭނާގެ ކަމަކީ އެއީ... ފަހަތުން ނެއްޓޭކަށް ނޫޅުނު، އަހަރެން އޭނާދެކެ ކުޑަކޮށް ވެސް ލޯތްބެއްނުވެޔޭ ބުނީމާ ވެސް އޭނާ ގޮތެއް ދުލެއްނުކުރި، ބައްޕަ ވެސް ބޭނުންވަނީ އަހަރެން އެމީހާއާ ގުޅެން... އަހަރެން މީހަކާ އިންނަންޏާ އިންނާނީ އެމީހަކުދެކެ އަހަރެން ގަޔާވާ ގޮތެއް ހުރި މީހަކާ..."
"ކެންޒާ..." ދަރިފުޅުގެ ވައަތްތިލަ ނަގައި ފިރުމާލަމުން މިންނާ ގޮވާލީ މަޑުމަޑުންނެވެ. ކެންޒާ ހިތްހަމަނުޖެހިފައި އިންވަރުން އޭނާގެ އަޑު ބާރުވަމުން އައިކަމެއް ނުދެނަހުއްޓެވެ. ވާހަކަ ހުއްޓާލައި ފުންނޭވާއެއް ކެންޒާ ދޫކޮށްލީ މަންމަގެ ހަރަކާތުގެ ސަބަބުންނެވެ.
"ކެން މީހަކާ އިންނަ އުމުރަށް ގޮސްފައި މިހާރު ތިހުރީ، މިފްރާހަކީ ރަނގަޅު ކުއްޖެއްހެން ހީވާތީ ކަންނޭނގެ ބައްޕަ އެހެން އެއުޅެނީ... އެކަމަކު މަންމަ ބޭނުމީ ކެން ރުހޭ ކުއްޖަކާ އިންނަން، ޒިންމާދާރު ރަނގަޅު ކުއްޖަކާ އިންނަންވާނީ، މަންމަ އުޅޭ ގޮތް ކެންއަށް ފެންނާނެ... ވިސްނާފައި ކައިވެންޏެއް ކުރަންވާނީ... ހަމައެކަނި ލޯބިވުމަކުން ނުފުދޭނެ."
މިންނާ ދެއްކި ވާހަކައާ މެދު ކެންޒާ އެއްވެސް އެއްޗެއް ނުބުންޏެވެ. ދަރިފުޅުގެ މޫނަށް ބަލަން މިންނާ އިނީއެވެ. ދެން ފުންނޭވާއެއް ދޫކޮށްލީ ނުތަނަވަސްކަމާއެކުއެވެ. ކެންޒާއަށް ޚާއްޞަކުއްޖަކު ހުރިތޯ އަހާލަން މިންނާ ބޭނުންވިޔަސް ދަރިފުޅުގެ ދިރިއުޅުން ހުންނަ ގޮތް އެނގޭތީ އެ ޚިޔާލު ދޫކޮށްލީއެވެ. ދެން އަނެއްކާ ވެސް ކެންޒާގެ އަތުގައި ފިރުމާލައިފިއެވެ.
"މަންމަ މިފްރާހުއާ ވާހަކަދައްކާނަން، އޭނާ ކެންޒާއާ ދިމާކުރަނީތަ؟." ވިސްނަން އިނދެފައި މިންނާ ވާހަކަދެއްކިއެވެ.
"ތެދަށް ބުނަންޏާ އޭނާއަކީ އެހާ ރަނގަޅު މީހެއްހެން ހީނުވަނީ، ބައްޕައާއެކު އެންމެ ފުރަތަމަ ވެސް ފެނުނީ... ރަނގަޅު މީހަކު ބައްޕައާއެކު އުޅޭނެތަ؟، އަހަންނަށް އުނދަގޫވޭ އޭނާ ގެއަށް އައިސް އުޅޭގޮތުން..." ކެންޒާގެ ނަޒަރު މިންނާއާ ސީދާކޮށްލިއެވެ.
