ދުނިޔެ

ޓްރަމްޕްގެ ބޭރަށް ނުކުމެވަޑައިގަތުމުގެ ސިހުން!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އާދައިގެ ގޮތެއްގައި ކެއިން ބުއިމުގެ ހުއްދަ ދެއްވުމާއެކު އެނދުން ތެދުވެވަޑައިގަތުމުގެ ހުއްދަ ވެސް ޑޮކްޓަރުން ވަނީ ދެއްވާފަ އެވެ. ޓްރަމްޕަށް ފަރުވާ ދެއްވުމުގައި އުޅުއްވާ އިސް ފިޒީޝަން ޑރ. ބްރިއަން ގެރިބަލްޑީ އިއްޔެ މެންދުރު ވިދާޅުވި ގޮތުގައި ޓްރަންޕްގެ ހާލުކޮޅު ވަރަށް ރަނގަޅެވެ. އަދި ހާލަތު އެގޮތަށް ރަނގަޅަށް ދާނަމަ ރައީސަށް ފަރުވާ ދެއްވުން ވޯލްޓާ ރީޑް މެޑިކަލް ސެންޓަރުން ވައިޓް ހައުސް އަށް ބަދަލު ކުރާނެ އެވެ.

ރައީސް ޓްރަމްޕުގެ އެހެން ފިޒީޝަނެއް ކަމުގައިވާ ޑރ. ސީން ކޮންލޭ ވޯލްޓާ ރީޑް މެޑިކަލް ސެންޓާގެ ބޭރުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވިދާޅުވި ގޮތުގައި ވެސް ޓްރަމްޕްގެ ހާލުުކޮޅު އަންނަނީ ރަނގަޅުވަމުނެވެ. އެހެން ބަލިތަކާއި އެއްގޮތަށް ކޮވިޑް ބަލީގައި ވެސް ދޭތެރެ ދޭތެރެއިން ގޯސްވުމާއި ރަނގަޅުވުން އޮންނަ ގޮތަށް އެ އިޝާރާތް ވުން ފިޔަވައި ބޮޑު ކަމެއް ރައީސަކަށް ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޓްރަމްޕުގެ އޮކްސިޖަން ލެވެލް ދެފަހަރަކު ދަށްވި އެވެ. އަދި ފަހުން އޮކްސިޖަން ލެވެލް 98 ޕަސެންޓަށް އެރި އެވެ. ރައީސް ޓްރަމްޕުގެ އޮކްސިޖްން ލެވެލް 90 އަށްވުރެ ދަށްވިތޯ ނޫސްވެރިން ސުވާލު ކުރުމުން އެކަމާބެހޭ މައުލޫމާތެއް ކޮންލޭ ޖަވާބެއް ނުދެއްވަ އެވެ.

ރައީސް ޓްރަމްޕަށް ކޮވިޑް ޖެހުމާ ގުޅިގެން އެކަމުގައި އޮތް ހާސް ކަމާ އެއްވަރަށް އެކަމާއި ގުޅުން ހުރި ސިޔާސީ ކަންކަމުގެ ހާސްކަން ވެސް އެމެރިކާގައި ވަރަށް ބޮޑެވެ. އެގޮތުން ބަލާއިރު ސެނެޓްގެ މައިނޯރިޓީ ލީޑާ ޗަކް ޝޫމާ އިއްޔެ ހެނދުނު މެޖޯރިޓީ ލީޑާ މިކް މުކޯނެލް އަށް ގޮވާލެއްވީ ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ހުށައަޅުއްވާފައިވާ ޖަޖް އެމީ ކޮނޭ ބެރެޓް އާއި ބެހޭގޮތުން ޖުޑިޝަރީ ކޮމެޓީގެ އަޑުއެހުންތައް ލަސް ކުރެއްވުމަށެވެ. އަދި ރައީސް ޓްރަމްޕުގެ ސިއްހީ ހާލުކޮޅާއި ބެހޭ މައުލާމާތު ފުރިހަމައަށް ދެފުށް ފެންނަ ގޮތަށް މައުލޫމާތު ހާމަކުރެއްވުމަށް ވެސް އޭނާ ގޮވާލައްވަ އެވެ.

