އިމިގްރޭޝަން

ހިންދޫ ދީން ފަތުރަން އުޅުނު މީހުން ޑީޕޯޓްކޮށްލައިފި

ހިންދޫ ދީނުގެ ހަރަކާތެއް މާލޭގައި ކުރިއަށް ގެންދިއުމަށް އިޝްތިހާރުކޮށް މާލެ އައި ފާދިރީއާ އޭނާއާ އެކު އުޅުނު މީހަކު ޑީޕޯޓްކޮށްލައިފި އެވެ.

އިންޑިއާގެ ފާދިރީ ޑރ. ގަނޭޝް ޑުބޭ ކިޔާ މީހަކާއި އިތުރު މީހަކު މާލެ އައިސް ހޮޓަލެއްގައި "ސްޕިރިޗުއަލް ހީލާ"އެއްގެ ނަމުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފް އަމަލުތަކެއް ހިންގަން އިޝްތިހާރު ކުރި ސެޝަންތަކެއްގެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ.

މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާ އެކު އެ މީހުން ތިބި އުނިމާ ގްރޭންޑް ހޮޓެލަށް ފުލުހުން ގޮސް މި ދެ މީހުން އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ. އަދި ފަހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވެ އެެވެ.

މި ދެ މީހުން މިއަދު ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް ޑީޕޯޓްކޮށްލީ ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް ކަމެއް ނޭނގެ އެވެ. އެ މައުލޫމާތު އިމިގްރޭޝަނުން ހިއްސާކޮށްފައެއް ނުވެ އެވެ.

މި މައްސަލަ ފެންމަތިވުމާ އެކު ސޯޝަލްމީޑިއާގައި އެތައް ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔާފަ އެވެ.