ޑރ. އަނޫޕް ކްރިޝްނާއަކީ އޯތޯޕީޑިކް ސާޖަން އެކެވެ. އިންޑިޔާގެ ކެރެލާގެ ކޯލަމްގައި ހުންނަ އަނޫޕް އޯތޯ ސެންޓާގެ ވެރިޔަކީ 35 އަހަރުގެ މި ޑޮކްޓަރެވެ.
އަނޫޕް އަކީ ވަރަށް ކުޅަދާނަ މޮޅު ޑޮކްޓަރެއް ނަމަވެސް އޭނާގެ ކްލިނިކްގައި ސާޖަރީ ހެދި ހަތް އަހަރުގެ އަންހެންކުއްޖެއްގެ މަރުވުމާ ގުޅިގެން އޭނާއަށް ކުރިމަތިވީ ފާޑުކިޔުންތަކަށް ކެތް ނުވެގެން މި ޑޮކްޓަރު ވަނީ އަމިއްލައަށް މަރުވެފަ އެވެ. މި ކުއްޖާއަކީ ކޮންޖެނިޓަލް ހާޓް ޑިޒީޒް ހުރި ކުއްޖެކެވެ. ކުއްޖާގެ ފަޔަށް ދިމާވެފައިވާ މައްސަލަތަކެއްގެ ސަބަބުން ފައި ސީދާ ނުކުރެވޭތީ މި ސާޖަރީ ހަދައިދީ ފައި ސީދާ ކޮށްދޭން އަނޫޕް އެއްބަސްވީ އެވެ.
އަނޫޕްގެ ގާތް ޑޮކްޓަރަކު ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޮސްޓެއްގައި ބުނެފައިވާ ގޮތުގައި ކުއްޖާގެ އާއިލާގެ ފަގީރުކަމުން އެއްވެސް ފީއަކާ ނުލައި މުޅިން ހިލޭ މި ސާޖަރީ ހަދައިދޭން އަނޫޕް ނިންމި އެވެ. ހޭނައްތައިގެން ސާޖަރީ ހަދަމުން ދަނިކޮށް ހިތަށް ދިމާވި މައްސަލަތަކެއްގައި ހާޓް އެޓޭކެއް ޖެހުނީ އެވެ.
އަނޫޕްގެ ކްލިނިކަކީ ކަށީގެ ސާޖަރީތައް ހަދައިދޭ ތަނަކަށް ވާތީ ކުއްޖާއަށް ހާޓް އެޓޭކެއް ޖެހުމުން އެކަން މައިންބަފައިންނަށް އަންގައި އަވަހަށް ހިތުގެ ފަރުވާ ދެވޭނެ ހޮސްޕިޓަލަށް ކުއްޖާ ބަދަލުކުރަން މަސައްކަތް ފެށި އެވެ. ނަމަވެސް އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކުއްޖާ އޮތީ މަރުވެފަ އެވެ.
ކުޑަ ކުއްޖާ މަރުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އަދި އަނޫޕް މަރުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކުއްޖާ މަރުވުމާއެކު އޭނާ މަރުވީ އަނޫޕްގެ ކްލިނިކްގެ އިހުމާލުން ކަމަށް ބުނެ ކުއްޖާގެ އާއިލާ އާއި އާއްމުން އެ ކްލިނިކް ކުރިމަތީގައި ވަރުގަދަ މުޒާހަރާއެއް ކުރަން ފެށުމެވެ. އަދި ސޯޝަލް މީޑިއާގައި ޑޮކްޓަރާއި އޭނާގެ ކްލިނިކްގެ އަގު ވައްޓާލަން ވަރުގަދަ މަސައްކަތްތަކެއް ގިނަ ބަޔަކު ކުރަން ފެށި އެވެ.
އަދި ކުއްޖާގެ އާއިލާއިން އެ ކްލިނިކާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހެޅި އެވެ. މީޑިއާގައި ވެސް އަނޫޕް އާއި އެ ކްލިނިކާ ދެކޮޅަށް ވަރަށް ވަރުގަދަ ރިޕޯޓުތައް ޝާއިއުކޮށް ޓީވީ ޗެނަލްތަކުން ވެސް މި ކްލިނިކާ ބެހޭ ތަފާތު ވާހަކަތައް ހަދަހަދައިގެން ދައްކަން ފެށި އެވެ. އަނޫޕް އަމިއްލައަށް މަރުވީ މީޑީއާއިން އޭނާގެ އަބުރު ކަތިލައި އަދި ކްލިނިކްގެ އަގު ވައްޓާލަން ކުރަމުންދިޔަ މަސައްކަތްތަކަށް ކެތް ނުކުރެވިގެންނެވެ.
އަނޫޕް އަކީ ސްޕޯޓްސް މެޑިސިން އާއި އާތުރޮސްކޮޕީ އަދި އާތުރޯޕްލާސްޓީގެ ރޮނގުން ޚާއްސަކޮށް ކިޔަވާފައިވާ ވަރަށް މޮޅު އަދި އެހާމެ ގާބިލް ޑޮކްޓަރެކެވެ.
