ރައީސް މުހައްމަދު ނަޝީދު

ޑިމޮކްރެސީ ގެންނަން ހިތްވަރު ލިބުނީ ގާންދީގެ އުސޫލުތަކުން: ނަޝީދު

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތް އެމްޑީޕީން ކުރިއިރު އެކަމަށް ހިތްވަރު ލިބުނީ އިންޑިއާގެ މިނިވަން ކަމުގެ ބާނީ މަހާތުމާ ގާންދީގެ އުސޫލުތަކުގެ ސަބަބުން ކަމަށް ކުރީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދަކީ ގާންދީގެ އުފަން ދުވަހެވެ. އެ ދުވަހާއި ދިމާކޮށް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ވެރިކަން ހިންގާ އެމްޑީޕީން އޭރު ކުރި ކެންޕެއިންގައި ގާންދީގެ އުސޫލުތަކުން ހިތްވަރު ލިބުނު ކަމަަށެވެ. އެގޮތުން މަދަނީ ބަސް ނޭހުމާއި، ހަމަނުޖެހުން ނުއުފެއްދުން ފަދަ ގާންދީ ގެންގުޅުއްވި އުސޫލުތަކުން ހިތްވަރު ހޯއްދެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ މަސައްކަތުގެ ނަތީޖާއެއްގޮތުން ރާއްޖެއަށް ޑިމޮކްރަސީގެ ހަމަތައް ހިމެނޭ ގާނޫނު އަސާސީއެއް ލިބިގެންދިޔަ ކަމަށާ އެ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް މިނިވަން އަދި ޑިމޮކްރަޓިކް އިންތިހާބެއް 2008 ވަނަ އަހަރު ބޭއްވުނު ކަންވެސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެމްޑީޕީ އިސްވެ އޮވެ ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އައު ގާނޫނު އަސާސީ އެކުލަވާލީ ރައީސް މައުމޫނަށް ވަފާތެރި މެންބަރުންގެ އަގްލަބިއްޔަތު އޮތް މަޖިލީހަކުންނެވެ. އަދި އެ ގާނޫނު އަސާސީ ތަސްދީގު ކުރައްވާ ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކުގެ ކެންޑިޑޭޓުން ބައިވެރިވާ އިންތިހާބެއް ބޭއްވެވީވެސް ރައީސް މައުމޫން ވެރިކަމުގައި ހުންނަވައިގެންނެވެ.