ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލު ކުރުމަށް އިންޑިއާގެ އެހީ ހޯދަން އިދިކޮޅުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އިދިކޮޅު ދެ ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ދޮގު ކޮށްފި އެވެ.
އެ ކޯލިޝަނުން އެކަން ދޮގު ކޮށްފައިވާއިރު ރާއްޖޭގެ ބައެއް ނޫސްތަކުން ވެސް ގެންދަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް އިންޑިއާގެ އެހީ ހޯދަން އިދިކޮޅުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. އެ ވާހަކަތައް ދޮގުކޮށް ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނީ ރައީސް ޔާމީން މިނިވަން ކުރަން ވެސް އަދި ގެއަށް ބަދަލު ކުރުމަށް ވެސް އިންޑިއާ އެމްބަސީގެ އިސްވެރިންނާއި މަޝްވަރާ ކުރަން ނިންމާފައި ނުވާ ކަމަށެވެ. އަދި އެފަދަ މަޝްވަރާތަކަކަށް ދިއުމަށް ދެ ޕާޓީގެ ކައުންސިިލްގައި އަދި އެ ނޫން ގޮތަކަށް ވެސް ވާހަކަ ދެކެވިފައި ނުވާ ކަމަށެވެ.
"ރައީސް އަބްދުﷲ ޔާމީން މި ވަގުތު ޖަލުގައި ހައްޔަރުކޮށްފައި ވަނީ ހައްގު ނޫން ސިޔާސީ ދައުވާއަކުން ކޮށްފައިވާ ހުކުމަކުން ކަން ދިވެހި އެންމެހާ ރައްޔިތުންނަށް އެނގިވަޑައިގަންނަވަ އެވެ. އަދި އެމަނިކުފާނަކީ މި ވަތަނުގެ ދިފާއުގައި ކޮންމެ ފަދަ ގުރުބާނީއެއް ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ވަރަށް ގައުމީ ބޭފުޅެއްކަންވެސް އެނގިވަޑައިގަންނަވައެވެ. އެހެން ކަމުން އެމަނިކުފާނުގެ އަމިއްލަފުޅު މުހުތާދެއް ފުއްދެވުމަށް ގައުމަށް ގައްދާރުވެވަޑައެއް ނުގަންނަވާނެއެވެ،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރަައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް ޕްރޮގްރެސިވް ކޯލިޝަނުންނާއި އެމަނިކުފާނުގެ އާއިލާ އަދި ގާނޫނީ ވަކީލުންވެސް ވަނީ އެދިފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ކަރެކްޝަނުން އަދި ސަރުކާރުންވެސް ވަކި އެއްޗެއް ނުބުނެއެވެ.