"ރޭގަ ގޭގައެއްނޫންތަ ނިދީ؟." މިންނާ އަލުން އަހާލިއެވެ. އެއާއެކު ކެންޒާ ބޯޖަހާލިއެވެ.
"ކަސްތޫރީމެން ގޭގައި، އެ ގޭ ނޯކަރުން އުޅޭ ބައިގަ އަހަރެންނަށް ވެސް ކޮޓަރިއެއް ދީފަ ހުންނަނީ، ހެނދުނު މަސައްކަތް ނިންމާފައި ކޮލެޖަށްދާންވާއިރަށް ގެއަށް އަންނާނޭ ވަގުތެއް ނޯވޭ، ބައްޕަ ކުރިން ރޭ ވެސް އުޅުނު ގޮތް ކިޔާދިނީމެންނު، އެހެންވެ އެތަނަށް ނިދަން ދިޔައީ." ހަޤީޤަތް ހާމަނުކުރިޔަސް މިންނާއަށް ޤަބޫލުކުރެވޭނެހެން ކެންޒާ ކިޔާދިނެވެ.
"އެމީހުން އެއްޗެއް ހީނުކުރާނެތަ؟." މިންނާއަށް އަހާލެވުނެވެ.
"ކީއްވެ އެއްޗެއް ހީކުރަންވީ، އެމީހުންނަށް އެނގޭ އަހަރެންގެ މަންމަ ނޫނީ ނެތްކަން އެކަކުވެސް، ދޮންބެ ހޮސްޕިޓަލުގައި ބާއްވައިގެންކަން ވެސް އެނގެއެއްނު، ގޭގައި އެކަނި އޮތުމަށްވުރެ އެގޭގައި ނިދާލަން ވެސް މާހިތަށް ފަސޭހަ."
"ކެންއަށް ތިގޮތް ރަނގަޅިއްޔާ މަންމައަށް އެންމެ ރަނގަޅު." މިންނާ ބުންޏެވެ.
"މަންމަ ނުވާނެ ބައްޕަ ކައިރީ އެއްވެސް އެއްޗެކޭ ބުނެގެން... މިފްރާހު އަހަރެން ހޯދަން އާދޭ، އެކަމާ އެއްބާރުލުން ދޭންވެގެން ބައްޕަ އެއުޅެނީ." ކެންޒާ ބުންޏެވެ. އެއާއެކު ހަމީމު ގާތު ނުބުނާނަމޭ މިންނާ ބުނެފިއެވެ. އެހެންނަމަވެސް އޭނާގެ ވިސްނުމުގައި ހުރީ މިފްރާހުއާ ވާހަކަދައްކާށެވެ. ކެންޒާ ނުރުހޭއިރު އޭނާގެ ފަހަތުން މިފްރާހު އުޅުމަކީ މިންނާއަށް ކަމުދާ ގޮތެއް ނޫނެވެ. ހަމީމު ވެސް އެކަމަށް ބާރު އަޅައިގެން ނުވާނޭކަން މިންނާ ޤަބޫލުކުރެއެވެ.