އިއްޔެ ނާއިބު ރައީސް މައިކް ޕެންސް އާއި ސެކަންޑް ލޭޑީ ކެރެން ވެސް ކޮވިޑް ޓެސްޓްގައި ވަނީ ނެގެޓިވް ވެފަ އެވެ. ހަމަ އެހެންމެ ޑިޕާޓްމެންޓް އޮފް ޖަސްޓިސްގެ ސްޕޯކްސް ޕާސަން ކެރީ ކިއުޕެކް ވިދާޅުވި ގޮތުގައި އެޓާނީ ޖެނެރަލް ބިލް ބާ އިއްޔެ ވަނީ ކޮވިޑަށް ނެގެޓިވް ވެފަ އެވެ. ބިލް ބާ ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮރޯނާ ވައިރަސްއަށް ދެ ޓެސްޓް އަދި ޕީސީއާރް ޓެސްޓަކަށް ނެގެޓިވް ވެފައެވެ. ބާ ވަނީ ރައީސް ޓްރަންޕް ސުޕްރީމް ކޯޓުގެ ޖަޖަކަށް އެމީ ކޮނޭގެ ނަން ހުށައެޅުއްވުމަށް ވައިޓް ހައުސްގެ ރޯސް ގާޑްން ގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި މަދުވެގެން ހަތް ބޭފުޅަކު މިހާރު ވަނީ ކޮވިޑް ޖެހިފަ އެވެ.

ރައީސް ޓްރަމްޕްގެ ސިއްހީ ހާލުކޮޅާބޭހޭ ގޮތުން ފުށު އަރާ ގޮތަށް ޑޮކްޓަރުންނާއި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ވާހަކަފުޅު ދައްކަވާފައިވާތީ އެކަމާއި ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރަމުން ދެއެ އެވެ. ނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާން އެލިއްސާ ފަރާ އެކަން ދޮގު ކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުކުރު ދުވަހު ޓްރަމްޕްގެ ހާލުކޮޅު ކުޑަކޮށް ކަންބޮޑުވާ ދަރަޖައަށް ދިޔަ އެވެ. ނަމަވެސް ހޮނިހިރު ދުވަހު ރައީސްގެ ހާލުކޮޅު ވަރަށް ރަނގަޅެވެ. އޭނާ ވިދާޅުވި ގޮތުގައި ޑރ. ކޮންލޭ ދެއްވީ ހެނދުނުގެ އަޕްޑޭޓެކެވެ. އޭގެ ފަހުން ޗީފް އޮފް ސްޓާފް ދެއްވީ އިތުރު މައުޅޫމާތު ކޮޅެކެވެ. އޮޅުން އަރަންޖެހޭ ކަމެއް ނޯންނާނެ އެވެ.

އެލިއްސާ ވިދާޅުވި ގޮތުގައި ވައިޓް ހައުސްގެ ވެސްޓް ވިންގުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވައިޓް ހައުސް އިން ހާމަކުރާނެ އެވެ. ވެސްޓް ވިންގަކީ ރައީސް އާއި ނާއިބު ރައީސްގެ އޮފީހުގެ އިތުރަށް ވައިޓް ހައުސްގެ އިސް މަގާމު ތަކުގައި ތިއްބަވާ ބޭފުޅުން އުޅުއްވާ ބައެވެ

ޜޭގެ ދަންވަރު ޑރ. ބްރިއަން ގެރިބަލްޑީ ވިދާޅުވި ގޮތުގައި ރައީސް ޓްރަމްޕަށް ފަރުވާދެއްވުމުގައި ސްޓެރޮއިޑް އެއްކަމުގައިވާ ޑެޒަމަތަސޯން ދެވިފައިވެ އެވެ. މި ޑްރަގް ދެވުމަކީ ޓްރަންޕްގެ ހާލުކޮޅާއި މެދު ކަންބޮޑުވާންޖެހޭ ކަމެކެވެ. އެކަމަކު އެ ޑޮކްޓަރު އެހެން ވިދާޅުވިތާ ކުޑައިރުކޮޅެއް ފަހުން ޓްރަންޕް ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ "ސަޕްރައިޒް ވިޒިޓެ" އެއް ކުރައްވާނެ ކަމަށެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ވޯލްޓާ ރީޑް މެޑިކަލް ހޮސްޕިޓަލްގެ ބޭރުގައި ތިބި ޓްރަމްޕުގެ ސަޕޯޓަރުންނަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ.

