މަސްތުވެ މާލޭ މަގުމަތީގައި މާތްﷲ އަށް ފުރައްސާކުރި އިންޑިއާ މީހާއާ މެދު އަމަލު ކުރި ގޮތާމެދު ރައްޔިތުންގެ އިއްތިހާދުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގެ ސަރުކާރާ ގާތް ގުޅުމެއް އޮތް އިންޑިއާގެ އެ މީހާ ވަނީ އިސްލާމްދީނަށާއި މާތް ﷲ އަށް ފުރައްސާރަކޮށް ވާހަކަ ދައްކާފަ އެވެ. އަދި ފުލުހުންނަށް އަމާޒުކޮށް ވެސް ހުތުރު ވައްތަރު ޖައްސާ ހުތުރު ބަހުން ވާހަކަ ދައްކާ ހެދި އެވެ. އަދި ފުލުހުންނަށް ނިސްބަތްކޮށް އޭނާއަކީ ދިވެހި ރާއްޖޭގައި ހާއްސަ ރައްކާތެރި ކަމެއް ލިބިފައިވާ މީހެއް ވެސް ބުނަމުން ދިޔަ އެވެ،
އެ މިހާ ރޭ ހައްޔަރުކުރި ނަމަވެސް މިއަދު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.
މަސްތުގެ ހާލުގައި ހުރެ އިސްލާމްދީނަށް އޭނާ ފުރައްސާ ކުރަމުންދިޔައިރު ހައްޔަކުރަން ދިޔަ ފުލުހުން އެ ސަރަހައްދުގައި ތިއްބެވެ.
ގިނަ ޖަމިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ކަންތައްތަކެއް ހިނގައިގެންދިޔައިރު އެކަން ނުހުއްޓުވާ ތިބުމަކީ ވަރަށް ބޮޑު ހިޔާނާތެއް ކަމަަށެވެ. އަދި އެއީ ދިވެހިންގެ ސަގާފަތާއި އަދާކާދައަށް ވެވޭ ބޭވަފާއެއް ކަމަށެވެ.
"މުސްލިމުންގެ ހައިސިއްޔަތުންނާއި ދިވެހި ދައުލަތުގެ ހައިސިއްޔަތުންނާއި ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހައިސިއްޔަތުންނާއި އަދި އަމިއްލަ ފަރުދީ ހައިސިއްޔަތުންވެސް މިކަމާއި އިންކާރުކޮށް އަޑުއުފުލައި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ބާރު އެޅުމަކީ މިވަގުތު އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ އެންމެ އިސް ދީނީ އަދި ގައުމީ ވާޖިބެވެ. އެހެން ނޫންނަމަ މި ގައުމު ދާނީ އެކީއެކަށް ބޮޑުވެގެންވާ ފިތުނަވެރި އަދި ބިރުވެރި މުސީބާތެއްގެ ތެރެއަށް ކަމުގައި ޔަގީނެވެ،"