* * * * *
އޮފީހަށް ލައިތު ވަދެގެން އައީ ދާން ހަމަޖެހިފައި އޮތް ބައްދަލުވުމުގެ ކަންކަމާ އާރިކާ ވާހަކަދައްކަމުންނެވެ. ލައިތު އިންނަ ބަޔަށް ވަދެވުނު ހިނދު އޭނާއަށް ހުއްޓުމެއް އައެވެ. އެއާއެކު އާރިކު ވެސް ހުއްޓި އަތުގައި އޮތް ޓެބްލެޓުން ނަޒަރުން ވަކިކޮށްލައި އިސްއުފުލާލައިފިއެވެ. މޭޒުދޮށުގައި އިން ހިރާ އެ ދެ މީހުންނަށް ވެސް ފެނުނީ އެވަގުތެވެ. ހިނދުކޮޅަކަށް މަޑުޖެހިލި ނަމަވެސް ލައިތު ވަދެއްޖެއެވެ. ހިރާ ފެނުނު ކަމަށް އޭނާ ނުހެދިއެވެ. އާރިކަށް ދޭންވޭ އިރުޝާދުތައް ދިނުމަށްފަހު މޭޒުދޮށުގައި ލައިތު އިށީނެވެ. ހިރާގެ މޭޒުމަތީގައި ހުރި ހުރިހާ ލިޔެކިޔުމުގެ ކަރުދާހެއް އާރިކުވަނީ ނަގާފައެވެ. އެހެންވެ އެ މޭޒުމަތި ފެންނަނީ ފަޅުކޮށެވެ.
ޑެސްކްޓޮޕަށް ބަލަން އިން ހިރާ މަޑުކޮށްލައިގެން އިނީ ލައިތުގެ ފަރާތުން އިޝާރާތެއް ވާނޭ ކަމަށެވެ. ނަމަވެސް އެ އިންތިޒާރަށް ނިމުމެއް ނައެވެ. ދެން އަނެއްކާ ވެސް ފެނުނީ ލައިތު ތެދުވެގެން އޮފީހުން ނުކުންނަން ދިޔަތަނެވެ. ތިރީތުންފަތުގައި ހިރާއަށް ދަތްއަޅާލެވުނީ ފޫހިކަމާއެކުއެވެ. އެހާ ދުވަސްފަހުން އޭނާ ފެނުމުން ވެސް ލައިތު ބަލާނުލީތީ އޭނާގެ ހިތަށް އަސަރުކޮށްފިއެވެ. އެއާއެކު ވިސްނާލެވުނީ ލައިތުއަށް ހެދި ދޮގުގެ ސަބަބުން އަދިވެސް އޭނާ އެހުރީ ހިރާދެކެ ރުޅިއައިސްފައި ކަމެވެ. އެހެންވިޔަސް ލައިތު ރުއްސުމަށް ޓަކައި އޭނާ ވަނީ ރޭވުމެއް ރާވާފައެވެ. އެ ޚިޔާލާއެކު ހިރާ ހިނިތުންވެލައިފިއެވެ.
ބައްދަލުވުމުގައި ރޫމާން އަސަދާއި ލައިތުގެ އިތުރުން ޔާދިން ވެސް އިނެވެ. ދެކެވެމުންދިޔަ ވާހަކަތަކުގައި ލައިތުގެ ޚިޔާލު ވެސް ފާޅުކުރިއެވެ. ނަމަވެސް އޭނާގެ ސިކުނޑިން ހިރާގެ ޚިޔާލުތައް އެއްފަރާތްކޮށްލަން އުނދަގޫވިއެވެ. ލައިތުއަށް ރަނގަޅީ ދުވަހަކުވެސް ހިރާ އެނބުރި ނައީވިއްޔާއެވެ. އޭނާގެ ސޫރަ ވެސް ދުށުމަށް ލައިތު ނޭދެއެވެ. ވިސްނަން އިނދެވުނީ ހިރާއަކީ ދެވަނަ ފިޒާނާއަށް ވެދާނޭބާއޭ ހިތަށް އަރާފައެވެ. ނޭވާލާން ވެސް ލައިތުއަށް ދަތިކުރަން ހިރާ އުޅެފާނޭ ހީވެގެންނެވެ.