"އަޅުގަނޑުމެންނަށް ދެންމެ ފެނުނީ ރައީސް ޑޮނަލްޑް ޓްރަންޕް މޮޓޯކޭޑް ގައި ސަޕޯޓަރުންނަށް އަތުން އިޝާރާތް ކުރައްވަމުން ވަޑައިގެންނެވި މަންޒަރު. މިއީ ވަރަށް ހިތްގައިމު މަންޒަރެއް. އަޅުގަނޑުމެންނަށް އެއްވެސް ކަމެއްވާން އުޅޭކަމުގެ މައުލޫމާތެއް ކުރިން ނުދޭ. އެންމެ ފުރަތަމަ [ފުލުހުން] ކުރި ކަމަކީ ވޯލްޓާ ރީޑް މެޑިކަލް ސެންޓާގެ ކުރިމަތީ މަގުގެ ބައެއް ބަންދު ކުރީ. ދެން ފެނުނީ ރައީސްގެ މޮޓޯކޭޑް މަގުގެ އެއްފަރާތަކުން ދާތަން. އެތަނުގައި ރައީސްގެ އެތައް ސަޕޯޓަރުނެއް ތިބި،" އެ ސަރަހައްދުގައި ހުރި ސީ.އެންއެން ގެ ރިޕޯޓާ ޖެރެމީ ޑައިމޮންޑް ބުންޏެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޓްރަމްޕް އަނބުރާ ހޮސްޕިޓަލަށް ވަޑައިގެންފައި ވެއެވެ. އަދި އެންމެ ފަހުގެ ޕޫލް ރިޕޯޓުން ހާމަކޮށްފައިވާ ގޮތުގައި ވައިޓް ހައުސްގެ ޕްރެސް ޕޫލަށް މެޑިކަލް ސެންޓަރުގެ ބޭރުގައި ޓްރަމްޕް ހިންގެވި ހަރަކާތުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ. ރައީސްގެ އެއްވެސް ހަރަކާތެއް ބާއްވާ ނަމަ އެމަނިކުފާނާއެކު ވައިޓް ހައުސް ގެ ޕްރެސް ޕޫލް ނުދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.

އަޅުގަނޑުމެންނަށް ފެނުނީ ރައީސް ޑޮނަލްޑް ޓްރަންޕް މޮޓޯކޭޑް ގައި ސަޕޯޓަރުންނަށް އަތުން އިޝާރާތް ކުރައްވަމުން ވަޑައިގެންނެވި މަންޒަރު. މިއީ ވަރަށް ހިތްގައިމު މަންޒަރެއް. އަޅުގަނޑުމެންނަށް އެއްވެސް ކަމެއްވާން އުޅޭކަމުގެ މައުލޫމާތެއް ކުރިން ނުދޭ.
ޖެރެމީ ޑައިމޮންޑް | ސީއެންއެން

ޓްރަންޕް އާއި އެކީ ޕްރޮޓެކްޓިވް ޓްރެވަލް ޕޫލް ނުހިމަނައި މޮޓޯކޭޑް ގައި ވޯލްޓާ ރީޑް މެޑިކަލް ސެންޓަރުން ބޭރަށް ވަޑައިގަތުމާއި ގުޅިގެން ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ ރައީސް ޒެކީ މިލާ ވަނީ ބަޔާނެއް ނެރުއްވައި ނުރުހުން ފާޅުކުރައްވާ ފައެވެ. އެމެރިކާގެ ރައީސް އެގޮތަށް ބޭރަށް ވަޑައިގަންނަވާނަމަ އެމަނިކުފާނާއެކު ޕްރޮޓެކްޓިވް ޓްރެވަލް ޕޫލް ދާންޖެހޭނެ އެވެ .

