އެމެރިކާގެ ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް ރައީސް ޑޮނަލްޑް ޓްރަންޕަށް މިވަނީ ކޮވިޑް-19 ޖެހި އަލާސްކަންފުޅާ ކުރިމަތިވެ ވަޑައިގެންފަ އެވެ. މިހާރު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި ވަނީ ރައީސް ޓްރަމްޕަށް ދެން ވެދާނެ ގޮތަކާ މެދު އެވެ. އިންތިހާބަށް ވެދާނެ ގޮތަކާމެދު އެވެ. އެމެރިކާއަށް. ވެދާނެ ގޮތަކާމެދު އެވެ. އަދި ދެން އިތުރަށް ކަންތައްވާނެ ގޮތަކާއި މެދުގަ އެވެ. ސަބަބަކީ ރިޔާސީ އިންތިހާބުގެ ވޯޓަށް މިހާރު އޮތީ ބަރާބަރު އެއް މަސް ކަމަށްވާތީ އެވެ. -- އެހެން ނަމަވެސް މިވަގުތު ރައީސް ޓްރަމްޕްގެ ހާލުކޮޅު އެންމެ ރަނގަޅެވެ. ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ ހާލުކޮޅު އިތުރަށް ގޯސް ވިޔަސް އެންމެ ގޯސް ވާނީ ކުރިޔަށް ހިނގާ 48 ގަޑިއިރުގެ ތެރޭގަ އެވެ.
ރައީސް ޓްރަންޕް ކޮވިޑަށް ޕޮޒިޓިވްވީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. ވުމާއެކު އެ މަނިކުފާނުގެ ހާލުކޮޅު ގޯސް ނުވާނަމަ 10 ދުވަހުގެ ކަރަންޓީނަށް ފަހު މި މަހުގެ 15 ވަނަ ދުވަހު އޮންނަ ދެވަނަ ރިއާސީ ބަހުސްގައި އެ މަނިކުފާނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތް ވުމުގެ ފުރުސަތު އެބައޮތެވެ.
ރައީސް ޓްރަންޕްގެ ހާލުކޮޅު ގޯސްވެ އިންތިހާބަށް އަސަރު ކުރާނީ ކޮން ހާލަތެއްގައި ހެއްޔެވެ؟ އެމެރިކާގެ ރިއާސީ އިންތިހާބު ފަސް ކުރުމުގެ ބާރު ރައީސަކަށް ނޯވެ އެވެ. އިންތިހާބު ފަސް ކުރުމުގެ ބާރު އޮންނަނީ ކޮންގްރެސްގެ ދެ ގޭގެ އަޣުލަބިއްތު ލިބިގެނެވެ. ޓްރަމްޕްގެ ހާލުކޮޅު ގޯސްވި ނަމަވެސް މިއީ ވެދާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަޣުލަބިއްޔަތު އޮތީ ޑިމޮކްޓްރެޓިކް ޕާޓީއަށް ކަމަށް ވާތީ އެވެ.
އެމެރިކާގެ ގާނޫނު އޮތް ގޮތުން ރައީސް ޓްރަންޕްގެ ރިއާސީ ދައުރު ޖެނުއަރީ 20، 2021 ގެ މެންދުރަަށް ހަމަވާނެ އެވެ.
ރައީސް ޓްރަންޕްގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ރައީސް ކަމުގެ ވާޖިބުތައް އަދާ ނުކުރެއްވޭނަމަ ގާނޫނުގައިވާ ގޮތުން ނާއިބު ރައީސް މައިކް ޕެންސް ވަގުތީ ގޮތުން ރައީސް ކަމާއި ހަވާލުވެވަޑައި ގެންނެވިދާނެ އެވެ. އަދި ޓްރަމްޕްގެ ހާލުކޮޅު ރަނގަޅުވުމުން އަލުން ރައީސް ކަމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންނެވި ދާނެ އެވެ. އެހެން ނަމަވެސް ޓްރަންޕްގެ ހާލުކޮޅޮ ވަރަށް ގޯސްވެ ވެރިކަން ނުކުރެއްވޭވަރު ވެއްޖެ ނަމަ ނާއިބު ރައީސް އާއި ކެބިނެޓުން ޓްރަންޕަށް ވެރިކަމުގެ މަސްއޫލިއްޔަތު ނުއުފުއްލެވޭނެ ކަމަށް އިއުލާންކޮށް ނާއިބު ރައީސް ޕެންސް ވެރިކަމުގެ މަސްއޫލިއްޔަތު ތަކާއި ހަވާލުވެ ވަޑައިގަންނަވާނެ އެވެ.
ގާނުނުގައިވާ ގޮތުން ނާއިބު ރައީސް ޕެންސްގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ވެސް ވެރިކަމުގެ މަސްއޫލިއްޔަތުން ދުރުވެ ވަޑައިގަންނަވަން ޖެހިއްޖެ ނަމަ ދެން ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވަން ޖެހޭނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކާ ނެންސީ ޕެލޯސީ އެވެ. އެކަމަނާއަކީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅެކެވެ. ގާނޫނީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެމެރިކާ ގާނޫނީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ދާނެ އެވެ.