ބައްދަލުވުން ނިންމާފައި ލައިތު އައިސް އޮފީހަށް ވަނެވެ. ދެން ވެސް އޭނާ ހިރާއާ ވާހަކައެއް ނުދެއްކިއެވެ. ބަލާ ވެސް ނުލިއެވެ. ގޮނޑީގެ އަތްގަނޑުގައި ހިފަހައްޓާލައިގެން އިރުކޮޅަކު އިނދެފައި ހިރާ ތެދުވިއެވެ. މަޑުމަޑުން ލައިތުގެ މޭޒު ކައިރިއަށް އައިސް ހުއްޓިލައިފިއެވެ. އިސްއުފުލާ ލައިތު ބަލާނުލީތީ ނުކެރިފައި ހުރެ ވެސް ހިރާ ގޮވާލައިފިއެވެ. ކުރަން އިން މަސައްކަތް ހުއްޓާލަމުން ހޫނއެއް ލައިތު ލައްވާލިއެވެ. ދެން އޭނާގެ ނަޒަރު ހިރާއަށް ހުއްޓިއްޖެއެވެ.
"ސޮރީ..." އިރުކޮޅަކު ލައިތުއަށް ބަލަން ހުރެފައި ހިރާ ބުނެލިއެވެ. ލައިތު އަނގައިންނެއް ނުބުންޏެވެ. އެހެންނަމަވެސް އޭނާ ބޯޖަހާލިއެވެ. ދެން އަނެއްކާ ވެސް މަސައްކަތަށް އޭނާ އެނބުރިލަނީހެން ހީވުމުން ހިރާ ކުރިއަށް ޖެހިލައި ގޮވާލިއެވެ.
"މީ އޮފީސް، އޮފީހާ ގުޅުމެއްނެތްނަމަ، އަހަރެމެން ދައްކަން ޖެހޭ ވާހަކައެއް މިހާރު ނޯންނާނެ."
"އޮފީސްގަޑި ނިމުނީމަ ވާހަކަދައްކާލެވިދާނެތަ؟." ހިރާ އަހާލިއެވެ. ލައިތި ވަކި އެއްޗެއް ނުބުނުމުން އޭނާ އެނބުރި ގޮސް މޭޒު ދޮށުގައި އިށީނދެއްޖެއެވެ.
ސުހާނާ ދެއްކި ވާހަކަތަކާމެދު ހިރާއަށް ވިސްނާލެވުނެވެ. ލައިތު އޭނާ ދޫކޮށްލީ އެހެން އަންހެންކުއްޖަކަށް ޓަކައި ކަމަށްވާނަމަ އެއީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން ހިރާގެ ހިތުގައި ވިއެވެ. އެއްފަހަރު ހެދުނު ގޯހުން ލައިތު ހިތްހަމަނުޖެހުނުވަރު ހިރާއަށް އެނގޭއިރު ދެވަނަ ގޯހެއް ނުހެދުމަށް އޭނާގެ ޟަމީރު ހަނދާންކޮށްދިނެވެ. އެއަޑު އަހަން ހިރާ ބޭނުންނުވީއެވެ.
މެންދުރު ލައިތު އޮފީހުން ނުކުތުމުން ހިރާއަށް ހައިރާންކަން ލިބުނެވެ. ގެއަށް ކާން ދިއުމަކީ ލައިތުގެ އުސޫލެއް ނޫނެވެ. އޭނާއަށް މެންދުރުގެ ކެއުން ގެއިން ފޮނުވާނީއެވެ. އާރިކު ހޯދަން ހިރާ ނިކުތްއިރު އޭނާ ވެސް ބްރޭކަށް އޮފީހުން ނުކުތީ ލައިތުއާއެކީކަން ހިރާއަށް އޮޅުންފިލިއެވެ. ތުންފިއްތާލަމުން އޮފީހުގެ ދެ އަންހެންކުއްޖަކާއެކު ސައިކޮޓަރިއަށް ހިރާ އައިސް ވަނެވެ. އެހާ ދުވަސްކޮށްފައި ހިރާ ނުފެނި ހުރެފައި އޮފީހުން ފެނުމުން، އެކުވެރި ކުދީން ތިބީ ޚަބަރު އޮޅުފިލުވާހިތުންނެވެ.
