ދީނަށް ފުރައްސާރަ ކުރުން

ދީނަށް ފުރައްސާރަކުރި އިންޑިއާ މީހާ ޑީޕޯޓްކޮށްލައިފި

އިސްލާމް ދީނާއި މާތް ﷲ އަށް ފުރައްސާރަކުރި އިންޑިއާ މީހާއަށް ދައުވާ ނުކޮށް ޑީޕޯޓް ކޮށްލައިފި އެވެ.

މަސްތުވެ މާލޭ މަގުމަތީގައި އުޅެނިކޮށް އިންޑިއާ މީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހުގެ ރޭގަ އެވެ. އޭނާ ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުން އޭނާ ވަނީ އިސްލާމް ދީނާއި މާތް އިލާހަށް ފުރައްސާރަކޮށް ޒުވާބު ކޮށްފައެވެ. އަދި އޭނާއަކީ ރާއްޖޭގައި ހާއްސަ އިމްތިޔާޒުތަކެއް ލިބިފައިވާ މީހެއް ކަމަށް ބުނެ އެރޭ ފުލުހުންނަށް އިންޒާރު ދީފައި ވެއެވެ.

އެރޭ އެ މީހާ އެ ހުރިހާ ވާހަކައެއް ދެއްކިއިރު ފުލުހުންގެ ބަޔަކު ބަލަހައްޓައިގެން ތިއްބެވެ. އަދި ފަހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލާފަ އެވެ. މި މައްސަލާގައި ފުލުހުން އަމަލުކުރި ގޮތާއި އަދި ކޯޓުން އޭނާ ދޫކޮށްލުމުން ދިވެހިންގެ ރުޅިވެރިކަން ދެ މުއައްސަސާއަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

ފުލުހުން މިއަދު ބުނީ މަސްތުގެ ހާލުގައި ހުރެ އިސްލާމްދީނަށް ފުރައްސާކުރި އިންޑިއާ މީހާ އެއްގޮތަކަށް ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ. އޭނާ ރާއްޖެއިން ފޮނުވާލާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިންޑިއާ މީހާ ޑީޕޯޓްކޮށްލިއިރު އޭނާ މަސްތުގެ ހާލުގައި މަގުމަތީ އުޅުނު މައްސަލަ ބަލަން ފެށި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ދީނަށް ފުރައްސާރަކުރި މައްސަލަ ބަލާ ކަމެއް ނުވަތަ ނޫން ކަމެއްވެސް ހާމައެއް ނުކުރެ އެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އޭނާ ޑީޕޯޓްކޮށްލި ކޮށްލުމާމެދު ވެސް ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

އިސްލާމް ދީނާއި މާތް އިލާހަށް ފުރައްސާރަކުރި އިންޑިއާ މީހާއަކީ މެޑިކަލް ޑޮކްޓަރެކެވެ. އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ މަޝްހޫރު ކްލިނިކެއްގަ އެވެ. އެ މީހާ ނިސްބަތްވާ އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ރަހުމަތްތެރި ކަމުގެ ހާއްސަ ގުޅުމެއް އޮވެ އެވެ.