ނެންސީ ޕެލޯސީއަށް ރައީސް ކަމުގެ މަސްއޫލިއްޔަތު އެއްވެސް ސަބަބަކާއި ހެދި އަދާ ނުކުރެއްވޭ ނަމަ ދެން ވެރިކަން ހަވާލު ކުރެވޭނީ ރިޕަބްލިކަން ޕާޓީގެ ސީނިއާ ސެނެޓާ އެއް ކަމުގައިވާ އުމުރުފުޅުން 87 އަހަރުވީ ޗާލްސް އީ. ގްރާސްލީއަށެވެ. މިފަދަ ހާލަތަކަށް ދިޔައަސް ގާނޫނީ ބޮޑު މައްސަލައަކަށް އެކަން ވާނެ އެވެ.
މާޒީއަށް ބަލާއިރު 1985 ވަނަ އަހަރު އެމެރިކާގެ ރައީސް ރޮނަލްޑް ރޭގަން ކެންސަރު ބަލީގެ އޮޕެރޭޝަނަކަށް ހޮސްްޕިޓަލް ގައި އެޑްމިޓް ކުރެވުމުން ނާއިބު ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް ވަނީ ރައީސް ކަމުގެ މަސްއޫލިއްޔަތާއި ހަވާލުވެ ވަޑައިގެންފަ އެވެ. ހަމަ އެގޮތަށް 2002 އާއި 2007 ގައި ރައީސް ޖޯޖް ޑަބްލިއު ބުޝް ސިއްހީ ފަރުވާއަށް އެޑްމިޓް ކުރެވުމުން ނާއިބު ރައީސާއި ވެރިކަން ހަވާލު ކުރެއްވި އެވެ.
ރިއާސި އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަަތަކަށް ގޮސްފިނަމަ ނާއިބު ރައީސް ވަގުތީ ގޮތުން ރައީސް ކަމާއި ހަވާލުވެވަޑައިގަތަސް އެމަނިކުފާނަކީ އާ ރިޔާސީ ކެންޑިޑޭޓަށް ވާކަށް ކޮންމެހެން ނުޖެހެ އެވެ. އެއީ ރަސްމީކޮށް ރިއާސީ ކެންޑިޑޭޓަކަށް ޓްރަންޕްގެ ނަން މިހާރު ހުށައަޅާފައި ވާތީ އެވެ.
މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރިޕަބްލިކް ނެޝަނަލް ކޮމިޓީ (އާރްއެންސީ) ގެ 168 މެމްބަރުން ރިއާސީ ކެންޑިޑޭޓެއް އަލުން ހޮވުމަށް ވޯޓު ލާނެ އެވެ. އޭގެ ތެރޭގައި ނާއިބު ރައީސް މައިކް ޕެންސް ހިމެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޕެންސް ރިއާސީ ކެންޑިޑޭޓަކަށް ހޮވިވަޑައިގެންފިނަމަ އާ ރަނިން މޭޓެއް ކަނޑައަޅަން ޖެހި ވަޑައިގަންނަވާނެ އެވެ.
އެމެރިކާގެ ތާރީހުގައި މިހާތަނަށް ރިޕްބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީން ވެސް ރިއާސީ ކެންޑިޑޭޓެއް ރަސްމީކޮށް ކަނޑައެޅުމަށް ފަހު އެ ކެންޑިޑޭޓެއް ބަދަލު ނުކުރެ އެވެ.
އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ގާނޫނީ ޕްރޮފެސަރެއް ކަމުގައިވާ ރިކް ހަސެން ވިދާޅުވި ގޮތުގައި މިހާތަނަށް އެތައް މިލިއަން ވޯޓެއް ޕޯސްޓް މެދުވެރިކޮށް ލާން ފަށާފައި ވުމާއެކު ޓްރަންޕްގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ވެރިކަމުގެ މަސްއޫލިއްޔަތުން އެ މަނިކުފާނު ދުރު ކުރެވުނަސް ރިޕްބްލިކަން ޕާޓީން ރައީސް ކަމަށް ވާދަ ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެން ޕްރޮފެސަރަކު އަދި އިންތިހާބު ތަކުގެ ތަޖުރިބާކާރެއް ކަމުގައިވާ ރިޗަޑް ޕިލްޑެސް ވިދާޅުވި ގޮތުގައި ކޮންމެ ގޮތެއް ވިއަސް ރައީސް ޓްރަންޕްގެ ނަން ރިއާސީ ކެންޑިޑޭޓް އެއްގެ ގޮތުގައި މިފަހަރު އިންތިހާބު ގައި އޮންނާނެ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ކޯޓު އޯޑަރެއް ހޯދައިގެން ރިއާސީ ކެންޑިޑޭޓް ބަދަލު ކުރެވިދާނެ އެވެ. ނަމަވެސް އެކަމަށް އިންތިހާބުގެ ކުެރިން އެކަށީގެންވާ ވަގުތެއް ނެތެވެ.