އޮފީސް ގަޑި ނިމި ގެއަށް ދާން ހިރާ ނުކުތްއިރު ވެސް ލައިތު އެނބުތި އޮފީހަކަށް ނައެވެ. އާރިކު ގާތު އަހާލުމުން މުހިންމު ކަމެއްގައި އުޅެނީއޭ ބުނެލިއެވެ. އޭނާ ވެސް ލައިތުގެ މަޢުލޫމާތު ހިރާއަށް ދޭން ބޭނުންނުވަނީހެން ޚުދު ހިރާއަށް ހީވިއެވެ.
* * * * *
ސޯފާގައި މިފްރާހު އިންއިރު އޭނާއާ ކުރިމަތިވާނޭހެން ޕްލާސްޓިކު ގޮނޑިއެއްގައި މިންނާ އިނެވެ. އިސްޖަހާލައިގެން މިފްރާހު އިނީ މިންނާ ދެއްކި ވާހަކައިގެ ގޮތުންނެވެ.
"މަންމައަށް އެނގޭ މިފްރާހަކީ ވިސްނޭ ކުއްޖެއްކަން، އެހެންވީމަ ދެން ތިކަން ހުއްޓާލާ، މަންމައާއި ހަމީމަށް މިފްރާހު ރަނގަޅުވިޔަސް، ކެންޒާ ނިންމާނީ އޭނާ ދިރިއުޅުމެއް ފަށާނީ ކާކާ އެކުކަން." މިންނާ ބުންޏެވެ. މިނޫނީ ފާޅުކޮށް ސީދާ މިފްރާހު ކައިރިން ކެންޒާއާ ހެދި ނޫޅެން މިންނާ ބުނެފައެއް ނެތެވެ. ކެންޒާ ހޯދަން މިފްރާހު އެގެއަށް އައުން ވެސް ހުއްޓާލުމަށް މިންނާ ބުންޏެވެ. މަންމަމެން ނޫޅޭ ގަޑިތަކުގައި އެގެއަށް ވަނުމުން ކެންޒާ ނުރުހޭއިރު، މިންނާއަށް ވެސް އެކަން ރަނގަޅު ކަމަކަށް ނުފެނެޔޭ ބުނެލިއެވެ.
ދަތްކުނޑިވިކާލި ނަމަވެސް މިފްރާހު އަނގައިން ނުބުނެއެވެ. މިންނާ ތަކުރާރުކޮށް ސުވާލުކޮށްލުމުން އެއްބަސްވުމުގެ ގޮތުން މިފްރާހު ބޯޖަހާލިއެވެ. އެހެންވިޔަސް އޭނާ އެއިނީ ހިތްހަމަނުޖެހިފައެވެ. ނުކުރަން ގަސްދުކޮށްފައިވި ޚިޔާލުތައް ސިކުނޑިއަށް ބޮނޑިވެގަތެވެ. ރާވާފައި ހުރި ރޭވުންތަކައިގެން ކުރިއަށް ދާން މިފްރާހުއަށް އާހިތްވަރެއް ލިބުނު ކަހަލައެވެ. އޭނާ މަޑުމަޑުން ސޯފާއިން ތެދުވިއެވެ.
"މަންމަ ބުނީތީ ޤަބޫލުކޮށްފިން... ކެން ގެއިން ނުކުމެގެން ދިޔައީތަ؟" މިފްރާހު އަހާލިއެވެ.
"ނުކުމެގެން ދިޔައީކީނޫން، މަންމަގެ ރައްޓެއްސެއް ކައިރީ މަޑުކޮށްލީ." ކެންޒާއަށް ވީ ވަޢުދުގައި މިންނާ ހިފެހެއްޓިއެވެ. އިތުރު ވާހަކަތަކެއް މިފްރާހު ނުދެއްކިއެވެ. އޭނާ މަޑުމަޑުން އެގެއިން ނުކުމެގެން ދިޔައީއެވެ.
