ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރޭގަނޑު 10 ޖަހަންދެން ވެހިކަލް ދުއްވޭ ގޮތަށް ހަމަޖައްސައިފި

ރޭގަނޑު 8 ކުން ފަތިހު ފަހަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރި އުސޫލަށް ބަދަލު ގެނެސްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް މިރޭ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާލެ ސިޓީގައި ވެހިކަލް ދުއްވުން މަނާ ކުރި ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ އެންގުމުގައި ބުނީ މާދަމާއިން ފެށިގެން ރޭގަނޑު 10 ޖަހަންދެން ވެހިކަލް ދުއްވޭނެ ކަމަށެވެ. މި ނިންމުމާއެކު މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާވާނީ ރޭގަނޑު 10 ކުން ފަތިހު ފަހަކަށެވެ.

ވަކި ވަގުތުތަކެއްގައި ވެހިކަލް ދުއްވުން މަނާކޮށް ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރީ ޖުލައި މަހު ދިން ލުޔާއެކު އޮގަސްޓް މަހު އަނެއްކާވެސް ކޮވިޑް ވަރަށް ބޮޑަށް ފެތުރެން ފެށުމުންނެވެ. އެ މަހުގެ ކޮންމެ ދުވަހަކުވެސް 100 ވުރެ ގިނަ މީހުންނަށް ބަލި ޖެހެމުންދިޔައެވެ. އޮގަސްޓް މަހު އެކަނިވެސް 3،900 މީހުންނަށް ބަލި ޖެހުނެވެ. އަދި 12 މީހުން މަރުވިއެވެ.

ނަމަވެސް މިދިޔަ ސެޕްޓެންބަރު މަހު އެންމެ ދުވަހަކު ނޫނީ ކޮވިޑް ނަންބަރު 100 އިން މައްޗަށް ނުދެއެވެ. ގިނަ ދުވަސް ދުވަހު ނަންބަރު ހުރީ ފަންސާހުން ދަށުގައެވެ.

ކޮވިޑާ ގުޅިގެން އެކި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންވިއެވެ. ހާއްސަކޮށް ވެހިކަލް ދުއްވުން ރޭގަނޑު 8 ގެ ފަހުން މަނާ ކުރުމުން ގިނަ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރިއެވެ. ހާއްސަކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން ވަނީ އެ ނިންމުން ބަދަލުކޮށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުނަށް ގޮވާލާފައެވެ.

މަނާ ވަގުތު ވެހިކަލް ދުއްވައިގެން ގިނަ ބަޔަކު ވަނީ ޖޫރިމަނާކޮށްފައެވެ. ވެހިކަލް ދުއްވޭ ވަގުތަށް ބަދަލު ގެނައި ނަމަވެސް ބޭރުގައި އުޅޭ ވަގުތު މާސްކު އެޅުން އަދިވެސް މަޖުބޫރުވާނެއެވެ. އަދި ރޭގަނޑު 10 ކުން ފަތިހު ފަހަކަށް މާލެ ސިޓީގައި ކާފިއު ހިންގާތީ ބޭރަށް ނިކުމެ އުޅުން މަނާވާނެއެވެ. އެ އުސޫލުން އިސްތިސްނާވާނީ ހާއްސަ ހުއްދައެއް ނުވަތަ ފާހެއް އޮތް އެކި އިދާރާތަކުގެ މުވައްޒިފުންނާއި ފަތިސް ނަމާދަށް މިސްކިތަށް ދާ މީހުންނެވެ.