ޒެކީ މިލާ ނެރުއްވި ބަޔާންގެ ހުލާސާ
ކުޑަ އިރުކޮޅަކަށް ނަމަވެސް ރައީސް ހޮސްޕިޓަލުން ބޭރައް ވަޑައިގަތުމަކީ ކުއްލި ސިހުމެއް ލިބުނު، އެކަމަކު ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ސިއްހީ ބަލިމަޑުކަމެއް ކުރިމަތިވެފައިވާ ދަނޑި ވަޅެއްގައި ޕްރޮޓެކްޓިވް ޕޫލް އަކާއެކު ނޫން ގޮތެއްގައި ރައީސަށް އެއްވެސް ތަނަކަށް ވަޑައެއް ނުގެންނެވޭނެ އެވެ. އެމެރިކާގެ ރައްޔިތުން ބޭނުންވީ އެ މީހުން ގެ ރައީސް ވީ ކޮންތާކު ކަމާއި އެމަނިކުފާނު ކުރައްވަނީ ކޮންކަމެއް ކަން ބަލާށެވެ. މިހާރު އެކަން މާބޮޑަށް ބޭނުންވާނެ އެވެ. އެމެރިކާގެ ރައްޔިތުން ބޭނުންވާނީ ރައީސް ކުރައްވާ ކަންކަމާބެހޭ މައުލޫމާތު މިނިވަން ފަރާތަކުން އެމީހުންނާއި ހަމައަށް ފޯރުކޮށްދޭށެވެ.

ޓްރަންޕުގެ ކެންޕެއިން އެޑްވައިޒާ ޖޭސަން މިލާ ވަނީ އެމަނިކުފާނު މޮޓޯކޭޑް ގައި ހޮސްޕިޓަލުން ބޭރަށް ވަޑައިގަތުން ދިފާއު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިއްޔެގައި ޓްރަންޕުގެ ހާލުކޮޅު ރަނގަޅެވެ. މިދިއަ ދެދުވަހު ވެސް އެމަނިކުފާނުގެ ހާލުކޮޅު ބޮޑު ތަނުން ރަނގަޅެވެ.

އަނެއްކޮޅުނ ް ރައީސް ޓްރަމްޕަށް ކޮވިޑް ޖެހިފައި ވަނިކޮށް އެމަނިކުފާނާއެކު ކާރުކޮޅުގައި ސީކްރެޓް ސާވިސްގެ އޭޖެންޓުން ދާން މަޖޫބުރު ކުރުވުމަކީ އެމީހުންނަށް ސިއްހީ ގޮތުން ނުރައްކާތެރި ކަމަކަށްވާއިރު އެއީ ރައީސްގެ އިހުމާލެއްތޯ ސީއެންއެން ގެ އަނާ ކަބްރޭރާ ސުވާލު ކޮށްފައި ވެއެވެ.

އެއަށް ދެއްވާ ޖަވާބެއްގެ ގޮތު މިލާ ވިދާޅުވަނީ ރައީސް ވަޑައިގަތީ ސަލާމަތީ ގޮތެއްގައި ކަމަށެވެ. އަދި އެމަނިކުފާނު ކަންތައް ކުރެއްވީ ކެމެރާ ތަކުގެ ކުރިމަތީގަ އެވެ. މީޑިއާއަށް އެ މަންޒަރު ފެންނާނެ އެވެ. އަދި ރައީސް ޓްރަމްޕްގެ ކުއްލި ހަރަކާތަކީ ސްޓަންޓެއް ނޫނެވެ. އަދި ސީކްރެޓް ސާވިސް އިން އެމީހުން ގެ އޭޖެންޓުންނާމެދު ވަރަށް ފަރުވާތެރިވާނެ އެވެ.