"ރީތި ކުއްޖެއް، އަޙުލާޤު ވެސް ރަނގަޅު... ކެންއަށް ކަމުދާންވީ ސަބަބެއް ނުވިސްނުނު." މިފްރާހު ނުކުމެގެން ދިޔަ ދޮރާދިމައަށް ބަލަން އިން މިންނާގެ ހިތަށް އެރިއެވެ. އޭނާ ރުހޭ ގޮތެއް މިފްރާހުގެ އެބަހުއްޓެވެ. ރަނގަޅު ޢާއިލާއަކުން އައިސްފައިވާކަން މިންނާއަށް އެނގެއެވެ. ކެންޒާއަށް ރަނގަޅު މުސްތަޤުބަލެއް މިފްރާހާއެކު ލިބޭނެއޭ ވެސް މިންނާއަށް ޤަބޫލުކުރެވެއެވެ. އެހެންވިޔަސް އޭނާ ނޫނެކޭ ބުނީ ދަރިފުޅަށް ޓަކައެވެ. މިންނާ ވެސް މިހާރު އެންމެ ބޮޑަށް އެދޭ ކަމަކީ ކެންޒާ އަވަހަށް މީހަކާ އިނުމެވެ. ހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭތަން ދުށުމެވެ. ވިސްނުން އެއްފަރާތްކޮށްލައި މިންނާ ތެދުވީ އަސަރަށް ގޮވި އަޑި އިވުނީމައެވެ.
* * * * *
ގެއަށް ކެންޒާ އައީ ކޮޓަރީގެ ދޮރު ހަލާކުކޮށްލިކަން އެނގޭތީއެވެ. އެ ކޮޓަރިތެރެއިން އެއްވެސް އެއްޗެއް މަދުވިތޯ ބަލާށެވެ. އޭނާ ގެއަށް އައީ އިޝާގެ ފަހުން މަންމަ ހޮސްޕިޓަލަށް އައީމައެވެ. ގެއަށް ވަންއިރު މުޅި ގެއަށް ވެރިވެފައި އޮތީ މަރުފަދަ ހިމޭންކަމެވެ. ހަމީމު ވެސް ނެތީކަން ކެންޒާއަށް ޔަގީންވިއެވެ. ކޮޓަރީގެ ދޮރު ފެނުމުން ބަލަން ހުރެވުނީއެވެ. މުޅިން އާ ތަޅެއް ހަރުކޮށްފައި ހުއްޓެވެ. ކެންޒާގެ ދަބަހުން ތަޅުދަނޑިފަތި ނެގިއެވެ. މިންނާ އަތުގައި އެއްތަޅުދަނޑި ބާއްވަފައި ދެން އޮތް ތަޅުދަނޑި ދިނީ ކެންޒާއަށެވެ. ތަޅުވަޅަށް ތަޅުދަނޑި ޖަހާލައި އަނބުރާލުމާއެކު ނިކަން ފަސޭހައިން ތަޅުހުޅުވިއްޖެއެވެ. ދޮރުހުޅުވާލަން ޖެހުނީ ތަޅުގައި ހިފައި އަނބުރާލާށެވެ.
ކޮޓަރިތެރޭގެ ތަރުތީބަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. އަލަމާރި ހުޅުވާލީ އިރު ހެދުންތައް ވެސް ހުރީ އޭނާ ބެހެއްޓި ގޮތަށެވެ. ކޮޓަރީގެ އެއްފަރާތުގައި ބަރިއަކަށް ހުރި ފޮތްތައް ވެސް ހުރީ ކުރިން ހުރި ތަރުތީބުންނެވެ. އަވަސް ފިޔަވަޅުގައި އައިސް ފާޚާނާގެ ބޮކި ދިއްލާލައި އެތެރެއަށް ކެންޒާ ބޯދިއްކޮށްލިއެވެ. މީހަކު އެތެރެއަށް ވަދެގެން އުޅުނު ކަމުގެ ނިޝާނެއް އެކޮޓަރިއަކުން ކެންޒާއަށް ފާހަގައެއް ނުވިއެވެ. ލައިތު ބަލާ އަންނަން ބުނެފައި އޮތުމުން ކެންޒާ ގަސްދުކުރީ ހެދުން ބަދަލުކޮށްލައި ފެންވަރާލާށެވެ. ދެމީހުން އެކުގައި ތަނަކަށް ކާންދާން ވެސް ލައިތު އޮތީ ބުނެފައެވެ.