ހަތް އަހަރުގެ މި ކުއްޖާގެ ކޭސް އޭނާ ނެގީ ސާޖަރީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އޭގެ ކުރިން އާއިލާއިން ވަރަށް ގިނަ ޑޮކްޓަރުން ކައިރިއަށް އެ ކުއްޖާ ގޮވައިގެން ގޮސް ފައި ރަނގަޅު ކޮށްދޭން އެދިފައި ވެއެވެ. ނަމަވެސް ކުއްޖާ އަކީ ހިތުގެ ބައްޔެއް ހުންނަ ކުއްޖަކަށް ވާތީ އާއި ސާޖަރީ ހެދޭ ފަދަ ތަނަވަސްކަން އާއިލާގެ ނެތުމުން މިހާތަނަށް އެއްވެސް ޑޮކްޓަރަކު ސާޖަރީ ހަދައިދޭން އެއްބަސްނުވީ އެވެ.
ފަގީރު ބަޔަކަށް ހެޔޮ ކަމެއް ކޮށްދިނުމުގެ ނިޔަތުގައި އަނޫޕް ހަވާލުވީ ވަރަށް ރިސްކު ބޮޑު ކަމަކާ އެވެ. ކުއްޖާ ރަނގަޅުކުރެވިދާނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކުގަ އެވެ. އަދި މި ސާޖަރީ އިން އޭނާއަށް އެއްވެސް މަންފާއެއް ނުލިބޭނެކަން އެނގިހުރެ އެވެ. ނަމަވެސް އޮޕަރޭޝަން ކުރުމުގެ ތެރޭގައި ދިމާވި މައްސަލަތަކުގެ ސަބަބުން ޑޮކްޓަރުގެ މި ގުރުބާނީގެ އަގު އެކަކުވެސް ވަޒަނެއް ނުކުރި އެވެ.
ކުއްޖާގެ މައިންބަފައިންނާއި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަނޫޕް އަށް ވަރަށް ބޮޑަށް ފާޑުކިޔާ ރުޅިވެރިކަން އަމާޒުކުރަން ފެށީ އެވެ. އެކަމާ ޑރ. އަނޫޕް ވަރަށް ދެރަވެ ކަންބޮޑުވި އެވެ. ޑޮކްޓަރުގެ އިހުމާލެއް މިކަމުގައި ނެތް ނަމަވެސް އޭނާއަށް ކުރިމަތިވަމުންދިޔަ ފާޑުކިޔުންތަކަށް ޑޮކްޓަރަށް ކެތް ނުކުރެވި އަމިއްލަ ހަޔާތަށް ނިމުން ގެންނަން އޭނާ ނިންމީ އެވެ.
ޑޮކްޓަރު މަރުވުމުގެ ކުރިން ފާޚާނާއަށް ވަދެ އަތުކުރީގައިވާ މައި ނާރު ބުރިކޮށްލައި އެތަނުން އައި ލެއިން ފާޚާނާގެ މުށިތަކުގައި "ސޮރީ" ލިޔެފައިވާ ކަމަށް ވެއެވެ. އަދި އަތުން ލޭ އައިސް އައިސް ހުއްޓާ ކޮޓަރިއެއް ވަދެ ދަންޖެހިގެން މަރުވީ ކަމަށް އިންޑީޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.
ޑޮކްޓަރުގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ޑޮކްޓަރުން އެމީހުންގެ އަމިއްލަ ތަޖުރިބާތައް ދަނީ ހިއްސާ ކުރަމުންނެވެ. އަދި އަމިއްލަ ނަފްސު ގުރުބާންކޮށްގެން ރިސްކު ނުނެގުމަށާއި ހިލޭ ޚިދުމަތްތައް ދިނުން ހުއްޓާލުމަށް ވެސް ބައެއް ޑޮކްޓަރުން އެ މީހުންގެ ބައިވެރިންނަށް ދަނީ އިލްތިމާސް ކުރަމުންނެވެ.
ޓްރިވެންޑްރަމް މެޑިކަލް ކޮލެޖުގައި ވެސް މަސައްކަތް ކޮށްފައިވާ އަނޫޕްގެ މަރާ ގުޅިގެން އޭނާގެ އެކުވެރި ބައެއް ޑޮކްޓަރުން ވަނީ ހިތް ހަލާކުވެފަ އެވެ.
"ޑޮކްޓަރުންނަކީ "ކަލެއް" ނޫން. ސާޖަރީގެ ކުރިން ބަލި މީހުން ތިބިގޮތަށް ފަހުން ނުތިބެދާނެ. މާބޮޑަށް އޯގާތެރިވުމަކީ ވެސް ވަރަށް ގޯސް އާދައެއް. ޑޮކްޓަރަކު 1000 މީހުންގެ ފުރާނަ ސަލާމަތް ކޮށްދިނަސް އެމީހުންގެ އަތްދަށުން ދާ އެންމެ މީހެއްގެ ސަބަބުން ވެސް އޭނާގެ މުޅި ކެރިއަރު ހަލާކުވޭ،" އަނޫޕްގެ މަރާ ގުޅިގެން އޭނާގެ އެކުވެރި ޑޮކްޓަރަކު ޝެއާ ކުރި