ރީތި ވެލައިގެން ފޯނު އަތަށް ލައިގެން ހުރެ ކެންޒާ ދޮރޯށި ދޮށަށް ނުކުތެވެ. ކަންމަތީގައި މީހުން ގިނަވެގެން އުޅޭކަން އޭނާއަށް ފާހަގަވިއެވެ. އެނބުރި ގޭތެރެއަށް ވަނީ ދޮރޯށި ދޮށުގައި ނުހުންނަން ވެގެންނެވެ. ކޮޓަރީގެ ތަޅުގައި ހިފާލައި، ތަޅުލެވުނުކަން ޔަގީންކޮށްލާފައި އައިސް ކެންޒާ އިށީނީ ސޯފާގައެވެ. އެހިނދު މީހަކު ދޮރޯށި ހުޅުވާލައި ސަލާމް ގޮވާލިއެވެ. ކެންޒާ ތެދުވިގޮތަށް ސަލާމް ބަލައިގަންނަމުން ދޮރޯށި ކައިރިއަށް އަންނަންވާއިރަށް އެމީހަކު ގޭތެރެއަށް ވަދެއްޖެއެވެ. މިވަނީ ކިހިނެއްކަން ނޭނގެނީސް ފިރިހެނުންތަކެއް ގެއަށް ވަންނަން ފެށިއެވެ. ކެންޒާއަށް ބިރުން ތެޅިގަނެވުނެވެ. ކީއްކުރާ ބައެއްތޯ ސުވާލުކުރަންވާއިރަށް އެތަނުން ފިރިހެނަކު އައިސް ކެންޒާގެ އަތުގައި ހިފައިފިއެވެ. ދުއްވައިގަންނަން އޮތީ ގޭގެ ބިއްދޮށަށް ވިޔަސް ކެންޒާ ދެފަޔަށް ބާރުލައި ދުއްވައިގަތެވެ. ނަމަވެސް ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. އަޑުގެ ނެއްތަނަށް ކެންޒާ ހަޅޭލަވައިގަތެވެ. އޮބިއަޅައިގަތްހެން ކެންޒާ އެމީހުންގެ އަތްދަށުވެއްޖެއެވެ. އެތަނުން މީހަކު ފޮތިގަނޑެއްކަހަލަ އެއްޗެއް ކެންޒާގެ އަނގަޔަށް ގަންވާލި ގޮތުން ކެންޒާގެ ތުންފަތަށް ވެސް ތަދުވިއެވެ. ހިކި ކެއްސުމެއް ވެސް ކެއްސައިގަތެވެ. ކެންޒާ ގަދަ ހަދަހަދާ އޮއްވާ އެމީހުން އޭނާ ދޮރޯށިން ނެރެން ދޮރު ހުޅުވާލިއެވެ. އޭރު ދޮރުފަތް ކަހާލާފައި އޮތް ވޭން އޮތީ ދޮރޯށި ބުޑުގައެވެ. ގޭގެ އޮޅި ހުރަސްކޮށްލުމާއެކު ފިޔަވަޅު އެޅޭނީ ވޭންގެ ތެރެއަކަށް ޔަގީނެވެ. އެއްބަޔަކު ވޭނަށް އަރައި ފިރިހެނުންތައް ވެގެން ކެންޒާ އުފުލާލައިގެން ވޭންއަށް އެރުވީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ.
(ނުނިމޭ)